މި އާދަޔާހިލާފު ކެރެކްޓާއެއް އެނގި، ބައްދަލުވެ، ތައާރަފްވީ މި ރޯދަ މަހަށް ހާއްސަކޮށްގެން އަޅުގަނޑުމެން ގެނެސްދޭ "މުހައްމަދުއްރަސޫލުއްﷲގެ ހާއްސަ ސިލްސިލާ" ގެ ދިވެހި ތަރިން ހޯދުމުގެ ތެރެއިންނެވެ. ޓީވީގައި މަސައްކަތްކުރާ ގާތް މީހަކަށް ގުޅާލުމުން ވިދާޅުވީ "ތިކަމުގައި އެންމެ ފަސޭހައިން މައުލޫމާތު ލިބޭނީ މި ދަންނަވާ ބޭފުޅަކަށް ގުޅާލެއްވީމަ" ކަމަށެވެ.
އެ ބޭފުޅަކީ މިއީ އެވެ. ނަޒީރެވެ. އެ ބޭފުޅާ އަކީ ޓީވީއެމްގެ ވީޑިއޯ އާކައިވް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެ ހުންނެވި އެތަނުގެ އެސިސްޓަންޓް މެނޭޖަރެކެވެ. – މި ވަގުތު ޓީވީއެމްގެ ވަޒީފާގައި މެދުކެނޑުމެއް ނެތި މަސައްކަތްކުރައްވާތާ އެންމެ ގިނަ ދުވަސްވީ ބޭފުޅާއެވެ. –
ޓީވީއެމްގައި އޭނާ ވަޒީފާ އަދާކުރައްވާތާ މިއީ 37 ވަނަ އަހަރެވެ.
ތިރީސް ހަތް އަހަރު މިގޮތަށް ލިޔެލާފައި އޮތުމަކުން އެއީ ދުވަހެއްކަމެއް އަދި އިހްސާސްނުކުރެވިދާނެ އެވެ. އަދި އެއް ތަނެއްގައި 37 އަހަރުވަންދެން މެދުނުކެނޑި ވަޒީފާ އަދާކުރުމަކީ ކޮން ކަހަލަ ކަމެއްކަން ވެސް ގިނަ ބަޔަކަށް އިހްސާސުނުކުރެވިދާނެ އެވެ.
މީގެ އިތުރަށް ވެސް އެންމެ ހާއްސަކަމަކީ މިއީ އެވެ. ތިރީސް ހަތް އަހަރު ވަންދެން ގަޑިނުޖެހި އެއް އޮފީހަކަށް ގަވާއިދުން ނުކުތުމަކީ ކޮން ކަހަލަ ކަމެއްކަން އަމުދަކުން މިއަދުގެ ނޯޖަވާނުންނަކަށް ނޭނގިދާނެ އެވެ.
މި ހުރިހާ އިހްސާސެއް އަދި ތަޖުރިބާއެއްގެ ވެރިޔަކީ މި ޝަރަފްވެރި ނަޒީރެވެ.
އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާއިން އޭނާ ޓީވީއެމްއާ ގުޅުނުއިރު އެތަނަށް އަދި އަހަރު ވެސް ނުފުރެ އެވެ.
"މި ދާއިރާ އަށް އަޅުގަނޑު ވަންއިރު މިއީ ވަރަށް އާ ކަމެއް ރާއްޖެ އަށް. މިތަނުގެ އުމުރުން 10 މަހުގައި ޓީވީ އަށް އަޅުގަނޑު ވަނީ،" މާ ކުރީގެ ހަނދާނަކުން ނަޒީރު ފެއްޓެވީ މިހެންނެވެ.
"އަޅުގަނޑު ޓީވީއެމް އަށް ވަންއިރު އެތަނުގައި އުޅޭނީ ގާތްގަނޑަކަށް ވިއްސަކަށް މުވައްޒަފުން. މި ޑިޕާޓްމަންޓްތަކެއް ވެސް ނުހުންނާނެ."
އޭގެ ފަހުން މިހާރު 37 އަހަރުވީ އެވެ.
އެކަމަކު އެންމެ ފުރަތަމަ ނަޒީރަށް ޖެހިވަޑައިގެންނެވި ހާލަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އާ ކަމަކަށް ނުވަތަ އާ ތަޖުރިބާއަކަށް ހިތްބަންޑުންކޮށްލައްވައިގެން ގޮސް ޓީވީއެމްގެ ދޮރާށިން ވަނުމުގެ ކުރިން ނަޒީރަކަށް ހިތުގެ އެ މިނިވަންކަމެއް ނެތެވެ.
"އޭރުގެ ގާނޫނު އޮންނަ ގޮތުން ކިޔެވުން ނިމުނީމަ ތިން އަހަރު ވަންދެން ސަރުކާރަށް ހިދުމަތްކޮށްދޭން ޖެހޭނެ. އޭރު ދެން އެމީހަކު ވަކި ބޭނުން އޮފީހަކަށް ވެސް ނޫން ދެވެނީކީ ވެސް. ސަރުކާރުން ނިންމަވާ ގޮތަކަށް ހަދަން ޖެހޭނީ. ސްކޫލް ނިމޭއިރު ސަރުކާރުން އޮންނާނީ ވަޒީފާ ވެސް ދީފައި. އަޅުގަނޑަށް އެންގީ އޮޑިޓް އޮފީހުން ވަޒީފާ ދީފީމޭ، ނުކުންނާށޭ،" މަޖީދިއްޔާ ސްކޫލުން ގްރޭޑް 10އެއްގެ ކިޔެވުން ނިންމާލުމާ އެކު ސަރުކާރުގެ ފުރަތަމަ ވަޒީފާ ލިބުނު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވި އެވެ.
އޭރު އުމުރުން ގާތްގަނޑަކަށް 18 އަހަރެވެ.
"އެތަނުގައި ހަމަ އާދައިގެ ކާތިބެއްގެ ވަޒީފާ އަށް އެންމެ ފުރަތަމަ ނުކުތީ."
ކޮންމެއަކަސް ސަރުކާރުން ދެއްވި މި ވަޒީފާއެއްވީ ނަޒީރު ނިކަން ބޮޑަށް ފޫހިކޮށްލި ވަޒީފާއަކަށެވެ. އެހެން ނަމަވެސް ގަޔާވެ ވަޑައިނުގެންނެވި މަސައްކަތާއި މަސައްކަތުގެ މާހައުލުގައި މަޑުކޮށްލެއްވީ އެވެ. ފަހަރުގައި އަމިއްލަ ޒާތުގައި ވެސް އެ ހުންނަވާ މަޑުމައިތިރި ކިޔަމަން މިޒާޖެއްގެ ސަބަބުން ހިތްއޮތް ގޮތް ނުވަތަ ހިތް އެދި ގޮވަމުން ދިޔަ މަންޒިލަށް ފިލައިގެން ދާން ވެސް ބޭނުންވެ ވަޑައިނުގަތީ އެވެ.
ނަޒީރެއްގެ ވާހަކަ ދައްކާއިރު މިތަނުގައި ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. މިއީ ވަރަށް ވެސް މަޑުމައިތިރި، ވަރަށް ވެސް ބަސް މަދު ބޭފުޅެކެވެ. އަދި އެ ކުރައްވާ ކަމެއްގައި ނިކަން ފަރުވާތެރި ކަމަށް ކަމޭހިތައްވާ ބޭފުޅެއް ވެސްމެ އެވެ.
އެހެން ނަމަވެސް ހިތަކަށް ކެތްކުރެވޭނީ ވަކި ވަރަކަށޭ ބުނާ އުސޫލުން ނަޒީރު ވެސް އެންމެފަހުން ހިތްއެދި ގޮވަމުން ދިޔަ މަންޒިލަށް އުދުއްސައިގެންނެވީ އެވެ.
"ދެން އެތަނަކީ ފައިސާއާ ބެހޭ ތަނެއް ވީމަ އެތަނުގައި އުޅޭ ހިތެއް ނުވި. މުޅިން ފައިސާ ބެލެހެއްޓުން އެތަނުގައި އޮންނާނީ. އޮޑިޓްކުރަން ނުޖެހުނަސް އިންޓާނަލް މަސައްކަތްކުރުން އޮންނާނީ އަޅުގަނޑަށް،" ނަޒީރު ވިދާޅުވި އެވެ.
"ދެން އެތަނުގައި ހުރިއިރު ވެސް އަޅުގަނޑު ދިޔައީ އެހެން ތަނަކުން ވަޒީފާއެއް ލިބޭތޯ ބަލަމުން. އޭރަކީ މީހުންނަށް ވުރެ ވަޒީފާ ގިނަ ޒަމާނެއް. މިހާރާ އިދިކޮޅު."
އޮޑިޓް އޮފީސް ދޫކޮށް ވަޑައިގެންނެވީ ތިން މަސް ފަހުންނެވެ. ދެން ގުޅިވަޑައިގަތީ ދިވެހި ރާއްޖޭގެ އަޑުގެ ވަޒީފާއަކަށެވެ. އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާއެވެ. – އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާ އަކީ އާންމުކޮށް އިނގިރޭސި ބަހުން މުއާމަލާތްކުރަން ޖެހޭ ކަންކަމާ ގުޅިފައި އޮންނަ ވަޒީފާއެކެވެ. –
އެ ވަޒީފާގައި ނަޒީރަށް ތިން މަސްވީތަނުން، އޭރު އޮތް އިބްރާހިމް ނާސިރުގެ ވެރިކަން ބަދަލުވެ މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ފެށިއްޖެ އެވެ. އެހިސާބުން އަނެއްކާވެސް ނަޒީރަށް ޖެހުނީ އެ ބޭފުޅާ އެންމެ ފޫހިވި އަދި ކުރަން ބޭނުންނުވި މަސައްކަތަށް އޮޑިޓް އޮފީހުގެ ވަޒީފާއަށް އެނބުރިދާށެވެ.
"ދެން އަނެއްކާވެސް އޮޓިޑް އޮފީހަށް ބަދަލުކޮށްފި. އެމީހުންނަށް އަޅުގަނޑު މާ ކަމުގޮސްގެން. މަގާމު ވެސް މަތިކޮށް މުސާރަ ވެސް މަތިކޮށްދީފި،" ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ދެ ވަނަ ފަހަރަށް އޮޑިޓް އޮފީހުގެ ވަޒީފާ އަށް ވަޑައިގެންނެވިއިރު އެތަނުގެ ވެރިޔަކަށް އޭރު ހުންނެވީ އޭރުގެ ޑިފެންސް މިނިސްޓަރު ކަމަށްވުމުން، ނަޒީރާ މުޅިން ވެސް ހަވާލުކުރެއްވީ ދިފާއީ ވުޒާރާގެ އިނގިރޭސި ސެކްރެޓަރީގެ މަސައްކަތެވެ.
އެކަމަކު ދެން ވެސް އޮޑިޓް އޮފީހުގެ ފުރާޅުގެ ދަށުގައި މަސައްކަތްކުރަން ނަޒީރު ޝައުގުވެރިވެ ވަޑައެއް ނުގަތެވެ. އެ ބޭފުޅާ ބޭނުންފުޅުވީ އާ ކަމެއް ތަޖުރިބާކުރައްވާށެވެ.
"ދެން ޓީވީއެމްގައި ވަޒީފާއެއް ހުސްވި އަޑު އިވުނީ. އެއީ ވެސް އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާ. ޓީވީއެމް އަށް ދާން އޮޑިޓް އޮފީހުން ކެނޑިގެން އެއް މަސް ވަޒީފާއެއް ނެތި އުޅުމަށް ފަހު ޓީވީއެމް އަށް ވަނީ،" ނަޒީރު ވިދާޅުވި އެވެ.
"އެޑްމިން ދާއިރާ އަށް ވުރެ ބޮޑަށް އަޅުގަނޑު އަބަދުވެސް ޝައުގުވެރިވީ ޓެކްނިކަލް ދާއިރާ އަށް. ވާގޮތަކީ އެޑްމިން ދާއިރާއަކީ ދެން ވަރަށް އާންމު މަސައްކަތެއްތާ. އޭރު މި އުޅެނީ އާ ކަމެއް ނުވަތަ އާ އެއްޗެއް ރާއްޖެ އައިސްގެން އާ ކަމަކަށް ޝައުގުވެރިވެގެން މި އުޅެނީ އޭރު. ބޭނުންވީ އެ މަސައްކަތް އެކްސްޕްލޯކޮށްލަން."
ޓީވީއެމްގައި އެޑްމިން މަސައްކަތްކުރަމުން ގޮސް ޓްރާންސްމިޝަން ޓެކްނީޝަނަކަށް ބަދަލުވެ ވަޑައިގެންނެވި ހިސާބަކީ ނަޒީރުގެ ދިރިއުޅުމުގެ ފުރޮޅު އޭގެ އަސްލު ދުވެލީގައި އެނބުރިގަތް ހިސާބެވެ. އެއަށް ފަހު ފަސް އެނބުރި ބެއްލެވުމެއް ނެތެވެ. ޓީވީއެމްގައި އެ ބޭފުޅާ ނުކުރައްވާކަށް ކަމެއް ނެތޭ ބުންޏަސް އެންމެ ރަނގަޅުވާނެ އެވެ.
"މި ތަނަށް މި ހުންނަނީ މިހާރު ކުލުނު ޖެހިފައި. ރަނގަޅު ވަޒީފާ ވެސް ލިބެން ހުރި އަޅުގަނޑަށް. އެކަމަކު ތަންތަނަށް ބަދަލުވެގެން ވެދާނެ ގޮތެއް ނޭނގޭތީ ނިންމީ މިތަނުގައި މަޑުކުރަން،" ނަޒީރު ވިދާޅުވި އެވެ.
"ވަރަށް އެންޖޯއިކުރެވޭ މިކަހަލަ މަސައްކަތްކުރާ ތަނެއްގައި މަސައްކަތްކޮށްލެވޭނީ. ހުންނާނެ ޝޫޓިންތަކުގައި ވެސް މަސައްކަތްކޮށްފައި. އޮން އެއާގައި ވެސް ހުންނާނެ މަސައްކަތްކޮށްފައި. ޓްރާންމިޝަންގައި ވެސް މަސައްކަތްކުރެވުނު. އެޑްމިންގައި އުޅުނުއިރު ނިއުސް ރޫމްގައި އަޅުގަނޑު ޚަބަރު ވެސް ލިޔުނިން. ޚަބަރު ތަރުޖަމާވެސް ކުރިން. ޓީވީ އިން އުފެއްދި 11 ފިލްމެއްގައި ވެސް މަސައްކަތްކުރިން. ޓެކްނިކަލް މަސައްކަތް."
އޭގެ ތެރެއިން ނިކަން ބޮޑު މަޝްހޫރުކަމެއް ހޯދި އެއް ފިލްމަކީ "އޯކިޑް އޭނާގެ މާ" އެވެ.
ނަޒީރުގެ މި ހުރިހާ މަސައްކަތާއި ވަގުތެއް އަދި އަހަރުތަކެއް އެއް ފުރާޅެއްގެ ދަށުގައި ހޭދަވެގެންދިޔައިރު އެންމެ ފާހަގަކޮށްލެވޭ ކަމަކަށް މި އޮތީ ދުވަހަކު ވެސް ގަޑިނުޖެހި ވަޒީފާ އަށް ނުކުމެވަޑައިގަތުމުގެ އާދަ އެވެ.
"ދުވަހަކު ވެސް އަޅުގަނޑު ގަޑިއެއް ނުޖެހޭނެ. އަބަދުވެސް ގަޑިއަށް ވަޒީފާ އަށް ނުކުންނަ މީހެއް އަޅުގަނޑަކީ. ޓީވީއެމްގައި މިވީ 37 އަހަރުގައި ވެސް އަޅުގަނޑު ނޯންނާނެ މަސައްކަތަށް ގަޑިޖެހިފައެއް. ވަޒީފާ އަދާކުރި އެއްވެސް ތަނެއްގައި ވެސް ނުހުންނާނެ ގަޑިޖެހިފައެއް،" ޔަގީންކަމާ އެކު ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވި އެވެ.
ނަޒީރުގެ ވާހަކައެއް މިހައި ހިސާބަކަށް ދިއުމުން އަޅުގަނޑު ހިތަށް އެރީ، ޓީވީއެމްގެ ވަޒީފާ ނުލިބުނު ނަމަ ނުވަތަ މި ދާއިރާ އަށް ނުވަދެވުނު ނަމަ ދެން ފެނިވަޑައިގަންނަވާނީ ކޮން ދާއިރާއަކުންތޯ އެވެ؟
"އަޅުގަނޑަށް ހީވަނީ ޓީޗަރެއްގެ ގޮތުގައި ހެން ފެންނާނީ. އެއީ އަޅުގަނޑުމެން ސްކޫލް ނިމުނުތަކާ އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އަޅުގަނޑުމެންގެ ތެރެއިން ކުދިންތަކެއް ގެންގޮސްފައި ބުނީ ޓީޗިން ކޯސް ހެދިދާނެއޭ ބޭނުންވާ ކުދިންނަށް. ދެން އަޅުގަނޑު އެފަހަރު ނަން ވެސް ނޯޓްކުރިން،" އުމުރުން މިހާރު 55 އަހަރުވެފައިވާ ނަޒީރު ވިދާޅުވި އެވެ.
"ކްލާސްތަކަށް ވެސް ދުވަސްކޮޅަކު ދިޔައިން. އެކަމަކު އެ ކްލާސްތައް އެންމެ ރަނގަޅަށް ނުގޮސްގެން ވަކިވީ އެންމެފަހުން. ބައެއް ރޭރޭ ޓީޗަރެއް ނާންނާނެ އަނެއްބައި ރޭރޭ ކްލާހެއް ނޯންނާނެ."
"އެކަމަކު އެ ކްލާސްތައް ރަނގަޅަށް ބާރަށް ދިޔަ ނަމަ، ވެދާނެ އަޅުގަނޑު މިއަދު ފެންނާނީ ޓީޗަރެއްގެ ގޮތުގައި ކަމަށް ވެސް."
ކޮންމެ ކަހަލަ ވަޒީފާއަކަށް ނުކުމެ ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ނަމޫނާ ދައްކަވާނެކަން ނަޒީރު މި ވަނީ މުޅި ގައުމަށް ސާބިތުކޮށް ދެއްވައިފަ އެވެ. މިއީ ގައުމުގެ އެންމެން އެބޭފުޅަކަށް ޝުކުރު އަދާކުރުން ހައްގު މަސައްކަތްތެރިއެކެވެ. ހީވާގި ވަފާތެރިއެކެވެ.