ސްރީލަންކާ

ލަންކާގެ ޔުނިވާސިޓީއަކުން ރާއްޖެއަށް ސްކޮލާޝިޕްތަކެއް ދީފި

ތިން ދާއިރާއަކުން ޑިގްރީއަށް ކިޔަވަން ސްރީ ލަންކާގެ ހޮރައިޒަން ކެމްޕަސް ޔުނިވަސިޓީިން ސްކޮލާޝިޕް ފުރުސަތުތަކެއް މިއަދު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ހޮރައިޒޮން ކެމްޕަސް އިން މިއަދު ރާއްޖެއަށް ދީފައިވަނީ، އެޑިއުކޭޝަން އާއި ބިޒްނަސް މެނޭޖްމަންޓާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ހާއްސަ 24 ސްކޮލާޝިޕް ފުރުސަތެވެ. އެ ސްކޮލާޝިޕްތަކުގެ ތެރޭގައި ހިމެނެނީ ހަ ފުލް ސްކޮލާޝިޕާއި 18 ޕާޝިއަލް (ޓިއުޝަން ފީގެ 50 ޕަސެންޓް ހިލޭ) ސްކޮލާޝިޕެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮރައިޒޮން ކެމްޕަސްގެ ސްކޮލާޝިޕްތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއި ހަވާލުކޮށްދެއްވީ ހޮރައިޒޮން ކެމްޕަސްގެ ޗެއާމަން އުޕުލް ޑްރަނަގަމާ އެވެ.

ލަންކާއިން ލިބުނު ސްކޮލާޝިޕް ފުރުސަތުތަކަށް ޝުކުރު އަފދާކުރައްވަމުން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ލަންކާ އާއި ރާއްޖެއަކީ ތައުލީމީ ދާއިރާއިން ވަރަށް މުއްސަނދި ތާރީހެއް އޮތް ދެ ގައުމު ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް އެ ގުޅުން ހަރުދަނާވަމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ދެހާސް ނުވަ ވަނަ އަހަރު އުފެދުނު ހޮރައިޒޮން ކެމްޕަސް އަކީ ކޮލަމްބޯގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޒަމާނީ ޕްރައިވެޓް ޔުނިވަސިޓީއެކެވެ. ޑިގްރީއަށް ކިޔަވައިދޭ ޔުނިވަސިޓީއެއްގެ ގޮތުގައި ހާއްސަވެފައިވާ އެ ޔުނިވަސިޓީން މިހާރުވެސް 15 ދާއިރާއަކުން ޑިގްރީ ކޯސްތައް ކިޔަވައިދެ އެވެ.

ހޮރައިޒޮން އިން މިއަދު ރާއްޖެއަށް ހަދިޔާކުރި ސްކޮލާޝިޕްގެ އަގު 150.000 ޑޮލަރަށް އަރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.