ބޭރު ކުޅިވަރު

އިބްރަހިމޮވިޗް ގެ ޖަވާބު: އަހަންނަށް އަދިވެސް ވާނެ

ޔޫރޯ ފުޓްބޯޅަ މުބަރާތުގައި މިރޭ އަޔަލޭންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ސްވިޑްގެ ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް އޭނާ އަށް އަމާޒުވި ފާޑކިއުންތަކަށް ވަރުގަދަ ރައްދެއްދީފި އެވެ.
ނޫސްވެރިންގެ ފާޑުކިއުންތަކަށް ޖަވާބުދެމުން 34 އަހަރުގެ ފޯވަޑް ބުނީ އޭނާ ދިޔަ ކޮންމެ ކުލަބެއްގައި ވެސް ލީޑު ކުރަނީ އޭނާ ކަމަށާއި އަދިވެސް އެކަންވާނެ ކަމަށެވެ.

އަދި ފުޓްބޯޅަ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ބޮޑު މުބާރާތެއްގައި ގައުމު ތަމްސީލު ކުރުން ކަމަށާއި އޭނާ ކުޅެދެނީ އެހެން ކުޅުންތެރިންނަށްޓަކައި ކަމަށެވެ.

"އަހަރެން ކުޅެނީ އެމީހުންނަށްޓަކައި. އެމީހުން ކުޅެނީ އަހަންނަށަޓްކައި. ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރީމަ އިންޑިވިޖުއަލް ކުޅުންތެރިންގެ މޮޅުކަން ވެސް ފެންނާނީ. އަހަރެން ޕީއެސްޖީގައި ހުރީ ރަސްކަލެއް ފަދައިން. މި މުބާރާތް މި ކުޅެނީ އަހަރެން މިދިޔަ ހަތަރު އަހަރު ކުޅުނު ގައުމުގައި. އެ ސްޓޭޑިއަމްތަކުގައި. އެހެންވީމާ އަހަރެންނަށް އަދިވެސް ވާނެ. ޕީއެސްޖީގައި އަހަރެން ވަރަށް ޑިމާންޑްކުރަން. އެކަމަކު ސްވިޑްންގައި އަހަންނަށް އެޑިމާންޑް ނުކުރެވޭނެ. އަހަރުމެންގެ ތިބި ކުޅުންތެރިންނަށް ބަލާފައި ޑިމާންޑް ކުރަންޖެހޭނީ ވެސް،" އިބްރަހިމޮވިޗް ބުންޏެވެ.

އޭނާ ބުނީ ކާމިޔާބީއަކީ އެކަމަށް ބަނޑުހައިވެގެން މަސައްކަތް ކުރާ މީހުންނަށް ލިބޭ އެއްޗެއް ކަމަށެވެ. އަދި އޭނާ އަދިވެސް ހުރީ ފިޓްކޮށް ކަމަށާއި ކޮންމެ އަހަރަކު ވެސް ތާޒާވަމުން އަންނަކަމުގެ އިހުސާސް އޭނާ ކުރާ ކަމަށެވެ.

އިޓަލީގެ އިންޓަމިލާނާއި އޭސީމިލާން އަދި ޔުވެންޓަސްގެ އިތުރުން ސްޕޭނުގެ ބާސެލޯނާ އަށް ކުޅުނު ފޯވަޑް ވަނީ އަންނަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން އޭނާ ފެނުމާމެދު މާބޮޑަށް ވާހަކަ ނުދައްކައިފަ އެވެ. ނަމަވެސް އެ ޓީމުގެ ކުރީގެ ކެޕްޓަން އަދި އަޔަލޭންޑްގެ މިހާރުގެ އެސިސްޓެންޓް ކޯޗު ރޯއިކީން ވަނީ އޭނާ އަށް ތައުރީފްކޮށްފަ އެވެ.

އިބްރަހިމޮވިޗް ބުނީ ކީން ފަދަ ކުޅުންތެރިއަކު އޭނާއާ މެދު ޕޮޒިޓިވްކޮށް ވާހަކަ ދެއްކުމަކީ ވަރަށް ހަދިޔާއެއް ކަމަށެވެ.
އަދި މުބާރާތުގައި އޭނާ ބޭނުންވަނީ ސްވިޑްން އަށް ކާމިޔާބު ހޯދައިދޭން ކަމަށާއި އޭނާގެ ޓީމު އޮތީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ.
މި މެޗަށް ނުކުންނައިރު އަޔަލޭންޑުގެ ކޯޗު މާޓިން އޯނީލް އާއި ކެޕްޓަން ރޮބީ ކީންގެ ވެސް ތައުރީފް އަމާޒުވީ އިބްރަހިމޮވިޗަށެވެ. އޯނީލް ބުނީ އޭނާ ހީކުރީ ސްވިޑްންގެ ކުރީގެ ފޯވަޑް ހެންރިކް ލާސަންގެ ކެރިއަރު ނިމެންދިޔައިރު އެވަރުގެ ދެ ވަނަ ކުޅުންތެރިއަކު ނުފެންނާނެ ކަމަށް ކަމަށާއި ނަމަވެސ އެންމެ ތިން މިނިޓް ތެރޭގައި އޭނާގެ ވިސްނުން ބަދަލުކުރީ އިބްރަހިމޮވިޗްގެ ކުޅުން ދެކެފައި ކަމަށެވެ.