ހަބަރު

ހުޅުމާލެ ބާބަކިއު ސަރަހައްދުގެ ފާހާނަ ބަރި އަންނަ މަހު ނިމޭނެ: އެޗްޑީސީ

ހުޅުމާލެ ބާބަކިއު ސަރަހައްދު ބޭނުންކުރާ މީހުނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިމާރާތްކުރަން ފަށާފައިވާ ފާހާނަ ބަރި އަންނަ މަހުގެ ނިޔަލަށް ނިންމާނެ ކަމަށް އެކުންފުނިން އިން ބުނެފި އެވެ.

ބާބަކިއު ސަރަހައްދުގެ އިރުމަތީ ފަރާތުގައި އެތަނަށް ދާ މީހުންނަށް ހާއްސަ ފާހާނާ ބަރިއެއް އަޅަން އެޗްޑީސީން ނިންމައި މަސައްކަތް ފެށީ މި ދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވެސް ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އަންހެނުންނަށް ހާއްސަ ތިން ފާހާނާ އާއި ފިރިހެނުންނަށް ހާއްސަ ތިން ފާހާނައިގެ އިތުރަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ އެއް ފާހާނަ ހިމެނޭ ގޮތަށް އަޅާ އެ ފާހާނަ ބަރިއާ ބެހޭގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވި އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، އެތަނުގެ ރޭނުމުގެ މަސައްކަތުގެ 85 ޕަސެންޓް މިހާރުވެސް ނިމިއްޖެ ކަމަށެވެ. އަންނަ ހަފުތާގެ ތެރޭގައި އެތަން ހިޔާކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ޖުލައި މަސް ނިމޭއިރު ފާހާނާތައް އާންމުންނަށް ބޭނުންކުރެވޭ ވަރަށް ތައްޔާރުކޮށް ނިންމާނެ ކަމަށެވެ.

ގިނަ އަދަދެއްގެ މީހުން ބޭނުންކުރުމަށް ހަދާ އެ ފާހާނާ ބަރި ސާފުކޮށް އެތަނުގެ މެއިންޓެއިނެންސް ބަލަހައްޓަން ހަވާލުކޮށްފައިވަނީ ޓަޕަސް ކުންފުންޏާއެވެ.

ހުޅުމާލެ ބާބަކިއު ސަރަހައްދަކީ މާލެ ސަރަހައްދުގެ އެންމެ ބޮޑު ބާބަކިއު ޕޮއިންޓެވެ. ކޮންމެ ދުވަހަކު، ހާއްސަކޮށް ކޮންމެ ހަފުތާ ބަންދެއްގައި އެތައް ސަތޭކަ މީހުން އެތަން ބޭނުން ކުރާއިރު، ފާހާނާއެއް އެތަނުގައި ހުރުމަކީ އާންމުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް އެޗްޑީސީން ބުންޏެވެ. މީގެ އިތުރުން ވެސް އެ ސަރަހައްދުގައި ކެފޭއެއް ހުޅުވުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.