ފިނިޕޭޖް

ސަމާގެ ޑައިރީ: ވަރަށް ޕާސަނަލް ވާހަކަތަކެއް

  • ބުރުގާ އެޅިޔަސް ލުކްސް ވަރަށް މުހިންމު
  • ބޮޑަށް އެންޖޯއިކުރެވެނީ ސިންގަލް ލައިފް
  • ވަރަށް ބިޒީ، އެކަމަކު ލަވަކިޔުމާއިގެން ކުރިއަށް

ސަމާގެ ސެލެބްރިޓީ ލައިފްގައި އައި އެންމެ މަޝްހޫރު ދެ ހިނދުކޮޅަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ މިއީ ޖަވާބު ދޭން ވަރަށް ފަސޭހަ ސުވާލެކެވެ. ސަމާގެ އެންމެ މަޝްހޫރު އެ ދެ މޮމެންޓަކީ ކޮބައިކަން އެންމެނަށް ވެސް އެނގޭތީ އެވެ.

އެގޮތުން އެންމެ ފުރަތަމަ އޭނާ އާންމުންގެ ސަމާލުކަން ހޯދީ، ޓީވީއެމްގެ އެހނދާނުގައި ޝޯގެ ރެޓްރޯ އެޑިޝަނުގައި ހުށަހަޅައިދިން ފޯރިގަދަ "ޑައިރީއެއް" ހުޅުވައި އެއިން ލަވަކިޔައިދީގެންނެވެ. އެހިސާބުން، ސަމާހާ މޫސާ ދީދީ ބަދަލުވެގެން ދިޔައީ "ޑައިރީ ސަމާ" އަށެވެ. މަގުމަތިން ފެނިގެން އޭނާ އަށް އެއް ބަޔަކު ތައުރީފު އެއްލިއިރު ބަޔަކު މީހުން ދިމާ ވެސް ކުރި އެވެ. އެކަމަކު ފަސްއެނބުރި ބެލުމެއް ނުވި ސަމާ ދުއްވައިގަތީ ކުރިއަށެވެ.

ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ނަތީޖާ، ފެންނަން މިއޮތީ އެވެ.

ތިރީގައި މި އޮތީ އަވަސް ވީކެންޑަށް ސަމާ ދިން ހާއްސަ އިންޓަވިއުގެ ހުލާސާއެކެވެ. މި އިންޓަވިއު އޭނާގެ އަމިއްލަ ޑައިރީ އަށް ވުރެ ޕާސަނަލް އެވެ. ލިޔުން އެކަނި ކިޔާލައިގެން ވެސް ހުރިހާ ވާހަކައެއް ފަހަރެއްގައި ނުލިބިދާނެ އެވެ. ލިޔުމުގައި ނެތް އެތައް ވާހަކައެއް ވީޑިއޯ އިންޓަވިއުގައި އަދި ހިމެނިފައިވާތީ އެވެ.

ލައިފްގެ އެންމެ މުހިންމު ތިން ކަމެއްގެ ވާހަކައިން ހިނގާ ފަށަމާ؟

"އަބަދުވެސް ވިސްނަނީ، މަންމަ ހެޕީވާވަރުގެ ކަމެއް ކޮށްދެވޭތޯ. ޕްރައުޑްވާ ވަރުގެ ކަމެއް ކޮށްދެވޭތޯ. އެއީ އަބަދުވެސް އެންމެ ފުރަތަމަ ވިސްނާ ކަމަކީ. ދެން އަބަދުވެސް ބޭނުންވޭ ވަރަށް އިންޑިޕެންޑެންޓް، ވަރަށް ސްޓްރޯންގް ކެރިއާއެއް ބިލްޑްކުރަން ބޭނުންވޭ. އެއީ ވެސް ވަަރަށް ކުރަން ބޭނުންވާ ކަމެއް."

"ދެން އަބަދުވެސް ބޭނުންވޭ މީހުން ވަރަށް އެޑްމަޔާކުރާ ކަހަލަ މީހަކަށްވާން. ޕާސަނަލާޓީ ވައިސްކޮށްވެސް އަދި ލުކްވައިސްކޮށްވެސް. ފަށައިގަންނައިރު ދެން ކޮންމެ މީހަކު ވެސް ހުންނާނީ ވަރަށް އާދައިގެ މީހެއްގެ ގޮތުގައި. ވަރަށް އެކްސްޕްލޯކުރަން ބޭނުންވޭ އެކިކަހަލަ ސްޓައިލްސް އާއި ފެޝަން. މީހާގެ ލުކް އެއީ ވެސް ވަރަށް މުހިންމު އެއްޗެއް."

ބުރުގާގެ ލުކްސް. ބުރުގާގެ ފެޝަން. ސަމާ އަކީ ވަރަށް ތަފާތު ސްޓައިލްތަކެއްގައި ފެންނަ މޫނެއް. ކޮން އިރަކު ބުރުގާ އެޅީ އަދި ބުރުގާ އަޅަން ނިންމި ސަބަބު ކިޔައިދީބަލަ؟

"ބުރުގާ އެޅީ، ސަމާ ގްރޭޑް ނައިން އަށް ދިޔަ އަހަރު، އަމީނިއްޔާ ސްކޫލްގައި އުޅެނިކޮށް. އަސްލުވީ ގޮތަކީ އެކުގައި އުޅުނު ހުރިހާ ދައްތައިންތަކާއި ދަންނަ މީހުން ވެސް ހަމަ ކުއްލިއަކަށް ބުރުގާ އަޅަން ފެއްޓީ. ދެން އޭރު ވެސް ވަރަށް ބުރުގާ އަޅަން ބޭނުންވެފައި ހުރީ. އެކަމަކު މަންމަ ބުނީ ސްކޫލް ނިމުނީމަ ބުރުގާ އަޅާށޭ."

"އަޅާހިތް ނުވެފަ ހުއްޓައި އަސްލު ބުނެގެން ބުރުގާ އެޅީ. މަންމަ ބުނެގެން އަސްލު ބުރުގާ އެޅީ. މަންމަ ބޭނުންވެގެން. އެކަމަކު ސަމާ ވެސް ވަރަށް ލައިކްވާ ލުކެއް ބުރުގާގެ ލުކަކީ. އެކަމަކު ވެސް ހަމަ ބޮޑަށް މަންމަ ބުނެގެން ބުރުގާ އެޅީ."

ސަމާ އަކީ އަބަދުވެސް މިގޮތަށް ވަރަށް ރީއްޗަށް ހެދުން އަޅައި ފަހުގެ ފެޝަންތަކާ މިހާ ދޯޅު މީހެއްތަ އަބަދުވެސް؟ މިސާލަކަށް ބުރުގާ ނޭޅި ނަމަ ސަމާ ފެންނާނީ ކިހިނެތް؟

"ވަރަށް ޑޯލްއަޕްވާން ބޭނުންވާ މީހެއް އަބަދުވެސް. ވަރަށް ޕެމްޕާވެގެން، ކުޑައިރުވެސް ލިޕްސްޓިކް ޖައްސައިގެން ވަރަށް ޑްރެސް ލާ ހިތްވާނެ އަބަދުވެސް. ވަރަށް ޑްރެސީވާނެ ކުޑައިރު ވެސް. ބާބީ ޑޯލް ލުކްސް އަށް ކުޑައިރު ބޮޑަށް ލޯބިކުރަނީ ވެސް. އެހެންވީމަ (ބުރުގާ ނޭޅި ނަމަ ވެސް) އައި ވުޑް ޕްރިފާ ޑްރެސްކޮޅު ލައިގެން، ކުރުކުރު އެއްޗިއްސެއް ނޫން، ޑީސަންޓް ބަޓް ހަމަ ލޯބި ވަރުގެ އެއްޗިހި ލައިގެން އުޅެން. ބޯ ފަންކޮށްލާފަ، ލިޕްސްޓިކް ޖައްސާލާފަ އެހެން އުޅެން. ވަރަށް ހެއާ ވެސް ވާނެ. މިހާރު ވެސް ބުރުގާ އެޅިޔަސް އިސްތަށިގަނޑަށް ވަރަށް ބަލައިގެން އުޅޭނީ"

އެހެންވީމަ ސަމާ ގަބޫލުކުރަންތަ ބުރުގާ ތިޔަ އަޅަނީ އަޅަން ޖެހޭ ގޮތަށް ކަމަށް؟

"ދެން އެކި މީހުންގެ ވިސްނުން ތަފާތުވާނެ ދޯ. ސަމާ އަބަދުވެސް ބަލަނީ ބުރުގާ އަޅާއިރު އެ މިންގަނޑަކަށް ފެތޭތޯ. ފެތެންޏާމު ވިސްނަނީ ސަމާގެ ލުކުން މީހުންނަށް ދެނީ ކިހާ ވަރެއްގެ މެސެޖެއްތޯ. ސޯ މިންގަނޑަށް ފެތެންޏާމު ސަމާ އަށް އޭތި ބަލައިގަނެވޭ."

ސަމާ ގިނަ ބައެއްގެ ތެރެއަށް މަޝްހޫރުކޮށްލި ޕާފޯމެންސަކީ އެހަނދާނުގައި ރެޓްރޯ ޝޯގައި ހުށަހަޅައިދިން ލަވަ. އެ ފުރުސަތު ލިބުނު ގޮތާއި ފަހުން އޭގެ އަސަރުކުރި ގޮތް ކިޔާލަ ދީބަލަ؟

"އޮޑިޝަނަކަށް ގޮސްގެން ހޮވިގެން އެ ފުރުސަތު ލިބުނީ. ދެން ކިޔަން ލިބުނީ ފާސްޓް ލަވައެއް. އެކަމަކު ސަމާ އަކީ އެހާ ފާސްޓް ލަވަތަކަކަށް ލޯބިކުރާ މީހެއް ނޫން އެއްވެސް އިރަކު. ދެން އެކަންވީ މުޅިން އާ އެކްސްޕީރިއަންސްއަކަށް. ޕްލަސް ލަވަ ރިކޯޑްކޮށްދިން (ކުޑައިއްބެ) ބުނި މި ލަވަ ރީއްޗަށް ކިޔައިފިއްޔާމު ސަމާވާނެއޭ ޝޯގައި ނަން ހިނގާވަރުގެ ކުއްޖަކަށް."

"ދެން އިރާދަކުރެއްވިއްޔާ އެ ލަވަ ކިޔައިގެން މީހުން ބަލައިވެސްގަތް. ސަމާ މަގުމަތިން ފެނުނަސް މީހުން ގޮވަން ވެސް ގޮވާނެ ޑައިރީ ޑައިރީއޭ ކިޔާފައި. ކުޑަކުދިން ވެސް ގޮވާލާނެ ޑައިރީ ދައްތަ ޑައިރީ ދައްތައޭ ކިޔާލާފައި. މުޅިން ތަފާތު އެކްސްޕީރިއަންސަކަށްވީ."

މަޝްހޫރު މޫނަކަށްވީމަ، އާންމުންގެ ތެރޭގައި އުޅޭއިރު ކިހާ ވަރަކަށް އަހުލާގަށާއި ތިމާގެ ލުކްސް އަށް ސަމާލުކަން ދެވޭތަ؟

"އެންމެ ފުރަތަމަ ނުވިސްނޭ މީހާ ޖެހޭނެކަން މީހުންގެ ތެރެއަށް ނުކުމެ އުޅޭއިރު، މީހުން ބަލާނެ ކަމާއި މީހުންނަށް ސަމާ އެނގޭޏެކަން، އެފަދަ އެއްވެސް ކަމަކަށް އޭރަކު ނުވިސްނަން. މީހުން ގޮވާނެއޭ ސަމާއަކަށް އެފަދަ އެއްވެސް އެކްސްޕެކްޓޭޝަނެއް ނެތް އޭރަކު. މީހުންގެ ސަމާލުކަން ލިބޭ ވަރުގެ މީހަކަށް ސަމާ ވެދާނެއެކޭ އޭރަކު ހިތަކަށް ނާރާ"

"ދެން އޭތި ބަދަލުވީ އެހަނދާނުގައި އަށް ފަހު. ދެން ޕަބްލިކް ފިގާއަކަށްވީމަ ވަރަށް ބޮޑު ބަދަލެއް އައި ހަގީގަތުގައި ވެސް. ސަމާ އަކީ އާންމު ދިރިއުޅުމުގައި ވަރަށް ހައިޕާ މީހެއް. ވަރަށް ސަކަރާތްޖަހާ ހޭ މީހެއް. މަގުމަތިންދާއިރު ވެސް އަޑުގަދަކޮށް ހެމުން ސަކަރާތްޖަހަމުންދާ މީހެއް ކުރިން. ދެން ޓަސްލާފަ މީހުންނަށް އެނގޭ މީހަކަށްވީމަ ނުކެރޭ އެގޮތަށް ތަންތަނަށް ގޮސް ސަކަރާތްޖަހާކަށް ވެސް. އެހެންވީމަ މީހުންނަށް އެނގޭ މީހަކަށްވީމަ މީހާ ހަމައަކަށް އަޅުވަން ޖެހުނު އެގޮތަށް."

ލަވަކިޔުންތެރިއެއްގެ ގޮތުގައި މީހުންނަށް ސަމާ އެނގުނަސް ސަމާގެ އަސްލު ފީލްޑަކީ މުޅިން އެހެން ދާއިރާއެއް. އަހަރެމެންނަށް ކިޔައިދީ ބަލަ ސަމާގެ މަސައްކަތުގެ އަސްލު ދާއިރާ؟

"ސަމާ އަކީ އަބަދުވެސް ވަރަށް ބިޒީކޮށް އުޅެން ބޭނުންވާ މީހެއް. އެކަމަކު ލަވަކިޔައިގެން ހަނި ފުރުސަތުތަކެއް މި ލިބެނީ. އެހެންވީމަ އެގޮތަށް ގޭގައި ހުރުމަށް ވުރެ ބޮޑަށް އެހެން ވަޒީފާއަކަަށް ނުކުތީ. ދެން ސަމާ އަކީ އަބަދުވެސް އެންމެ ކުޑައިރު ވެސް ފްލައި ކުރުމަށް ވަރަށް ވަރަށް ވަރު ހުންނަ މީހެއް."

"ކޮންމެހެން ކެބިން ކްރޫއަކަށް ވާކަށެއް ނޫން. އެކަމަކު ޓްވެރަލްކުރަން. އެއާލައިން ފީލްޑްގައި ވެސް ވަަރަށް މަސައްކަތްކުރާހިތްވޭ. އެހެން ހުއްޓައި ފުރުސަތު ލިބުނީ އޮމާން އެއާ ލައިން އިން. އެއަށް ފަހު މިހާރު މި މަސައްކަތް މި ކުރަނީ އިއްތިހާދު އެއާވޭސްގަ. އަސްލު ބުރުގާ އެޅީމަ ކެބިން ކްރޫގެ ބޭނުންވާ އަސްލު ލުކް ނާންނާނެތީ ނިންމީ އެއާލައިންގެ ކޮންމެވެސް އެހެން ދިމާލެއްގައޭ މަސައްކަތްކުރާނީ."

ބުރުގާ އެޅީމަ ވަޒީފާގެ މާހައުލުގައި ތަފާތުކުރުމެއް އަންނަނީތަ އަނެއްކާ؟ އެކަހަލަ ތަޖުރިބާއެއް އެބަހުރިތަ ކުރެވިފައި؟

"ބުރުގާ އެޅީމަ ޑިސްކްރިމިނޭޝަންސް އާދޭ ހަގީގަތުގައި. މިވެނި ކަމެއް ނުވެއޭ އެވެނި ކަމެއް ނުވެއޭ ކިޔާފައި. ވަަރަށް ބޮޑަށް މި ސޮސައިޓީގައި އޮންނަ މައްސަލައެއް އެއީ. އަދި ކުރިން ނަމަ ބުރުގާ އަޅާ ކުދިންނަކަށް ނުކެރޭނެ މި ގޮތަށް ލަވައެއް ކިޔާލަން ނުކުންނާކަށް ވެސް. ފޮޓޯއެއް ނަގާލާކަށް ވެސް. ބުރުގާ އަޅާތީވެ އަސްލު އެބަހުރި އެގޮތަށް ވަރަށް ބޮޑަށް ތަފާތުކޮށްފައި. ޖޮބްތަކަށް އެޕްލައިކޮށްގެން އަޅުގަނޑަށް ވެސް އެބަހުރި އެކަހަލ ކަންކަން އަމިއްލަ އަށް ތަޖުރިބާކުރެވިފައި."

"އެކަމަކު މީހާގެ ހުރި ހުނަރެއް ދެއްކޭނީ މީހާ ހުންނަ ގޮތަކުންނެއް ނޫނޭ ބުނެލަން ބޭނުންވަނީ. ކޮންމެ މީހަކަށް ވެސް ފުރުސަތު ލިބެން ޖެހޭނެ."

ބުނެވިދާނެތަ ސަމާ އަކީ ތިއީ ޒުވާން އެހެން އަންހެން ކުދިންނަށް ހުރި ނުބައި ނަމޫނާއެކޭ؟

"ބޭޑް އިންފްލުއެންސެކޭ ނުބުނެވޭނެ. ވަރަށް ގެރެންޓީއާއެކު މި ބުނަނީ. އެއީ އިރާދަކުރެއްވިއްޔާމު ސަމާގެ ފަރާތަކުންނެއް މީހަކު ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް މީހަކު ދެރަވާވަރުގެ ކަމެއް ހީއެއް ނުވޭ ކުރެވިފަ ހުރިހެނެއް. ނޭނގި ނަމަވެސް އެފަދަ ކަމެއް ކުރެވިފައި ހުރެއްޖެ ނަމަ އެކަން ގަބޫލުކޮށް ރަނގަޅުކުރާނެ މީހެއް ސަމާ އަކީ. އެހެންވީމަ ބޭޑް އިންފްލުއެންސެކޭ ނުބުނެވޭނެ ސަމާ އަކީ. އެހެން ބުނާނެ ޗާންސެއް ނުވެސް ދޭނަން އިރާދަކުރެއްވިއްޔާމު."

ދެން ހިނގާބަލަ ސަމާގެ ވަރަށް ޕާސަނަލް ސައިޑަކަށް ޖެހިލަމާ. ލޯބިވެރިން އަދި ރިލޭޝަންޝިޕްސްގެ ވާހަކަ އަށް. އެކަމަކު ދެން ލޯބިވެރިއެއްގެ ވާހަކަ ސަމާއާ އެކު ދެއްކޭކަށް. ސިންގަލްކޮށް ތި ހުންނަނީ. ކީއްވެ؟

"އަދި އެކަހަލަ ކަމަކާ ނުވިސްނަނީކީއެއް ނޫން. އެކަމަކު އަދި ބޭނުންވަނީ ލައިފް އެންޖޯއިކުރަން. އެންޖޯއިކުރަންޏާމު ސިންގަލް ވުމަންއެއްގެ ގޮތުގައި އެންޖޯއިކުރަން ބޭނުންވަނީ."

"ދެން އަބަދަކު މިހެން ސިންގަލްކޮށް ހުންނަނީކީއެއް ވެސް ނޫން. އައި ހޭވް ބީން އިން އަ ރިލޭޝަންޝިޕް. ދެން ސަމާ އަކީ އަބަދުވެސް މީހަކާ އެކު އުޅެންޏާމު އަބަދުވެސް އެކަކާ އެކު އުޅެން ބޭނުންވާ މީހެއް. ދެން އޭތި ވޯކްއައުޓް ނުކުރަންޏާމު ހިތްޖެހުން ދުވަހަކުން ދާނީ. ވަރަށް އުނދަގޫވާނެ. މި ދުވަސްކޮޅު އަދި ބޭނުމެއް ނުވޭ ރިލޭޝަންޝިޕަކަށް ދާކަށް. ހިތަށް އަރަނީ އަދި އެންޖޯއިކުރާނީއޭ މި ލައިފް."

އަވަހަށް މެރީކުރުން ނުވަތަ ޒުވާން އުމުރުގައި މެރީކުރުން. ކޮބައިތަ ސަމާގެ ހިޔާލަކީ؟

"މެރީކުރާ ހިސާބުން ސަމާ އަށް ފީލް ވަނީ، ގާތްގަނޑަށް ލައިފް ފާޑަކަށް ސްޓަކްވަނީ. ދެން އެއްކަމެއް ދޯ އިންނާނީ ލައިފްގައި. ހަޒްބަންޑް. ގޭގަވެއްޖެއްޔާ ގޭގަ. ވޯކްގަ ނަމަ ވޯކްގަ. ނީންނާނެ މާ ބޮޑު އެކްސައިޓްމަންޓެއް. އެހެންވީމަ މި އޭޖުގައި ވެސް (24 އަހަރު) ގައި މެރީކުރާކަށް އެހާ ކޮންވީނިއަންޓެއް ނޫން އަދި. ރިލޭޝަންޝިޕަކަށް ދާން ބޭނުންނުވަނީކީއެއް ވެސް ނޫން. އެކަމަކު އަދި ހަމަ ބޭނުންވަނީ ސިންގަލްކޮށް ހުރެލަން."

"ހުވަފެންތައް ހާސިލުކުރެވެންދެން ބޭނުންވަނީ ސިންގަލްކޮށް ހުންނަން. ބޭނުމެއް ނުވޭ ވަކި މީހަކަށް ޑިޕެންޑްވާކަށް."

އެހެންވީމަ ބުނެވިދާނެތަ ސަމާ އަކީ ގެޓްއޯވާވުމުގެ މައްސަލަ ހުންނަ މީހެކޭ؟

"ގެޓްއޯވާވުމުގެ މާނައެއް އަސްލު ސަމާއަކަށް ނޭނގޭ. އެކަމަކު ބުނެލަން ބޭނުންވަނީ މީހަކާ އެކު އުޅޭ ނަމަ އުޅެން ބޭނުންވަނީ އެކަކާ އެކުގައޭ. އެކަމަކު އެމީހަކު މަތިން ހަނދާން ނައްތާލަން ވަރަށް އުނދަގޫވާނެ. އެކަމަކު ވެސް ގެޓްއޯވާނުވާނެއެކޭ ވެސް ނުބުނާނަން. އެހެންމީހަކާ އެކު މޫވްއޮވް ކުރަން ބޭނުންވެއްޖެއްޔާމު އެކަން ވެސް ކުރެވިދާނެ."

މިސާލަކަށް، ލައިފް ޕާޓްނަރެއްގެ ގޮތުގައި ސަމާގެ ހަޔާތަށް ގެންނަން ބޭނުންވާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކެއް ކިޔައިދީބަލަ. ކޮން ކަހަލަ ބައިވެރިޔަކު ބޭނުންވަނީ؟

"ވަރަށް ފެއަރީޓޭލް ވިސްނުން ހުންނަ މީހެއް މިއީ. އަބަދުވެސް ބޭނުންވާނީ ވަރަށް ޗާމިން ލުކް. ޕްރިންސްހެން ހުންނަ މީހުން. އަބަދުވެސް ކުޑައިރު ވެސް ހިތަށް އަރާ ޕްރިންސް ޗާމިން ލުކެއް ލިބޭނެނަމައޭ. އަޅައިގަންނަ ކަހަލަ ލުކެއް ހުންނަ ނަމަ ބުނާނީ އެއީ ސަމާގެއޭ. ކަޅުވިޔަސް ދޮންވިޔަސް ވަރިހަމަ. އެކަމަކު ޗާމިން ލުކެއް ހުންނަން ޖެހޭނެ. ސަމާއާ ޖެހިގެން އިންނައިރު ސަމާ އަށް ވުރެ ރީއްޗަސް، ހަޑިޔަސް ހެޔޮ."

ސަމާގެ ހަޔާތަށް އައިސް ގޮސްވީ އެއްވެސް މީހަކަށް ބުނެވިދާނެތަ ސަމާ އަކީ ބޭވަފާތެރިއެކޭ؟

"ހީއެއް ނުވޭ އެއްވެސް މީހަކަށް ބުނެވިދާނެހެން ސަމާ އަކީ ބޭވަފާތެރިއެކޭ. ކަލްޕްރިޓް، ބޭވަފާތެރިއެއް އެކަހަލަ އެއްވެސް ބަހެއް ނުބުނެވޭނެ. އަޅުގަނޑު ވަރަށް ލޯޔަލްވާނެ ހަމަ ކޮންމެ މީހަކަށް ވެސް. ކޮންމެހެން ލޯބިވެރިޔަކަށް ނޫން. ހަމަ އެންމެނަށް ވެސް. އައި ވިލް ގިވް މައި ހަންޑްރެޑް ޕަސެންޓް ޓު ދެޓް ޕާސަން."

  • ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
  • މޭކަޕް އަދި ސްޓައިލިން: ރިޒް
  • ވޯޑްރޯބް: ލޭއިލާ، ރިވެންޖު ބައި ކެވިން
  • ވީޑިއޯ އެންޑް އެޑިޓިން: މުހައްމަދު އަޒާން
  • ލޮކޭޝަން: ނޯވިލް ގްރިލް އެންޑް ރެސްޓޯރަންޓް