ބޭރު ކުޅިވަރު

ފުރަތަމަ ބައިގޯލާއެކު ސްވިޑްން، އަޔަލޭންޑަށް ޕޮއިންޓެއެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބައިކޮޅަށް ޖެހި ފުރަތަމަ ގޯލާއެކު އަޔަލޭންޑާއި ސްވިޑްންގެ މެޗު 1-1އިން އެއްވަރުވެއްޖެ އެވެ.

ފުރަތަމަ ހާފުގައި އަޔަލޭންޑް މޮޅަށް ކުޅުނު މި މެޗުގައި އެ ޓީމުގެ ލަނޑު ޖެހީ ފަހު ހާފު ފަށައިގެން ހޫލަހާން އެވެ. ސްވިޑްން ޓީމުން މޮޅަށް ކުޅުނީ ފަހު ހާފުގަ އެވެ. ނަމަވެސް އެ ޓީމުގެ ލަނޑަކީ ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް ނެގި ހުރަހަަކުން އަޔަލޭންޑް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އަޔަލޭންޑްގެ މެސީގެ ނަމުން މަޝްހޫރުވެފައިވާ ހޫލަހާން މެޗަށް ފަހު ބުނީ ޔޫރޯގައި ގައުމީ ޓީމަށް ގޯލެއް ޖެހުމަކީ ވަރަށް ބޮޑު އުފަލެއް އަދި ކާމިޔާބީ އެއް ކަމަށެވެ. އަދި މެޗުން ޕޮއިންޓެއް ލިބުނީ ނަސީބުވެސް ދެރަކަމުން ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައުި ނަތީޖާނެރެން އެ ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ.

ސްވިޑްންގެ ކެޕްޓަން އިބްރަހިމޮވިޗް ބުނީ އޭނާގެ ޓީމުން މޮޅުވާން ވަރަށް މަސަައްކަތްކުރި ކަމަށާއި ފުރަތަމަ ހާފުގައި ނުކުޅެވުނަސް ފަހުހާފުގައި މުޅި ޓީމު ކުރި މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށެވެ.

މި ގްރޫޕުގައިު މިރޭ 12 ޖަހާއިރު ކުޅޭނީ އިޓަލީ އާއި ބެލްޖިއަމް އެވެ.