ވާހަކަ

ކުރު ވާހަކަ: އެއީ ހަމަ ލޯތްބެވެ.

ރަތް ކުލައިގެ ލިޕްސްޓިކް ނަގައިގެން ނިކަން ފަރުވާތެރިކަމާ އެކު ތުންފަތުގައި ފަވަން ފެށީމެވެ. ކުރިމަތީގައި ހުރި ބޮޑު ލޯގަނޑުގެ ބަދަލުގައި އަހަރެންގެ ސަމާލުކަން ހުއްޓިފައި ވަނީ ކަނާތުން ހިފަހައްޓައިގެން ހުރި ވަށް ބުރުގެ ކުޑަ ލޯކޮޅު ދައްކަމުން ދިޔަ އަހަރެންގެ ތުންފަތަށެވެ. ފިޔާތޮށި ކުލައިގެ ތޮށިގަނޑަކަށް ފައްކާކޮށްފައިވާ އެ ލޯގަނޑުން ދައްކަމުން ދިޔަ ތަސްވީރު ބޮޑުވެފައި ސާފެވެ. ނިކަން ފަރުވާތެރިކަމާ އެކު ދެ ތުންފަތް ވަށައިގެން ލިޕްސްޓިކާ އެކު ބުރެއް ޖަހާލުމަށް ފަހު އަތުގައި އޮތް ލޯގަނޑު، ފަރުވާތެރިކަމާ އެކު މޭޒު މަތީގައި ބޭއްވީމެވެ. އެއަށް ފަހު، އިށީނދެލައިގެން އިން ގޮނޑީގައި ކުރިއަށް ވުރެ ރަނގަޅަށް ހަމަޖެހިލީމެވެ. އަހަރެން އިނީ މޫނުބަލާ ލޯގަނޑަށް ކުރިމަތިލައިގެން އޭގެ މަންޒަރަށް ގެއްލިފަ އެވެ.

ތުންފަތުގައި ގަދަ ރަތްކުލަ އެވެ. ޗާލެވެ. ހަވާސާއިން ބޭރަކަށް ގޮސްފައެއް ނެތެވެ. ދެ ލޮލުގެ ރަވައިގައި އަނދުނުގެ ހިތްގައިމު ކޫރުމެވެ. އެސްފިޔަޖަހައިލުމުން ލޯ މަތިން ފާޅުވެގެން އަންނަނީ މަޑު ފިޔާތޮށި ކުލައެކެވެ. ދެ ކޯތާފަތްމަތިން އެއަށް ވުރެ ގަދަ ކުލަ އެވެ.

ލޯގަނޑު ދައްކަމުން ދިޔަ ތަސްވީރު ނިކަން ގާތުން ބެލުމަށް ފަހު މޭޒު މަތީގައި އޮތް މިނާ ފަށެއް ނަގައިގެން ގުޅޭ ވަރު ބަލަން ކަރުގައި ޖައްސާލީމެވެ. އެއަށް ފަހު ދެ އަތުގެ އެހީގައި އެ ފަށް ކަރަށް ހެޔޮވަރުކޮށްލީމެވެ. އަނެއްކާވެސް އަހަރެން ހުސްވެގަތީ ލޯގަނޑަށެވެ.

މިއީ އެންމެ ފުރިހަމަ މޭކަޕެއް ނޫނެވެ. އެކަމަކު ވެސް ދެން ވަގުތެއް ނެތެވެ. އެހެން ނޫނަސް އޭނާ ޝަކުވާއެއް ނުކުރާނެ އެވެ. އެކަކަށް ކަމުނުދިޔަސް އަހަރެންގެ ސިފައަށް އޭނާ ބަހެއް ނުބުނާނެ އެވެ. މިއީ އެ ހިތުގެ ވެރިޔާ އެވެ. އެއީ މި ހިތުގެ ރާޖާ އެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު އަހަރެން ހިނިތުންވެލީމެވެ. އަހަރެން އިނީ އަދިވެސް ލޯގަނޑު ތެރެއަށް ގެއްލިފަ އެވެ. ދެން ފެނުނީ ލޯގަނޑުގެ އަރިމަތިން މީހަކު އަހަންނާ ދިމާލަށް އަތް ދިއްކޮށްލި ތަނެވެ. އެއީ ދައުވަތެކެވެ. އެ އަތުގައި ހިފުމަށެވެ.
އަތުގައި ހިފުމުގެ ކުރިން އެ އަތުގެ ވެރިޔާގެ މޫނަށް އަހަރެން ބަލާލީމެވެ. އެ ދެ ލޮލަށް ބަލަހައްޓައިގެން މާ ގިނައިރަކު އަހަންނަކަށް ނުހުރެވުނެވެ. އޭނާގެ އަތުގައި އަހަރެން ހިފީމެވެ. ދެ ލޮލުގެ ބާރުގައި އަހަރެން ދަމައިގަތް ކަހަލަ އެވެ. ލުއި ހިނިތުންވުމަކާ އެކު އޭނާ ދިން އެއްބާރުލުމާ އެކު ގޮނޑިން ފުންމައިގެން ގޮސް އޭނާގެ މޭގައި އަހަރެން ތައްވި އެވެ. އެއީ އަހަރެންގެ ރާޖާ އެވެ. އަހަރެންގެ ބަތަލެވެ.

އޭނާގެ އަތުގެ އިޝާރާތުން ކޮޓަރި ތެރޭގައި ދެން ކުޅެގަތީ ހިތްގައިމު މިއުޒިކެކެވެ. ވަޔޮލިންގެ މަޑުމޮޅި ދެމުންތަކެވެ. އެ ހަރުބީގައި އަހަރެމެން ދެ މީހުން އެއް ތަރުތީބަކުން އެނބުރެމުން ނަށަން ފެށީ އެވެ. އެ ޑާންސްގެ ފިޔަވަޅުތަކާ އެކު މުޅި ކޮޓަރި ތެރެ ފަނޑު އަލިކަމެއްގެ ތެރެއަށް ވެއްޓި ގެނބިގެން ދިޔައީ އެވެ.

އެ އުފާވެރިކަމުގެ ތެރެއިން އަހަރެން ދަމައިގަތީ ދޮރުގައި މީހަކު ދިން ޓައްކެކެވެ. ދެން އެ މީހަކު، ހިތަހަމަނުޖެހިފައި ކަހަލަ ގޮތަކަށް ދޮރުގެ ތަޅުގައި ހިފައި ނިކަން ބާރަށް ތަޅުވައިގަތީ އެވެ. އަހަރެމެން ދެ މީހުންގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. މިއުޒިކްގެ އަޑު ކުއްލިއަކަށް ކެނޑިއްޖެ އެވެ. އޭރު އެމީހަކު ރުޅިއައިސްގެން ދޮރުގައި ނިކަން ބާރަށް ދެ އެތިފަހަރެއް ވެސް އަޅުވާލައިފި އެވެ. އަހަރެން އޮތީ ނިކަން ބާރަށް އަހަރެންގެ ރާޖާގެ ގައިގައި ބައްދައިގަނެގެންނެވެ. އޭނާގެ ކޮނޑުމަތިން ބޯ ދިގުކޮށް ދޮރާ ދިމާލަށް ބަލަހައްޓައިގެން އޮތްއިރު އޭނާގެ ފިރުމުންތަކުގެ އިހްސާސް އަހަންނަށް ކުރެވެ އެވެ. ބިރު ނުގަތުމަށް އެދި ބުނާ ކަހަލަ އެވެ.

ނަމަވެސް އަހަރެން އޭރު އޮތީ ފިނިވެފަ އެވެ. އިތުރު ވިސްނުމަކަށް ނުގޮސް ޖެހިގެން ހުރި ބިޔަ އަލަމާރީގެ ދޮރު ހުޅުވާލާފައި އޭގެ ތެރެއަށް އަހަރެންގެ ބައިވެރިޔާ ކޮށްޕާލީމެވެ. އޭނާ ގޮސް ހެދުންތަކުގެ ތެރެއަށް ވެއްޓުނީ އެވެ. އަލަމާރީގެ ދޮރު ލައްޕާލުމަށް ފަހު މޫނުގައި ހުރި މޭކަޕް އަތުން އަވަސް އަވަހަށް ފޮހެލީމެވެ. ދެން ގޮސް ހުޅުވީ ކޮޓަރީގެ ދޮރެވެ. ދައްތަ އެވެ.

"އަހަރެން ގޭގަ ނޫޅެންޏާމު ކަލެއަށް އަންނަނީ އީދެއް ދޯ މި ކޮޓަރި ތެރެއިން. މަ ގޭ ކޮޓަރިއަށް ނުވަންނާށޭ ކިތައް ދުވަހުތަ ބުނަން ޖެހެނީ. މަގޭ އެއްޗިއްސާ ނުކުޅޭށޭ ކިތައް ފަހަރު ބުނަން ޖެހެނީ ކަލޭ ގާތު. މޭކަޕް ސެޓް ހުސްނުކޮށް ތިނުން އެހެން ސިފައެއް ހޯދަން އުޅެންވީނުން،" ދައްތަގެ ރުޅިގަނޑު އަހަރެންގެ މޫނު މައްޗަށް ފަޅާލި އެވެ. ދެން ކޮނޑުގައި ދެ އަތް އަޅައި ކޮޓަރިން ބޭރަށް ކޮއްޕާލީ އެވެ.

އެއީ ދައްތަގެ ވައްތަރެވެ. އަބަދުވެސް އޭނާގެ ގޮތެވެ. އޭނާގެ ކޮޓަރިއަށް އަހަރެން ވަދެއްޖެއްޔާ ދެން ހީވާނީ ތަނެއްގައި ރޯވެގެން އުޅޭހެންނެވެ. ދައްތަ ޖޭ ވަނީ އެވެ. މޭކަޕްގައި އަހަރެން ރީތިވެފައި، ރީތި ފިރިހެނުންގެ ހިތް އަހަންނާ ދިމާލަށް ލެނބޭ މަންޒަރު ބަލަން އޭނާގެ ހިތަށް ކެތްނުވަނީ އެވެ. އެ ހަސަދަގަނޑު ފަޅައިގެންދާ ކޮންމެ ފަހަރަކު މިއީ އަބަދުވެސް ކަންތައްވާ ގޮތެވެ. ދެން ކޮން ކަމެއް ހެއްޔެވެ؟ މޭކަޕްކުރާ އެއްޗިހި ދައްތަ އަށް އެއްކޮށް ދެނީ ހަމަ އަހަރެންގެ ވެސް މަންމަ އެވެ.

ދެން ކޮންމެއަކަސް ދައްތަގެ ހަސަދަގަނޑާ އެކު އަހަރެމެން ދެ މީހުންގެ އުފާވެރި ވަގުތުކޮޅުގެ ހުޅުކޮޅު ނިވުނީ އެވެ. އަހަރެންގެ ބަތަލް އަހަންނަށް އިންތިޒާރުކުރާނެ އެވެ. އަލަމާރީގެ އަނދިރީގައި އޭނާ ފިލައި އޮންނާނެ އެވެ. އަހަރެން އަދިވެސް ދައްތަގެ ކޮޓަރި އަށް ވަންނާނަމެވެ. އޭނާގެ މޭކަޕް ސެޓް ހުސް ވެސް ކުރާނަމެވެ.

*** *** ***

އަހަރެމެންގެ ލޯތްބަށްވީ އަހަރެއް ނޭނގެ އެވެ. އަހަރެންގެ ހިތުގައި އުތުރިއަރަމުން މިދާ އިހްސާސްތައް އޭނާ އަށްޓަކައި ފައްކާވާން ފެށީ ފުރަތަމަ ފެނިލުމާ އެކުގަ އެވެ. އެ ދުވަހު އޭނާއާ ވާހަކައެއް ނުދެއްކުނެވެ. ފެނުނީ ވާހަކަ ދެއްކޭ ކަހަލަ ގޮތަކަށް ނޫނެވެ. އަތެއް ވެސް ނުލެވުނެވެ. އަދި އޭނާގެ ސަމާލުކަމެއް ވެސް ނުހޯދުނެވެ. އަހަރެންގެ ލަދުރަކި ހިނިތުންވުމަށް އޭނާ ދިން ރައްދެއް ވެސް ނެތެވެ. އެ ދުވަހު އަހަންނަށް ހުރެވުނީ އާގަމަވެ، އާޝޯހުވެފަ އެވެ. އެ ހިސާބުން އަހަރެން ނިންމީ އޭނާގެ ހިތުގެ ވެރިޔަކަށް ވުމަށެވެ.

އޭނާގެ ހުރިހާ މައުލޫމާތެއް އަހަރެން އެއްކުރީމެވެ. އެކުވެރިންނާއި ނުދަންނަ މީހުން ގާތުން ވެސް އެހީމެވެ. ފޮޓޯ ވެސް ހޯދީމެވެ. އެ ހުރިހާ ފޮޓޯތަކެއް ފޮރުވީ އަހަރެންގެ އެނދުގެ ބޯލާކޮޅުގައި، ގޮދަނޑި ދަށުގަ އެވެ. ކޮންމެ ރެއަކު އަހަރެން ނިންދަވައި ދެނީ އޭނާ އެވެ. އޭނާގެ ބީހުންތަކުންނެވެ.

އަހަންނަކަށް ނޭނގެ އެވެ. އަހަރެން ފާޑަކަށް މޮޔަވީ އެވެ. އެކުވެރިންނާ އެކު އުޅޭ ހިތް ވެސް ނުވީ އެވެ. އިތުރު ކަމަކަށް ވަގުތު ދޭން ވެސް ބޭނުން ނުވީ އެވެ. ކްލާހުގައި ވެސް އަހަރެން ފޫހި ފިލުވައި ދިން ބައިިވެރިޔަކީ އޭނާ އެވެ. ބައެއް ދުވަސް ދުވަހު އޭނާގެ ފޮޓޯތައް ފޮތުގެ ތެރޭގައި ފޮރުވައިގެން އުޅެނިކޮށް ޓީޗަރަށް ފަޅާއަރައިގެން އަހަރެން ލަދުގަންނުވާލާފައި ވެސް އެބަހުއްޓެވެ. އެގޮތަށް އަތުލި ފޮޓޯތައް ޓީޗަރު ވީދާ ކުދިކުދިކޮށްލީ އެވެ. އެ ވަރުން ވެސް އަހަރެން ދޫކޮށެއް ނުލަމެވެ. ސްކޫލް ނިންމާލާފައި ގޮސް ޑަސްބިން ހޮވައިގެން ވެސް އޭނާގެ ފޮޓޯގަނޑުގެ އެތިކޮޅުތައް އެއްކުރަމެވެ. ފަހުން ޓޭޕް އަޅައިގެން ތަރުތީބުކުރަނީ އެވެ. ކޮންމެ ހާލަތެއްގައި ވެސް އަހަރެން ހުރީ ވަރިހަމަވެފަ އެވެ.

އަހަރެންގެ މި އިހްސާސްތައް އެންމެފަހުން މަންމަ އަށް ފަޅާއަރުވާލީ އެއްކަލަ ދައްތަ އެވެ. އޭނާގެ ފޮޓޯ ގެންގުޅޭ ވާހަކަ ދައްތަ ކުޓުވީ ހަމަ ޖޭވެގެންނެވެ. އެ ދުވަހު މަންމަ ރުޅިއައިސްގެން އަހަރެން އަތުން ހުރިހާ ފޮޓޯތަކެއް އަތުލީ އެވެ. އޭރު އޭނާ އަހަރެން ގާތަށް އާދެ އެވެ. ނިދީގަ އާއި ހޭލާ ހުންނަ ވަގުތުތަކުގަ އެވެ. ހުވަފެނުގަ އެވެ.

އަހަރެމެން ދެ މީހުން ވާހަކަ ދައްކަމެވެ. އާންމުކޮށް ރޭގަނޑުގެ ވަގުތުތަކުގަ އެވެ. އެކަމަކު ދައްތަ ބުނާ ގޮތުން އަހަރެން ވާހަކަ ދައްކަނީ ނިދީގައި އެކަންޏެވެ. އެއީ ހަމަ އޭނާ އަށް ހީވާ ގޮތެވެ. އެކަމަކު މަންމަ އެންމެފަހުން އެ ވާހަކަ އަށް ވެސް ހެއްލުނީ އެވެ. އެހިސާބުން ޓީވީ ބެލުން ވެސް މަނާވީ އެވެ. ރޭގަނޑު ނުނިދާ ގިނައިރު ވަންދެން ޓީވީ ބަލަން އިނދެފައި ގޮސް އެނދަށް އަރައި ނިދީގައި ވާހަކަ ދައްކާ ކަމުގެ ޝަކުވާ ދައްތަ ހުށަހެޅި ހިސާބުންނެވެ.

އެ ހިސާބުން އަހަރެން ނިންމީ އަހަރެން އަބަދުވެސް އެމީހަކަށް ވާން އެންމެ ބޭނުންވި މީހާ އަށް ބަދަލުވާށެވެ. ދައްތަ އާއި މަންމަ ކިތަންމެ ވަރަކަށް ނުރުހުނަސް އަހަރެން ނިންމީ އަހަރެންގެ އެދުން ހާސިލުކުރުމަށެވެ. އަހަރެންގެ ހިތުގެ ވެރިޔާއާ އެކު ފިލައިގެން ދާށެވެ.

އޭނާ މަތިން ހަނދާންވާ ފަހަރުތަކުގައި އަހަރެން ލަވަކީމެވެ. އަހަރެން ފަހަތުން އޭނާ ވެސް ލަވަކިޔާހެން ހީވެ އެވެ. ފުރަގަހުން އައިސް އަހަރެންގެ އަތުގައި ހިފައި ކަރުދަށުގައި އިނގިލިތަކުން ކުޅެލާހެން ހީވެ އެވެ. އޭނާ މަތިން ހަނދާންވުމުން އަހަރެން އަމިއްލަ އަށް ވާހަކަ ދެއްކީމެވެ. އޭނާ އަށް އަހަރެންގެ އަޑު އިވޭނެތީ އެވެ. އެ އަޑު އޭނާ އަހާނެތީ އެވެ. އަހަރެންގެ ވާހަކަތަކަށް އޭނާ ފޫހިނުވާނެތީ އެވެ. އަދި އޭނާގެ އަސަރުގަދަ ޑައިލޮގްތަކުން އަހަރެންގެ ހިތަށް އަބަދުވެސް ފިނިކަމެއް ގެނެސްދޭތީ އެވެ.

އޭނާ މަތިން ހަނދާންވުމުން އަހަރެން ދައްތަގެ ކޮޓަރިއަށް ވަގަށް ވަންނަމެވެ. ގޭގައި ދައްތަ ނޫޅޭ ގަޑިތަކުގަ އެވެ. އޭނާގެ މޭކަޕްސެޓް ނަގައިގެން ރީތިވަމެވެ. ތުންފަތުގައި ލިޕްސްޓިކް ޖައްސަމެވެ. ރަވައިގައި އަނދުން އަޅަމެވެ. ކޯތާފަތުގައި ކުލަކުލަ ޖައްސަމެވެ. ކަރުގައި ފަށް އަޅަމެވެ. ދައްތަގެ ހެދުންތައް ހާވައިގެން އޭގެ ތެރެއިން ހެދުންތައް ލަމެވެ. އޭނާގެ ފުންނާބު އުސް ފައިވާންތަކަށް އަރައިގެން އަހަރެންގެ ބައިވެރިޔާއާ އެކު މަޑުމޮޅި ރާގުތަކަށް ނަށަން ނުކުންނަމެވެ. ފަނޑުއަލީގަ އެވެ. އަހަރެންގެ ހިތްހަމަޖެހުމަކީ މިއީ އެވެ. އުފަލަކީ އޭނާ އެވެ.

މިރެއަކީ ވެސް އޭގެ ތެރެއިން ރެއެކެވެ. ދައްތަގެ ކޮޓަރީގައި އޭނާގެ މޭކަޕާއި ހެދުމުގައި އަހަންނެވެ. ދެން މިހުރީ އަހަރެންގެ ބައިވެރިޔާ އެވެ. މިއުޒިކް ފެށުމާ އެކު އަހަރެމެން ދެ މީހުން ނަށަން ފެށީމެވެ.

ނަމަވެސް އެ އުފަލުގައި ހޭދަވީ އިރުކޮޅެކެވެ. މިފަހަރު މީހަކު ދޮރުގައި ޓައްކެއް ނުދެ އެވެ. ތަޅުގައެއް ވެސް ނުހިފަ އެވެ. ކުއްލިއަކަށް ދޮރު ހުޅުވާލީ އެވެ. އޭރު އަހަރެން ހުރީ ފަނޑުއަލިކަމުގެ ތެރޭގަ އެވެ. ދައްތަގެ ކުރު ހެދުމެއްގަ އެވެ. ފުންނާބު އުސް ފައިވާނަކަށް އަރައިގެން ދައްތަގެ މޭކަޕް ސެޓުން ނަލަހެދިލައިގެންނެވެ.

ހަރު ފިޔަވަޅުތަކެއްގައި ދައްތަ އެތެރެއަށް ވަދެގެން އައިއިރު އަހަންނަށް ހުރެވުނީ ހިރިލަން ވެސް ނުކެރިފަ އެވެ. ލަދު ގެންފަ އެވެ. އޭރު އަހަރެންގެ ބައިވެރިޔާ ގެއްލިއްޖެ އެވެ. ދައްތަ ވަދެގެން އައިގޮތަށް އައިސް ހިފީ އަހަރެންގެ ކަންފަތުގަ އެވެ.

"ބަލަ. އިބުރާހީމޫ ކަލޭ ގާތު ކިތައް ދުވަހުތަ ބުނަންވީ މަގޭ ހެދުންތަކާއި މޭކަޕް ސެޓަށް ނާރާށޭ. ބަލާބަލަ ޖަހާ ވައްތަރު،" އަހަރެންގެ އަތުގައި ހިފައިގެން އޭނާ ހިނގައިގަތީ ބޭރަށެވެ. ވަލެއްގައި ޖަހައިގެން ދަމާފައި ގެންދާ ކަހަލަ އެވެ. އޭރު ވެސް އޭނާ ދިޔައީ ފަތިވަރު އަމުނަމުންނެވެ. ލަކިޖަހަމުންނެވެ.

"ކަލޭ ކައިރީގަ އެހެންވީމައޭ މި ބުނަނީ އަބަދު ތި ލަވަތަކާއި ފިލްމުތައް ނުބަލާށޭ. ތި ފޮޓޯތައް އެއް ނުކުރާށޭ. މި ދެން ކިހާ ދެރަކަމެއްތަ؟ މަންމާ، ބަލާބަލަ އިބްރާހީމް ކޮށްގެން އުޅޭ ކަންތައް،" ދައްތަ ގޮސް އަހަރެން ހޫރާލީ މަންމަގެ ކުރި މައްޗަށެވެ.

*** *** ***

ބައި ދަ ވޭއި، އަހަންނަށް މިހާރު 20 އަހަރެވެ. އަދިވެސް މޭކަޕް ކުރަމެވެ. އެކަމަކު މިހާރު ގެންގުޅެނީ އަހަރެންގެ އަމިއްލަ ސެޓެކެވެ. މިހާރު ވެސް އެންމެ ކަމުދަނީ އޭނާ އެވެ. އެއީ އަހަރެންގެ ބަތަލެވެ. މި ރާއްޖޭގެ އެންމެ މަޝްހޫރު އެކްޓަރެވެ.