ބޭރު ކުޅިވަރު

އިޓަލީން ބެލްޖިއަމަށް ފެންވަރު ދައްކާލައިފި

ތަރިން ގިނަ ބެލްޖިއަމަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީން ފެންވަރު ދައްކާލައި 2-0އިން މެޗު ކާމިޔާބުކޮށްފި އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ވެސް ކުރީގެ ޗެމްޕިއަން އިޓަލީންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ގިއަޗެރްނީ އެވެ. ދެ ވަނަ ލަނޑު ޖެހީ މެޗުގެ ފަހު މިނިޓްގައި ގެރެޒިއާނޯ ޕެއްލޭ އެވެ.

ޔޫރޯގައި ވާދަކުރާ ތިން ވަނަ އަށް އެންމެ އަގުބޮޑު ސްކޮޑް އޮތް ބެލްޖިއަމަށް ފަހު ހާފުގައި ލަނޑު ޖަހަން ހުސް ފުރުސަތުތައް ލިބުނެވެ. އެންމެ ހުސް ފުރުސަތެއް ލިބުނީ ރޮމެލޫ ލުކާކޫ އަށެވެ. އޭނާ ހުސްކޮށް ފޮނުވާލި ބޯޅަ ދިތައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މަރައުނޭ ފެލައިނީ އާއި ޑިވޮކް އޮރީޖީ އަށް ވެސް ހުސް ފުރުސަތުތައް ލިބުނެވެ.

މި މެޗުގައި ދެ ޓީމުގެ ކީޕަރުން ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. އިޓަލީގެ ކެޕްޓަން އަދި ކީޕަރު ޖިއާން ލުއިޖީ ބުފޮން މޮޅަށް ކުޅުނުއިރު ބެލެޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ މޮޅު ދެ ސޭވް ކުރި އެވެ.