ރާއްޖޭގައި ކުށް ކުރުން ނުހުއްޓިވިގެން އުޅެނީ ދެ ސަބަބެއްގެ ސަބަބުން ކަމަށާއި އެ ދެ ސަބަބަކީ ގޭންގާއި މަސްތުވާތަކެތި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އުމަރު ވިދާޅުވީ، އެ ދެ ވަބާ ވެސް ގޮސް ހުއްޓެނީ އިދިކޮޅު ފަރާތަކުން އުފައްދައިގެން އުޅޭ މޯލްޑިވްސް ޔުނިޓެޑް އޮޕޮޒިޝަންއާ ހަމައިން ކަމަށެވެ.
މާލޭގައި މާރާމާރީތައް ގިނަވެފައިވާއިރު، އެ މާރާމާރީތައް ނުހުއްޓުވޭނަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް މޯލްޑިވްސް ޔުނައިޓަޑް އޮޕޮޒިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމަށް ރައްދު ދެއްވަމުން މިނިސްޓަރު އުމަރު މިއަދު ވިދާޅުވީ، ކުށް ކުރުން ނުހުއްޓުވެނީ ގޭންގާއި މަސްތުވާތަކެތީގެ ސަބަބުން ކަމަށެވެ.
ގޭންގްތަކުގެ ހަރަކާތްތައް ރާވައި، އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް މީގެކުރިން އެމްޑީޕީއިން ވެސް ބުނެފައިވާ ކަމަށާއި އަދީބަކީ މިހާރު އެ އިއްތިހާދުގެ އިސް ލީޑަރެއް ކަމަށެވެ. އެހެންކަމުން ގޭންގޭ މާރާމާރީއޭ ކިޔައިގެން އެ އިއްތިހާދަށް ވާހަކަ ނުދެއްކޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަދީބު ބައިވެރިކޮށްގެން ހަދާފައިވާ އެލަޔެންސްގައި ގޭންގް މާރާމާރީ އާއި ހިޔާނާތޭ ކިޔައިގެން ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ، އެ އިއްތިހާދުގެ އަނެއް ލީޑަރަކީ މަސްތުވާތަކެއްޗަށް ހިތްވަރު ދެއްވާ ބޭފުޅެއް ކަމަށެވެ. "ބޮވެންޖެހޭނޭ ބޯންޖެހޭނޭ" ކަމަށް ވިދާޅުވެ، މަސްތުވާތަކެއްޗަށް ހިތްވަރުދިން ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އުމަރު ވިދާޅުވި އެވެ. މަސްތުވާތަކެއްޗަށް ދެވިހިފައި އޭގެ ތެރެއަށް ޒުވާނުން ވަދެ، ހިތްވަރު ލިބުނީ ރައީސް ނަޝީދުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، އިސްތިއުފާ ދިނުމަކީ މާރާމާރީތައް ހުއްޓުވުމަށް އޮތް ހެއްލެއް ނޫން ކަމަށެވެ. އިސްތިއުފާ ދިނަސް ނުދިނަސް އެއީ މާރާމާރީތައް ހުއްޓުވޭނެ ސަބަބެއް ނޫން ކަމަށް ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، އެފަދަ ކުށްތައް ހުއްޓުވުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.