ވިޔަފާރި

ދައުލަތަށް ފައިސާ ނުދައްކާ ނަމަ ހިދުމަތް ދިނުން ހުއްޓާލެވޭނެ: ސިވިލް ކޯޓް

ދައުލަތަށް ފައިސާ ނުދައްކާ ނަމަ، ސަރުކާރުން އެ ފަރާތަކަށް ހިދުމަތްތައް ދިނުން ހުއްޓާލުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ވެސް ހިލާފުކަމެއް ނޫން ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

އެޕްރީލް 2011 ގައި ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއަކުން ނިންމާފައި ވަނީ، އެއްވެސް ފަރާތަކަށް އޮޕަރޭޓިން ލައިސަންސް ދިނުމުގެ ކުރިން ނުވަތަ ލައިސަންސެއް އައުކުރުމުގެ ނުވަތަ ބަދަލުކުރުމުގެ ކުރިން ނުވަތަ ދައުލަތުގެ މުއައްސަސާތަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނެތްކަން އެ މުއައްސަސާއަކުން މީރާއަށް ލިޔުމުން ހުށަހަޅައި ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.

ފައިސާ ނުދައްކާ ހުރެގެން "ޓްރެވެލް ލޭންޑް މޯލްޑިވްސް" އިން އޮޕަރޭޓް ކުރާ، ""ކޮންޓެ މެކްސް" ސަފާރީ ބޯޓުގެ ހުއްދަ އާ ނުކޮށްދިން މައްސަލައިގައި އެ ކުންފުނިން ދައުވާ ކުރީ، ފިނޭންސްގެ ސާކިއުލާގެ ދަށުން ކަމެއް ތަންފީޒުކުރަން ބޭނުންވާނަމަ އެ ކަން ކުރަންޖެހޭނީ އެ މިނިސްޓްރީން ކަމަށް ބުނެ އެވެ. އެހެން ކަމުން މި މައްސަލައިގައި އެ ކަން ކުރީ މީރާއިން ކަމަށް ވާތީ އެ ސަރކިއުލާގެ ދަށުން ކޮންޓެ މެކްސް ސަފާރީގެ ހުއްދަ އައުކޮށްދިނުމާމެދު އިއުތިރާޒުކުރުމުގެ ފުރުސަތެއް މީރާއަށް ލިބިގެންނުވާ ކަމަށް ކަނޑައެޅައި ދިނުމަށް އެ ކުންފުނީގެ ދައުވާގައި އެދިފައިވެ އެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު އެ މައްސަލަ ސިވިލް ކޯޓުން ނިންމީ ހުއްދަ އައުކޮށްދިނުމާމެދު އެ ސާކިއުލާގެ ދަށުން ޓޫރިޒަމް މިނިސްޓްރީން މީރާގެ ލަފައަކަށް އެދުމުން، ހުއްދަ އާކޮށްދިނުމަށް މީރާއިން އިއުތިރާޒުކުރުމަކީ ސާކިއުލާގެ ދަށުން މީރާއަށް ލިބިނުދޭ ބާރެއްގެ ބޭނުންކޮށްގެން ބުނެފައިވާ ބުނުމެއްކަމުގައި ބެލޭނެ ހަމައެއް ނެތްކަމަށެވެ.