ބޮލީވުޑް

ސަންޖޭ ދަތުގެ ބައޮޕިކްގައި ރަންބީރާއެކު ކެޓްރީނާ ފެނިދާނެބާ؟

Jun 15, 2016

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލުން ފެނިގެންދާނީ އެކްޓަރު ރަންބީރު ކަޕޫރު ނަމަވެސް މިފިލްމުގައި ރަންބީރާއެކު ފެނިގެންދާނެ ބަތަލާއިން އަދިވެސް ހަމަނުޖެހެ އެވެ.

ރަންބީރާއެކު މިފިލްމުގެ ދެބަތަލާއެއް ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވެމުން އަންނައިރު، ފިލްމުގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އާއި ސަންޖޭ ދަތު ބޭނުންވަނީ އޭނާގެ މިހާރުގެ އަނބިމީހާގެ ރޯލު ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް ކުޅުމަށެވެ.

އެގޮތުން ހިރާނީ މިހާރު ފިލްމުގެ ބަތަލާގެ ރޯލު ކެޓްރީނާ އަށް ހުށަހަޅައި ފިލްމުގެ ސްކްރިޕްޓް ވެސް އޭނާއަށް ފޮނުވާފައިވާ ކަމަށްވެ އެވެ. ނަމަވެސް ހިރާނީގެ ހުށަހެޅުމާ ބެހޭގޮތުން ކެޓްރީނާ އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މިއަހަރުގެ ޖެނުއަރީ މަަހުގެ ތެރޭގައި ރަންބީރާ ކެޓްރީނާ ރުޅިވެފައިވާއިރު، ދެތަރިން އެކުގައި ކުޅެމުން އައި ފިލްމު "ޖައްގާ ޖާސޫސް" އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ދެމީހުން ވަކިވުމުން ފިލްމުގެ ގިނަ މަންޒަރުތަކެއް ނުނެގި ރިލީޒްކުރަން ހަމަޖެހިފައި އޮތް ތާރީހަށް ފިލްމު ނިމިފައިނުވާއިރު، ތިން ވަނަ ފަހަރަށް ރިލީޒްކުރާ ދުވަސް ވެސް ވަނީ ލަސްކޮށްފަ އެވެ.

މިދެތަރިން ރުޅިވުމުން އިތުރު ފިލްމެއް ދެން އެކުގައި ނުކުޅޭނެ ކަމުގެ އަޑުތަކެއް އަރާފައިވާއިރު، މިފިލްމުގެ ހުށަހެޅުން ކެޓްރީނާ ގަބޫލުކޮށްފާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ނަމަވެސް ރުޅިވިފަހުން ވެސް މިދެތަރިން "ޖައްގާ ޖާސޫސް" ގެ މަންޒަރުތައް ނަގައި ނިންމާލާފައިވާތީ އާއި މިފިލްމުގެ ޝޫޓިންގެ ތެރެއިން މިދެތަރިންގެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭ ކަން މީހުންނަށް އެނގޭ ފަދަ ގޮތަކަށް އުޅެފައި ނުވާތީ މިފިލްމުން ދެތަރިން އެކުގައި ފެނުން ގާތްކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި މިފިލްމުގެ ހާއްސަ މަންޒަރަކުން ސަންޖޭ ދަތުގެ ގާތް އެކުވެރިޔާ ސަލްމާން ޚާން ވެސް ފެނިގެންގޮސްދާނެ އެވެ.

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ޝައުގުވެރިވެ ހިރާނީ ސަންޖޭ ދަތާ ބައްދަލުކޮށްފައިވަނީ އޭނާ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށެވެ. މިފިލްމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށްވެ އެވެ.