ޓޫރިޒަމް މަސައްކަތް ތަރައްގީ ކުރުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ މައާފު ކުރެވޭނީ ދެ މިލިއަން ޑޮލަރަށް ވުރެ ބޮޑެ މަޝްރޫއުތަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މަސައްކަތް ތަރައްގީ ކުރުމަށް އިމްޕޯޓްކުރެވޭ ތަކެތިން ޑިއުޓީ މައާފުކުރުމުގެ އުސޫލުގައިވާ ގޮތުގައި ޑިއުޓީ މައާފުކުރެވޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
* ލީސް އެގްރީމެންޓް ނުވަތަ ލީސް އެގްރީމެންޓްގެ ދަށުން ހަދާފައިވާ އެމެންޑްމަންޓްތަކުގެ ދަށުން ދީފައިވާ މުއްދަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ހޯދަންޖެހޭ ހުއްދަތައް ހޯދާފައި މަޝްރޫއުތައް
* ޓޫރިޒަމް ދާއިރާގައި ހިނގާ ކެޕިޓަލް އެކްސްޕެންޑިޗަރާއި މަރާމާތުގެ މަސައްކަތަށް ( ޓޫރިޒަމް ދާއިރާގައި ގާއިމުކުރެވިފައިވާ އިންވެސްޓްމަންޓްތަކުގެ ތެރެއިން އޮރިޖިނަލް އިންވެސްޓްމަންޓްގެ އަގުގެ %25 އަށްވުރެ ބޮޑު ހަރަދެއް ހިނގާނަމަ)
* ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތެއް ފެށްޓުމަށާއި މަސައްކަތެއް ކުރުމަށާއި މަސައްކަތެއް ހިންގުމަށް އެ މަސައްކަތެއްގެ ޖުމުލަ އިންވެސްޓްމަންޓްގެ އަގު ދެ މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާ މަސައްކަތްތަކަށް
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ޑިއުޓީ މައާފުކޮށްދިނުމަށް އެދޭ ފޯމާއި އެކު މުހިންމު ލިޔެކިޔުންތައް ހުށަހަޅަން ވާނެ ކަމަށެވެ.
މިގޮތުންހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި ޑިއުޓީ މައާފުކުރުމަށް އެދޭ ފޯމާއި އެޕްލިކޭޝަން ފޯ ޑިއުޓީ އެގްޒެމްޕްޝަން ފޯމު ހިމެނެން ޖެހެ އެވެ. އަދި މީގެ އިތުރުން ޕްރޮޖެކްޓް ނިންމުމަށް ބޭނުންވާ ތަކެތި އެނގޭނޭގޮތަށް ތައްޔާރުކޮށްފައިވާ ބިލް އޮފް ކޮންޓިޓީސް (ބީ އޯ ކިޔު) ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.