ވިޔަފާރި

އެމްވީޕީއެން ގާއިމްކުރަން އުރީދޫ އާއި ކަސްޓަމުން އެއްބަސްވެއްޖެ

Jun 16, 2016

މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވާކް ގްރޫޕް) އެއް ގާއިމްކުރަން އުރީދޫ މޯލްޑިވްސް އާއި ކަސްޓަމުން ސޮއިކޮށްފި އެވެ.

ކަސްޓަމްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރު ޖެނެރަލް އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހާ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކޮމިޝަނަރު ޖެނެރަލް އިބްރާހިމް ޝަރީފް ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސް އިން މިހާރު އަމާޒުހިފާފައިވަނީ ވޯލްޑް ބޭންކްގެ "ޑުއިން ބިޒްނަސް އިންޑެކްސްގައި" ރާއްޖޭގެ ދަރަޖަ ރަނގަޅުކުރުމަށްކަމަށާއި، މިކަން ހާސިލްކުރުމަށްޓަކައި ސިންގަލް ވިންޑޯ މެދުވެރިކޮށް އެކްސްޕޯޓް އިމްޕޯޓް އެންމެހާ ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. މިފަދަ ކޮންމެ ކަމަކަށްވެސް ޓެލެކޮމިޔުނިކޭޝަން އާއި އިންޓަނެޓް ފަދަ ވަސީލަތްތައް ވަރަށް ބޮޑު ރޯލެއް އަދާކުރާކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހާ ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސްއަކީ ވަރަށް މުހިންމު ހިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއެއް ކަމަށާއި، މިއަދު މި ތައާރަފްކުރެވުނު ހިދުމަތުގެ ސަބަބުން ކަސްޓަމްސް އިން ފޯރުކޮށްދޭ ހިދުމްތައް ފުރިހަމަވެ، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ.