ހަބަރު

ބަރަހަނާވެ ބޮޑީ ޕެއިންޓްކުރި މައްސަލާގައި މީހަކު ހޯދަނީ

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެ އައި ބަޔަކު ބޮޑީ ޕެެއިންޓް ކުރަން ބަރަހަނާވެ ނަގާފައިވާ ވީޑިއޯއެއްގެ މައްސަލާގައި މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ. މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލައެކެވެ.

މިއަދު ފުލުހުން އާންމުކުރި ފޮޓޯގައިވާ މީހާއަކީ ފުލުހުން ބުނި ގޮތުގައި، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދައި ނުފެނިފައިވާ މީހެކެވެ.

ފޮޓޯއިން ފެންނަ މީހާ ފުލުހުންގެ އިދާރާއަކަށް ހާޒިރުވެ ނުވަތަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން ވަނީ އެދި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އާންމުކުރި ފޮޓޯއަކީ ބޮޑީ ޕެެއިންޓު ކުރަން ބަރަހަނާވެގެން ނަގާފައިވާ ވީޑިއޯގެ މަންޒަރެއްގެ ސްކްރީންޝޮޓެކެވެ.

މީގެކުރިން ފުލުހުން ބުނެފައިވަނީ، އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއުބީ ޕްރޮޑަކްޝަން އާއި ދިވެހި ބަޔަކު ގުޅިގެން ރާއްޖޭގައި ނަގާފައިވާ އެ ވީޑިއޯގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެ މައްސަލަ ފުލުހުން އެކަން ތަހުގީގުކޮށް ބަލަން ފަށާފައިވާ ކަމަށެވެ.

އެ ވީޑިއޯގައި ފެންނަ ގޮތުން ބަރަހަނާކޮށް ތިބެގެން ބިދޭސީ އަންހެނުންތަކެއް ގައިގައި ކުރަހަ އެވެ. އާޓް ގެލެރީ އާއި ރާއްޖޭގެ ކޮންމެވެސް ރަށެއްގައި އޭގެ މަންޒަރުތައް ނަގާފައިވެ އެވެ.

ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނު ބުނާގޮތުން އޮރިޔާން ކާޑު އުފެއްދުމަކީ ތިން މަހާއި ތިން އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރެވޭނެ ކަމެކެވެ.