އުމަރު ނަސީރު

އަޅުގަނޑާއި ނާޒިމް އަށް "ހޭއަރުވާލާނެ" ކަމަށް އަދީބު އިންޒާރުދެއްވި: އުމަރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްރު، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށާއި ހޯމް މިނިސްޓާ އުމަރު ނަސީރަށް "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ، އިންތިޒާރު ދެއްވި ކަމަށް ހޯމް މިނިސްޓަރު އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އުމަރު މިހެން ވިދާޅުވެފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. މިނިސްޓަރު އުމަރު ވިދާޅުވީ، އަދީބު ވަނީ "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ ނާޒިމަށާއި އެމަނިކުފާނަށް ސީދާ އިންޒާރު ދެއްވާފައި ކަމަށެވެ.

"އަޅުގަނޑާއި ނާޒިމާ މެދު ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފައި އަދީބު ހުރީ، އަދި ބުނި ހަމަ ސީދާ ދިމާލަށް ވެސް އަަޅުގަނޑާއި ނާޒިމާ ދެ މީހުން ދިމާލަށް ހޭއަރުވާލާނެމޭ ވެސް، އަޅުގަނޑު ދެންނެވިން އެއްކަމެއް ވެސް ނުކުރެވޭނެއޭ، ތި ހަމަ ހީވާ އެއްޗެކޭ! އެހެން ވީމާ، ނާޒިމް ފްރޭމްކުރި ކަމަށް މި ތުހުމަތުކުރަނީ ބޮޑަށް،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮލުގައި ނާޒިމްގެ ފްރޭމްކުރިކަމުގެ އިލުޒާމެއް އެޅޭ ކަމަށާއި އެކަން އެގޮތަށް ހިނގި ކަމަށްވީ ނަމަވެސް ސަރުކާރުގެ އެއްވެސް އަތެއް އެކަމުގައި ނޯންނާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ އަތެއް ނެތްކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ނާޒިމް ފްރޭމް ކުރި ކަމަށް އޭނާއަށް ދެންނެވެން ނެތް ކަމަށެވެ. އަދި އެކަމުގައި ބަލާނީ ކޯޓުން ނިންމާ ގޮތަކަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަ އެދެނީ ނާޒިމަށް އިންސާފު ލިބުން، ކުރީގެ ނައިބު ރައީސްއަކަށް ހުންނެވި ބޭފުޅަކު އޭނާ ފްރޭމްކުރި ކަމަށް މި ތުހުމަތުކުރެވެނީ، އަޅުގަނޑުމެން ބޭނުން ސަރުކާރުގެ އެއްވެސް އަތެއް އޭގައި ނޯންނާނެކަން ސާބިތުކޮށްދޭން، އަޅުގަނޑު ސީދާ ނުދަންނަވާނަން ނާޒިމް ފްރޭމް ކުރިއޭ ނުވަތަ ނުކުރެއޭ ވެސް، އެއީ އޭރު ތަހުގީގުގައި އުޅުމުގެ ފުރުސަތެއް އަޅުގަނޑަކަށް ނުލިބޭ، އޭރު އަދީބު ހުންނެވިއިރަކު، އަޅުގަނޑު ބަލާނީ ކޯޓުގެ ވާޑިކްޓަށް،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ރައީސް ވަހީދުގެ ސަރުކާރުގައި އަދީބުގެ ނަން ފޮނުވަން އޭނާ ޕާޓީގެ ތެރެއިން ދެކޮޅު ހެއްދި ކަމަށެވެ. އަދި އެކަމުގައި ޕާޓީގެ އިސް ފަރާތްތަކާ އެކު ވާހަކަ ދައްކައި އެކަމުގައި ބަހުސްތައް ހިނގި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އެކަންތައް އަދީބަށް އެނގިވަޑައިގެން އެކަމާ ގުޅޭ ގޮތުން އަދީބު ސުވާލު ކުރެއްވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އަދީބު އެފަދަ މަގާމަކަށް ގެންނަން އުމުރުން ހަގު ކަމަށް ދެކޭ ވާހަކަ އަދީބާ ދިމާލަށް ވެސް ބުނި ކަމަށް އުމަރު ވިދާޅުވި އެވެ. އެކަމާ ހުރެ އަދީބު ހުންނަވަނީ އަބަދުވެސް ހިތްހަމަ ނުޖެހިފައި ކަމަށް އުމަރު ވިދާޅުވި އެވެ.

"އެކަމާ އަދީބު ހުންނެވީ ވަރަށް ހިންހަމަނުޖެހިފައި، އެކަމާ އަޅުގަނޑު ހުރަސް އަޅަން އުޅުނީމަ، އަޅުގަނޑު ކައިރީގައި އެ ވާހަކަ ދެއްކެވި ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގަތުމަށްފަހު، އަޅުގަނޑު ވިދާޅުވީ ތިބޭފުޅާ މާ ޅައޭ ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގަންނަވަން، އަދި އަދީބާ ގުޅޭ ގޮތުން އޭގެ ކުރިން އަޅުގަނޑު އިވިފައިހުރި ވާހަކަތަކުގެ ސަބަބުން ވެސް އަޅުގަނޑު ބޭނުމެއް ނުވޭ ހާއްސަކޮށް ޕީޕީއެމް ތަމްސީލުކުރުމަށް ޓޫރިޒަމް މިނިސްޓަކަށް އަދީބު ހުންނާކަށް،" އުމަރު ވިދާޅުވި އެވެ.

ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް މިހާރު ފަށާފައިވާއިރު، ސުޕްރީމް ކޯޓަށް ނާޒިމްގެ ފަރާތުން ހުށަހެޅި އާ ހެއްކަކީ ތަހުގީގުކުރަން ޖެހޭ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ނިންމައި އެކަން ޕީޖީ އޮފީހުން އެންގުމުން ތަހުގީގުކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"މިހާރު އެ ހޯއްދަވައިގެން އުޅުއްވާ ހެއްކަކީ މީހެއްގެ ވީޑިއޯ ބަޔާނެއް ކަމަށް މައުލޫމާތު ލިބެނީ، ވީޑިއޯ ބަޔާނެއްގައި ކަމަށްވާނަމަ ވީޑިއޯ ބަޔާން ހުށަހެޅުމުގައި އިޖުރާތުތަކެއް ކޯޓުގައި އޮންނާނެ، އެ ކޯޓު އިންތިޒާމްކުރާ ވީޑިއޯ ސިސްޓަމެއްގެ ތެރޭގައި ބަޔާން ދޭން ޖެހޭނީ، ނުވަތަ ޖެހެނީ ހެކިވެރިޔާ އިން ޕާސަން ހެކި ބަސް ދޭން ޖެހޭނީ،" އުމަރު ވިދާޅުވި އެވެ.

މިއަދު އޮތް ނާޒިމް މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ނާޒިމްގެ ވަކީލް ހުސްނު ސުއޫދު ވިދާޅުވެފައިވަނީ، ކޮންފަރެންސް ކޯލެއްގައި ނާޒިމް "ހޭއަރުވާލާނެ" ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވި ކަމަށެވެ. އަދި އެކަން ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެނގިލައްވާނެ ކަމަށެވެ. ސުއޫދު ވަނީ އެކަން ސާބިތުކޮށްދިނުމަށް އުމަރު ނަސީރު ކޯޓަށް ހާޒިރުކޮށް ހެކި ބަސް ނަގައިދިނުމަށް ޝަރީއަތުގައި އެދިފަ އެވެ.

ދިފާއުވުމަށް ނާޒިމްގެ ފަރާތުން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ އޭނާ ފްރޭމްކޮށްފައިވާ ވާހަކަ އެވެ. ދަށު ކޯޓުގައި ވެސް ނާޒިމްގެ ފަރާތުން މި ވާހަކަތައް ދައްކާފައިވާއިރު، އޭގެ ފަހުން ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމަށްފަހު ފަޅާއެރި ކަންތައްތަކުގެ ސަބަބުން ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބާރުލިބޭ ވާހަކަތައް ހެކިން ކޯޓްގައި ވަނީ ދައްކާފަ އެވެ.

ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ވިދާޅުވެ، ސުއޫދު ވެސް މިއަދު ވަނީ ގިނަ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ނާޒިމްގެ ގޭގައި ހަތިޔާރު ހުރިކަން ފުލުހުން އެގެ ބަލައި ފާސްކުރުމުގެ ކުރިން އަދީބަށް އެނގޭ ކަމުގެ މައުލޫމާތު އެބަހުރި ކަމަށް ސުއޫދު ވިދާޅުވި އެވެ. ވަކީލް ސުއޫދު ވިދާޅުވީ، ނާޒިމްގެ ގެއިން ހަތިޔާރު ފެނިގެން ނާޒިމް ހައްޔަރުކުރާނެކަން އަދީބު ނޫސްވެރިންނަށް އަންގައި، އެ ގޭ ދޮށަށް ނޫސްވެރިން ފޮނުވިކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. މިކަން ސާބިތުކުރުމަށް އަދީބުގެ ހެކި ބަސް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.

އަދި ވިދާޅުވީ، ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު ރޭ، ދާހިތްލާ ފޯވެފައި ހުންނަވައިގެން ކުރީގެ ސީޕީ ހުސެއިން ވަހީދު، އޭރުގެ ޕީޖީ މުހުތާޒު މުހުސިންގެ އަރިހަށް ވަޑައިގެން ނާޒިމް އޭނާ މަރާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ހުސެއިން ވަހީދަށް ދީފައިވަނީ އަދީބު ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ، މުހުތާޒާއި ހުސައިން ވަހީދު އެރޭ ކާރަކަށް އަރައިގެން އަދީބު ކައިރިއަށް ވަޑައިގެން އެ ތިން ބޭފުޅުން ނާޒިމް ހައްޔަރުކުރި ވަގުތު އެ ގޭ މަގުގައި ކާރުގައި މަޑުކޮށްގެން ތިއްބެވި ކަމަށެވެ.

ބ. ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ސީރިއަލް ނަންބަރުތައް ފުހެލުމަށް ގެންގުޅެފައިވާ މެތަޑާއި އެ ދަވާދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ސީރިއަލް ނަންބަރު ފުހެލުމަށް ބޭނުންކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. ހިބަޅިދޫއިން ފެނުނު ހަތިޔާރާއި އަދީބާ ގުޅުން އޮތް ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވެ އެވެ.

ސުއޫދު ވިދާޅުވީ، ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށާއި އެ ތުހުމަތުކުރެވެނީ އަދީބާއި ހުސަން ވަހީދަށް ކަމަށެވެ. އޭރު އެ ދެ ބޭފުޅުން ތިއްބެވި މަގާމަށް ބަލާއިރު އެކަމަކީ ފުލުހުން ބޭނުންކޮށްގެން އެ ދެ ބޭފުޅުންނަށް ކުރައްވަން ފަސޭހަ ކަމެއް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި ނާޒިމްގެ ސިޔާސީ ހަޔާތް ދުއްވާލުމަށް އަދީބާއި ކޮމިޝަނަރު ހުސެން ވަހީދު ގުޅިގެން މަސައްކަތް ކުރައްވާފައިވާކަމުގެ ހެކި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމްގެ ގެއިން ހަތިޔާރު ފެނުމުގެ ދެ ދުވަހުގެ ކުރިން އެލްޖީއޭގެ ރައީސްކަމުން ނާޒިމް ވަކިކުރަން އަދީބުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރެއްވި ކަމަށާއި އެމެރިކާގެ ނަންބަރަކާއި މެލޭޝިއާގެ ނަންބަރަކުން ނާޒިމަށް ގުޅާ އުނދަގޫކޮށް، ވަރަށް ހަޑިކޮށް މެސެޖްތަކެއް ވެސް ކޮށްފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، އަދީބާއި ނާޒިމްގެ ދެމެދު އޮތް ސިޔާސީ ވާދަވެރިކަން އެންމެ ރަނގަޅަށް އެނގިލައްވާނެ ބޭފުޅަކީ ހޯމް މިނިސްޓަރު އުމަރު ކަމަށް ސުއޫދު މިއަދު ވަނީ ވިދާޅުވެފަ އެވެ.