ވިޔަފާރި

އިގްތިސާދު ކުރިއަރުވަންވީ، ގައުމު ހަލަބޮލިކުރަންވީކީ ނޫން: ސައީދު

Feb 12, 2015

ގައުމު ހަލަބޮލި ނުކޮށް، ސަރުކާރާ އެކު އިގްތިސާދު ކުރިއެރުވުމުގެ މަސައްކަތުގައި ހުރިހާ ފަރާތްތަކުން ވެސް ބައިވެރުވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ގޮވާލައްވައިފި އެވެ.

ސޭލްސް މަނުން ތަމްރީން ކުރުމަށް ޕްރޮގްރާމެއް ފެށުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދުވަހަކު ވެސް ނުފެންނަ ތަރައްގީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނިގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަނީ އިގްތިސާދީ އެޖެންޑާއެއް ކުރިއަށް ނެރެގެން ކަމަށް ސައީދު ވިދާޅުވި އެވެ. އެ ކަންތައްތަކަށް ވިޔަފާރިވެރިންނާއި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ސައީދު އެދިވަޑައިގެންނެވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ދިވެހި ރައްޔިތުންނަށް 94000 ވަޒީފާގެ ފުރުސަތު ހޯދައި ދޭނެ އެވެ. އަދި އެ ވައުދު ހާސިލް ކުރުމަށް ކުރަން ހުރި މަސައްކަތްތަކެއް ކިތަންމެ ގިނަ ނަމަވެސް ސަރުކާރުން މަސައްކަތްތަކެއް ކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުއްދަ ނުނަގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސަބަބުން 1.2 ބިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ރާއްޖޭން ބޭރުވެ އެވެ. ނަމަވެސް ދިވެހިން ވަޒީފާތަކަށް ނެރެވިއްޖެ ނަމަ އެކަމަށް ހައްލެއް ހޯދޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ޕެންޝަން އޮފީހުގައި 84099 ވަޒީފާ ރަޖިސްޓްރީ ކުރެވިފައިވަނީ ދިވެހިން. ހުއްދަ ނުނަގައި މިއަދުގެ ނިޔަލަށް 84694 ބިދޭސީން މަސައްކަތް ކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީންގެ ގިނަ ބަޔަކު މިހާރު މަސައްކަތްކުރާ ކޭޝިއަރުންގެ ވަޒީފާއަށް ދިވެހިން ފައްކާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފެށި ތަމްރީން ޕްރޮގްރާމުގައި 50 ބައިވެރިން ބައިވެރިވެފައިވެ އެވެ. އެ މިނިސްޓްރީގެ އަމާޒަކީ 2000 ދިވެހިން މި ވަޒީފާތަކަށް ނެރުމެވެ.