ބޭރު ކުޅިވަރު

ޗެމްޕިއަން ސްޕޭނަށް އުނދަގޫ މޮޅެއް

މެޗުގެ ފަވަހު ވަގުތުގައި ޗެކް ރިޕަބްލިކް 1-0 އިން ބަލިކޮށް އެންމެ ފަހުގެ ދެ ޔޫރޯގެ ޗެމްޕިއަން ސްޕޭން ފެށުން ރަނގަޅުކޮށްފި އެވެ.

ގިނަ ފުރުސަތުތަކެެއް ސްޕޭނަށް ލިބުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.

މި މެޗުގައި ސްޕޭން ޓީމުގެ ގޯލު ބެލެހެއްޓި މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެޔާ އެވެ. މިއީ ބޮޑު މުބާރާތެއްގައި ސްޕޭނުގެ ކެޕްޓަން އަދި ކީޕަރު އިކާ ކަސިޔާސް ބެންޗުގައި ބަހައްޓާފައި އެހެން ކީޕަރަކަށް ގައުމީ ޓީމަށް ކުޅެން ފުރުސަތުދިން ފުރަތަމަ ފަހަރެވެ.

ސްޕޭން ޓީމުން މި މެޗުގައި އެންމެ ގިނަ ފުރުސަތު ލިބުނީ އަލްވާރޯ މޮރާޓާ އަށެވެ. ނަމަވެސް ޗެކް ރިޕަބްލިކްގެ ކީޕަރު ޕީޓަ ޗެކް މޮޅަށް ކުޅެ ގިނަ ހަމަލާތައް ދިފާއު ކުރި އެވެ.

ސްޕޭން ލަނޑު ޖެހިފަހުން އަޔަލޭންޑަށް އެއްވަރުކޮށްލަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އިތުރު ވަގުތުގައި ދަރީދާ ޖެހި ބާރު ބޯޅަ ކީޕަރު ޑެހެޔާ ހުށިހާރު ކަމާއެކު ދިފާއު ކުރި އެވެ.

ސްޕޭން ހިމެނޭ މި ގްރޫޕުގައި ދެން ހިމެނެނީ ކްރޮއޭޝިޔާ އާއި ތުރުކީ އެވެ. ލޫކާ މޮޑްރިޗް ޖެހި ގޯލުން މި މެޗު ރޭ 1-0އިން ކާމިޔާބު ކުރީ ކްރޮއޭޝިޔާ އެވެ.