ރާއްޖެ ކުޅިވަރު

ވެޓަރަންސް ކަޕުގައި ނިއު އަތުންވެސް ވިކްޓަރީ ބަލިވެއްޖެ

ވެޓަރަންސް ކަޕްގައި ވިކްޓްރީ ކުޅުނު ދެ ވަނަ މެޗުން ފުޓްބޯޅައިގައި ވިކްޓްރީއާ ކުރިން އެންމެ ވާދަވެރި ކުލަބު ނިއުރޭޑިއަންޓު އަތުންވެސް ބަލިވެއްޖެ އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ވިކްޓްރީންނެވެ. މެޗްގެ 15 ވަނަ ލިބުނު ޕެނަލްޓީއަކުން ވިކްޓރީ ލަނޑު ކާމިޔާބު ކުރީ، ވިކްޓްރީގެ ސީނިއާ ޓީމުގެ ކޯޗް މުޙައްމަދު ނަޒީހްއެވެ. ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނިއުގެ މިހާރުގެ ސެކެޓްރީ ޖެނަރަލް ޢަލީ ޝަމީމު (ކޮޔަރު އައްޔަ) އެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ނިއުއިން ވަނީ ލީޑް ނަގާފަ އެވެ. އެލަނޑު ކާމިޔާބު ކުރީ މުޙައްމަދު ޒިޔާދެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ.

ނިއުއަށް ލީޑް ފުޅާކޮށްދިނީ ކުރީގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާހް އިސްމާއީލް (ސާޔާ) އެވެ. މެޗްގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ޝާހްއެވެ.

މެޗްގެ 61 ވަނަ މިނެޓްގައި ވިކްޓްރީއަށް ނަތިޖާ ފަރަގު ކުޑަ ކޮށް ދިނީ އަލީ ހަލީމެވެ.

ހަތްދިހަ މިނެޓަށް ކުޅޭ މެޗްގެ ފަހު ފަސް މިނެޓްގައި ނިއުއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗްގެ 65 ވަނަ މިނެޓްގައި ނިއުގެ ޢަލީ ޝަރީފަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ޔުނައިޓަޑް ވިކްޓްރީއެވެ.