ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑުކަމަށްވާ އެޝްޓަން ކުޗާ އާއި މީލާ ކޫނިސް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަމަށް ބުނެފި އެވެ.
އެންމެ ގިނަދުވަހު އެކީގައި އުޅެ ދެމަފިރިންނަށްވީ މިދެތަރިންނަށް ދެ ވަނަ ދަރިއަކު ލިބެން އުޅޭކަން މީލާ ވަނީ ޔަގީންކޮށްދީފަ އެވެ. "އެލެން ޑިޖެނެރެސް" ޝޯގައި ވާހަކަ ދައްކަމުން މީލާ ބުނީ ދެވަނަ ދަރިފުޅަށް މިހާރު އިނީ ބަލިވެ ކަމަށާއި ދެ ވަނަ ކުއްޖެއް ހޯދުމަށް މިދިޔަ މަހުން ފެށިގެން މަސައްކަތް ކުރި ކަމަށްވެސް ބުނެފަ އެވެ.
އެކުގައި އުޅެނިކޮށް މިދިޔަ އަހަރު ކައިވެނިކުރި މިދެތަރިންނަށް ފުރަތަަ ލިބިފައިވަނީ އަންހެން ކުއްޖެކެވެ. މިހާރު އުމުރުން އެއް އަހަރުގެ ވާޔަޓް ލިބިފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
މި ދެތަރިންގެ ރެޕްރެޒެންޓޭޓިވް ވެސް ނޫސްތަކަށް ވަނީ ދެ ވަނަ ދަރިއަކު ލިބެން އުޅޭ ހަބަރާއެކު އެމީހުން ތިބީ ވަރަށް އުފަލުން ކަމަށް ބުނެފަ އެވެ.
މިދިޔަ މަހު މިލާ، އޭނާގެ ފިލްމު "ބޭޑް މޮމްސް" ގެ ޕްރޮމޯޝަންގައި ބައިވެރިވަނިކޮށް ދެވަނަ ދަރިފުޅަށް ބަނޑުބޮޑު ވާހަކަތައް ދެކެވެން ފެށުމުން އޭނާ ވަނީ އޭރު އެވާހަކަތައް ދޮގުކޮށްފަ އެވެ. ނަމަވެސް އެފަހަރުވެސް މީލާ ވަނީ އިތުރު ކުދިން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެޝަޓަން އާއި މިލާ ދިމާވެފައިވަނީ ދެތަރިން އެކުގައި ކުޅުނު "ދެ ޓް 70ސް ޝޯ" ގެ ތެރެއިންނެވެ. މިޝޯގެ ތެރެއިން ދިމާވެ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވެ އަނެއްކާވެސް ދެތަރިން ވަނީ އަލުން 2012 ވަނަ ލޯބީގެ ގޮތުން ގުޅިފަ އެވެ. އަދި އެކުގައި އުޅެމުން އައިސް ކައިވެނކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.