ހަބަރު

އަދީބު ފިލަން ފުރުސަތުދީގެން ނުވާނެ: އުމަރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވައި އޭނާއަށް ފިލަން ފުރުސަތު ދީފިނަމަ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަށް އިންސާފު ލިބުމަށް ހުރަސް އެޅިގެން ދާނެ ކަމަށް ނާޒިމްއާ ވަރަށް ގާތް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އަމުރު މިހެން ވިދާޅުވީ، ނާޒިމް ދިރިއުޅުއްވި ގެކޮޅުން ފެނުނު ފިސްތޯލާއި ތިން ވަޒަނަކީ ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް ތަކެތި ކަމަށް އަދީބު ވިދާޅުވުމާ ގުޅިގެންނެވެ. އަދި އެކަމުގެ ހަގީގަތް އެނގޭނީ އޭނާއަށް ކަމަށާއި އެކަންކަން ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް އަދީބު ސިޓީއެއް ފޮނުވާފައިވާތީ އެވެ.

އުމަރު އިއްޔެ ވިދާޅުވީ، ނާޒިމްގެ ގެކޮޅުން ފެނުނު ފިސްތޯލައިގެ މައްސަލާގައި އަދީބު ބަޔާނެއް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވާ ވަގުތެއްގައި ރާއްޖެއިން ބޭރަށް ގޮސް ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށްދީ، އޭނާއަށް ފިލުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

"އެ ފުރުސަތުައި އޭނާ ފިލައިފިނަމަ މި ހެކި ގެއްލިގެން ގޮސް ނާޒިމަށް އިންސާފު ލިބުމަށް ހުރަސް އެޅިދާނެ، އެހެނީ މި ބާވަތުގެ ހެއްކި ބަހަކީ ހުވާ ކޮށްގެން ހުރެ ފަނޑިޔާރެއްގެ ކުރި ފުޅިމަތީގަ ދިނުމުން މެނުވީ ސައްހަ ނުވާ ހެކި ބަހަކަށް ވާތީ،" އުމަރު ވިދާޅުވި އެވެ.

އަދީބު ވިދާޅުވެފައިވަނީ، އެ ހާދިސާ ހިނގަން މެދުވެރިވި ގޮތާއި އެ ރޭވުން ރޭވިގެން އައި ގޮތާއި ނިމިގެންދިޔަ ގޮތާއި އޭގައި ބައިވެރިވި މީހުން ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އެކަންކަން ހާމަ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެ ފިސްތޯލަ އާއި ތިން ވަޒަނަކީ ނާޒިމްގެ ތަކެތި ނޫންކަން އަދީބަށް ސާބިތު ކޮށްދެވޭނެ ކަމަށް ވެސް އޭނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދީބާ ސިޔާސީ ގޮތުން ވަރަށް ބޮޑު ވާދަވެރި ކަމެއް އޮތް އުމަރު މީގެކުރިން ވިދާޅުވެފައިވަނީ، އަދީބު ވަނީ "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ ނާޒިމަށާއި އެމަނިކުފާނަށް ސީދާ އިންޒާރު ދެއްވާފައި ކަމަށެވެ.

"އަޅުގަނޑާއި ނާޒިމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި އަދީބު ހުރީ، އަދި ބުނި ހަމަ ސީދާ ދިމާލަށް ވެސް އަަޅުގަނޑާއި ނާޒިމާ ދެ މީހުން ދިމާލަށް ހޭއަރުވާލާނެމޭ ވެސް، އަޅުގަނޑު ދެންނެވިން އެއްކަމެއް ވެސް ނުކުރެވޭނެއޭ، ތި ހަމަ ހީވާ އެއްޗެކޭ! އެހެން ވީމާ، ނާޒިމް ފްރޭމްކުރި ކަމަށް މި ތުހުމަތުކުރަނީ ބޮޑަށް،" އުމަރު ވިދާޅުވި އެވެ.