ފިލްމު ކުޅުމަކީ ޝައުގުވެރިކަން ހުރި ކަމެކެވެ. އެކްޓު ކޮށްލާ އަމިއްލަ ހުނަރު ދައްކާލަން ހުރީ ބޭނުންވެފަ އެވެ. އެއީ ބޮޑުވަމުން އައި އިރު ހިންދީ ފިލްމް ބަލައި ބަލައި ވީކަމެއް ކަމަށް ވެދާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ބޮޑަށް ބޭނުންވީ ލޯޔަރަކަށް ވާށެވެ. އެކަމަކު ސްކޫލު ދައުރާއި ވަދާއީ ސަލާންކޮށް މަތީ ތައުލީމުގެ ތެރެއަށް ވެއްޓިގަންނަން ތައްްޔާރަށް ހުރި ކަމަށް ވިއަސް އޭރު ކަންތައްތައް ވީ ގޮތުން ގާނޫނުގެ ތެރެއަށް ވަދެ ވަކީލެއްގެ ސަނަދު ހޯދާނެ ފުރުސަތު ނުލިބުނީ އެވެ. -- މިއީ ޏ. ފުވައްމުލަކަށް އުފަން ހަދީޖާ އިބްރާހިމް ނުވަތަ މަޝްހޫރު ކުޑަ ހައްޖަގެ ވާހަކަ އެވެ.
ލޯޔަރަކަށް ވުމުގެ ހުވަފެންތައް ދެކެމުން އައި އިރު ފިލްމެއް ކުޅެލާ އެކްޓްކޮށްލަން ބޭނުންވިއަސް ފިލްމީ ދާއިރާއިން ކުރިއަށްދިއުމަކީ ހައްޖަގެ ޕްލޭންގައި އޮތް ކަމެއް ނޫނެވެ. ލޯޔަރަކަށް ވާން ކިޔަވަން ދިއުމުގެ ފުރުސަތެއްގެ އިންތިޒާރުގައި ހުއްޓާ ހައްޖަގެ އަތުގައި ހިފީ ފިލްމީ ދާއިރާ އެވެ.
"އެންމެ ފުރަތަމަ ޗާންސް ލިބުނީ ހައްޖަ ކަޒިން އެއް އުޅުނު ގެއެއްގައި އުޅޭނެ ޕްރޮޑިއުސަރެއް، ދެން އެމީހުން ރާނިޔާ ކިޔާ ފިލްމެއް ކުޅެން ކުއްޖަކު ހޯދަން އުޅެފައި ބުނީ ހަދީ އިންޓްރެސްޓް ހުރެއެއް ނޫންހޭ ކުޅެން ވީ ނޫންހޭ، ދެން ހިތަށް އެރީ ކުޅޭނީ އޭ" ހައްޖަ ފިލްމީ ދާއިރާއަށް ނުކުމެވުނު ގޮތް ކިޔައިދެމުން ބުންޏެވެ.
އެއީ 2004 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު އުމުރުން އެންމެ 19 ވަރަކަށް އަހަރުގެ ހައްޖަ ފުރަތަމަ ކުޅުނީ ލަވަ އެކެވެ. "ވައުދެއް މިރޭ ވާނަން" މިލަވަ އިން ހައްޖަގެ ހުނަރު ޕްރޮޑިއުސަރުންނާ ޑައިރެކްޓަރުންގެ ލޮލުގައި އަޅައިގަނެ ފިލްމީ ދާއިރާގެ ތެރެއަށް އެއްކޮށް ވައްޓާލައި ގަންބާލީ އެވެ. ހައްޖަގެ ފުރަތަމަ ފިލްމު "ވެހޭ ވާރޭ ތެރޭން" ގައި ހައްޖަ ކުޅެފައިވަނީ "ވިލަން" ރޯލެކެވެ. ހައްޖަ ކުޅުނު ގިނަ ފިލްމުތަކާއި ޑްރާމާ ތަކުގައި ހައްޖަ ފެނިގެން ގޮސްފައިވަނީ އެފަދަ ރޯލުތަކުންނެވެ.
" ގިނައިން ލިބިފައި ހުންނަނީ ވިލަން ރޯލުތައް، އެއަށް ކަންނޭނގެ ބޮޑަށް މޮޅީވެސް އެއަށް ކުޅެ ކުޅެ އެއަށް ކަންނޭނގެ ބޮޑަށް ފިޓުވެފައި ހުރީވެސް، ގިނަ އެއް ޗެހީގައި އެ ބައި ކުޅެން ޖެހިފައި ހުރީމަ އެބައި ވަރަށް މޮޅަށް ކުޅެވޭ" ހައްޖަ ބުނީ މިހެންނެވެ. " އެކަމަކު ރޯ ބައިތައްވެސް ފުދޭ ވަރަކަށް ފަސޭހަ ކުޅެން" ފިލްމީ ދާއިރާގައި އަށް ވަރަކަށް ހައްޖަ ހޭދަކުރި އިރު ހައްޖައަށް ވަނީ އޭނާ ކުޅެލަން ބޭނުންވާ އެއް ރޯލު ކުޅުމުގެ ފުރުސަތު ނުލިބި އެވެ. އެއީ މޮޔައެއްގެ ރޯލެވެ.
އެކަމަކު އެނޫން ރޯލްތަކަށްވެސް ހައްޖަ ފިޓުކަން ހައްޖަވަނީ އޭނާގެ ފިލްމު ތަކާއި ޑްރާމާތަކުގައި ދައްކާލާފަ އެވެ. އެގޮތުން ފިލްމް ޕްރޮޑިއުސާ އަބްދުލް ފައްތާހުގެ ޑްރާމާ "ހިނިތުން ވެލާށޭ ކަލާ"ގައި ހައްޖަ ކުޅެފައިވާ ރޯލުން ވަރަށް ރަނގަޅަށް ހައްޖަގެ ހުނަރު ވަނީ ދައްކާލާފަ އެވެ. ހައްޖަގެ ހުނަރު ފެނިގެންދާ އެހެން ފިލްމް ތަކަށް ބަލާއިރު "އޭނާ"، "އެދަތުރު"، "މަގޭ ދަރިފުޅު"، "ހަނޑި ގަނޑުވަރު ދޮން ކަމަނަ" އަދި "ލޫދިފާ" ހިމެނެ އެވެ. އޭގެ ތެރެއިންވެސް "ލޫދިފާ" އަކީ ގިނަ ބަޔަކަށް ވަރަށް ބޮޑަށް ކަމުގޮސް ބަލައިގަންފައިވާ ފިލްމެކެވެ. ހައްޖަ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "އެންމެ ފަހު ވިންދާ ޖެހެންދެން' އިންނެވެ.
ހައްޖަ ފިލްމީ ދާއިރާގައި ފިޔަ ޖަހައިގަތް ދުވަސްވަރަކީ ފިލްމަށްވުރެ ބޮޑަށް ޑްރާމާ ސިލްސިލާގެ މަގުބޫލުކަން ރާއްޖޭގައި ބޮޑު ދުވަސް ވަރަކަށް ވުމުން ހައްޖަ ގިނައިން ފެނިގެން ގޮސްފައި ހުރީވެސް ޑްރާމާ ސިލްސިލާ ތަކުންނެވެ. ހައްޖަ ފެނިގެންދާ ބައެއް ޑްރާމާ ތަކަށް ބަލާއިރު "ކުރަމޭ ވަދާއީ ސަލާމް"، "ވައިރޯޅިއަށް ވެސް ސިއްރުން"، "ސާރާ"، "ހިނިތުން ވެލާށޭ ކަލާ"، "މަންޒިލަކީ ތީޔޭ މަގޭ" ހިމެނެ އެވެ. އަދި "ވަމޭ ކައިރީގައި ކަލާ"، އާއި "ބޭވަފާ ވިޔަސް" މިއީ ވެސް ފާހަގަ ކޮށްލެވޭ ބައެއް ޑްރާމާ ތަކެވެ. ފިލްމުތަކާއި ޑްރާމާތަކަށްވުރެ ގިނައިން ހައްޖައަށް ކުޅެވިފައި ހުރީ ލަވަ އެވެ.
ފިލްމީ ދާއިރާގައި އަށެއްކަ އަހަރު ހޭދަ ކުރުމަށްފަހު ހައްޖަ މިވަނީ ފިލްމީ ދާއިރާ އާ ދުރަށް ޖެހިލާފަ އެވެ. ކުރިއަށް އޮތްތަނުގައި ހައްޖަގެ ފިލްމެއް އަދި ޑްރާމާއެއްވެސް ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ވެފަ އެވެ. ފިލްމީ ދާއިރާއަށް އަލުން ނުކުތުމުގެ ވިސްނުމެއް ހައްޖަގެ މިހާރު ނެތެވެ.
"ފެމެލީ އަށް ޓައިމްދޭން ވެގެން ހުއްޓާލީ، ދެން މިހާރު ޖޮބަށްވެސް ދާތީ ނުވޭ ވަގުތެއްވެސް، ފިލްމީ ދާއިރާއަށްވުރެ ފެމެލީ އާ ޖޮބް މިހާރު މުހިންމުވީމަ ދުރުވަމުން ދުރުވަމުން ގޮސް ދުރުވީ" ހައްޖަ ބުންޏެވެ.
"މިހާރު ދެން ވިސްނުމެއްގައި ނެތް ފިލްމީ ދާއިރާއަށް އަލުން ނުކުންނާކަށް، އެކަމަކު ވަރަށް ރަނގަޅު އޮފާއެއް ލިބިއްޖެއްޔާ ފެނިވެސްދާނެ، މިހާރުވެސް ކޮންމެސް ވަރަކަށް ލިބޭ، ފެމެލީވެސް ވަރަށް ސަޕޯޓިވް މިހާރުވެސް" ހައްޖަ ބުންޏެވެ.