ހަބަރު

އަދީބު ހުރީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް ބުނެ ސީޕީގެ ސަމާލުކަމަށް ގެނެސްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ހުންނެވީ ގާނޫނާ ހިލާފެއް ބަންދެއްގައި ކަމަށް ބުނެ އޭނާގެ ވަކީލުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ސީޕީއަށް އަދީބުގެ ވަކީލް މޫސާ ސިރާޖު ފޮނުވި ސިޓީގައި ވަނީ އަދީބު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އަދީބު މިހާރު ހުންނެވީ ދޫނިދޫ ކުޑަގޮޅީގަ އެވެ. ނަމަވެސް އަދީބަށް ވަނީ ދެ މައްސަލައެއްގައި ހުކުމް އިއްވާފަ އެވެ. ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އަދީބަށް ވަނީ އައިސްފަ އެވެ.

ޖަލުތަކުގެ ޕެރޯލްގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) ތިންވަނަ ނަންބަރުގެ ދަށުން ހުކުމް ތަންފީޒުކުރާ މީހުން ބައިތިއްބަން ވާނީ އާންމު ޖަލެއްގައި ކަމަށްވާއިރު އާންމު ޖަލުތައް ބަލަހައްޓައި ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަމަށް އެ ގާނޫނުގެ ހަވަނަ މާއްދާގެ (ހ)ގައިވެ އެވެ.

އެހެންނަމަވެސް އަދީބުގެ މައްޗަށް ކުރެވުނު ހުކުމްތައް ތަންފީޒުކުރުމުގެ ގޮތުން ކަރެކްޝަނަލްއާ ހަވާލުކޮށްފައެއް ނުވެ އެވެ.

ހުކުމެއް ކުރެވިފައިވާ މީހަކުނަމަ ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ނ)ގެ ދަށުން ސަލާމަތީ ގިންތި ކަނޑައަޅަން ޖެހޭތީ އާއި ހުކުމް ކުރެވިފައިވާ މީހަކަށް ލިބެންޖެހޭނެ އެންމެހައި އިނާޔަތްތައް ވެސް ލިބިގެން ދާނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ތަންފީޒުކުރުމުގެ ގޮތުން ކެރެކްޝަނަލްއާ ހަވާލުކޮށްގެން ކަމަށް ސިރާޖު ވަނީ ވިދާޅުވެފަ އެވެ. ސިޓީގައި ވަނީ އެންމެ އަވަހަކަށް އެކަން ހަމަޖައްސަވައި ދެއްވައި މިކަމާ ގިޅޭ ގޮތުން ގޮތެއް ނިންމުމަށް ސީޕީގެ އަރިހުގައި ވަނީ އެދިފަ އެވެ.