ހަބަރު

ޕްރިންސިޕަލުންނަށް ހާއްސަ އަތްމަތީ ފޮތެއް ނެރެފި

ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރަން ޕްރިންސިޕަލުންނަށް ހާއްސަ އަތްމަތީ ފޮތެއް މިއަދު ނެރެފި އެވެ.

މި ފޮތް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިފޮތުން ޕްރިންސިޕަލުންނަށާއި، ކުދިންނަށް އަދި ބެލެނިވެރިންނަށް ސްކޫލްތަކުން ފޯރުކޮށްދޭ ފެންވަރު ރަނގަޅުކުރަން އެހީތެރުވެދޭނެ ކަމަށެވެ. ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނީ ސްކޫލްތައް ހިންގަން ތިބި ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ބޭނުންވާ ހުނަރާއި އެހެން ކަންތައްތައް ފަހިކޮށްދީގެން ކަމަށެވެ.

"ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީނު ކުރަން މިހާރުވެސް މަސައްކަތްތަކެއް ކުރަމުން މިދަނީ. އެގޮތުން ރާއްޖެއާ އެންމެ އެއްކަހަލަ ތައުލީމީ ސިސްޓަމެއް އޮންނަ އެއް ގައުމަކީ މެލޭޝިޔާ. މެލޭޝިޔާއަށް ސްކޫލްތަކުގެ ޕްރިންސިޕަލުން ފޮނުވައި ތަމްރީނު ތަކެއް އެބަދެން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2017 ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ. އޭގެ އިތުރުންވެސް އާ ޕޮލިސީސް ރޯލް އައުޓް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މި ފޮތާ ބެހޭގޮތުން މައުލޫމާތު ދެމުން ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމާ ހަވާލުވެ ހުންނަވާ އަބުދުﷲ އިސްމާއިލް ވިދާޅުވީ މިފޮތް ހެދުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. މިއީ މިފޮތުގެ ފުރަތަމަ އެޑިޝަނެވެ. މިފޮތް ތައްޔާރުކުރުމުގައި ދިވެހި ޕްރިންސިޕަލުންގެ އިތުރުން ބޭރު ގައުމަކުންވެސް މީހަކު ގެނައި ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

މިއީ މިފޮތް ޗާޕްކޮށްގެން ނެރުނު ފުރަތަމަ ފަހަރެވެ.