ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ބަނޑުބޮޑުކަން އޭނާގެ ފިރިމީހާ ސައިފް އަލީ ހާން ކަށަވަރުކޮށްދީފި އެވެ. ކަރީނާ ބަނޑުބޮޑުކަން ސައިފް ކަށަވަރު ކޮށްދީފައިވަނީ ކަރީނާ ބަނޑުބޮޑު ކަމަށް އެތައް ދުވަހެއް ވަންދެން އަޑުފެތުރިފައި ވަނިކޮށެވެ.
ސައިފް އާއި ކަރީނާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރެވެ. ސައިފްވަނީ ކަރީނާ ބަނޑުބޮޑު ކަމަށާއި އަންނަ ޑިސެމްބަރު މަހު ވިހާނެ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. މީގެ ކުރިން ސައިފްވަނީ ކަރީނާ ބަނޑު ބޮޑު ކަމަށް ދެކެވުނު ވާހަކަ ދޮގުކޮށްފަ އެވެ.
މިއީ ކަރީނާގެ ފުރަތަމަ ދަރިފުޅެވެ. ސައިފަށް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށް ދެ ދަރިން ލިބިފަ އެވެ. އެއީ ސާރާ އާއި އިބްރާހީމް އެވެ.
ސައިފް އާއި ކައިވެނިކުރި ފަހުން ކަރީނާ ވަނީ ކައިވެންޏަށް ދެތިން އަހަރުވުމުން ދަރިއަކު ހޯދުމާ މެދު ވިސްނާނެ ކަމަށް ބުނެފަ އެވެ. އަދި މިދިއަ އޭޕްރީލްގައި ރިލީޒްވި "ކީ އެންޑް ކާ" އަށް ފަހު ކަރީނާ އަށް ފިލްމުތަކުން ހުށަހެޅުން ލިބެމުންދިޔަ ނަމަވެސް އެއްވެސް ފިލްމެއް ކުޅެން އަދި އެއްބަސްވެފައި ނުވާ ކަމަށްވެ އެވެ.
މިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ވެސް ކަރީނާ ވަނީ ދަރިން ހޯދަން ބޭނުންވާ ކަމަށާއި ކުއްޖަކު ލިބޭ ފަހުން ވެސް އޭނާ ފިލްމު ކުޅުން ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ.
ކަރިނާ އެންމެފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ ހަފްތާ ރިލީޒްކުރި "އުޅްތާ ޕަންޖާބު" އިންނެވެ. އެ ފިލްމުގައި އޭނާ ކުޅެފައިވާ ރޯލަށް އެތައް ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. ދެން އެންމެ އަވަހަށް ކަރީނާ ކުޅޭނީ ބަތަލާ ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރް އާއި އެކު ފެނިގެންދާ "ވީރް ދި ވެޑިިން" އިންނެވެ.