ހޮލީވުޑް

އެމްބާގެ ނުރައްކަލަށް ޖޮނީ ޑެޕް އިތުރަށް ސަމާލުވެގެން

Jun 17, 2016
1

ހޮލީވުޑްގެ އެންމެ މަޝްހޫރު އެއް ތަރި ޖޮނީ ޑެޕް ކައިވެނިކޮށްގެން އުޅުނު ބަތަލާ އެމްބާ ހާޑް މިހާރު ވަރިވާން ކޯޓަށް މައްސަލަ ވައްދާފައިވާއިރު، ދުވަހެއް ދުވަހަކަށް މި ދެތަރިންގެ އާ ވާހަކަތަކެއްގެ އަންނަނީ ކުރިފަޅަމުންނެވެ.

ޑެޕްގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އަޅުވައި އޭނާގެ އަގުވައްޓާލަން އެމްބާ މިހާރު މަސައްކަތް ކުރަމުން އަންނައިރު، ޑެޕް މިވަނީ މަހަކު ވިހި ހާސް ޕައުންޑަށް ކްރައިސިސް މެނޭޖްމަންޓް އެކްސްޕާޓަކު ހަމަޖައްސާފަ އެވެ.

ދެތަރިންގެ ކައިވެންޏަށް 15 މަސްވީ ތަނުން ވަރިވާން ކޯޓަށް މައްސަލަ އެމްބާ ވައްދާފައިވާއިރު އޭނާ ވަނީ ޑެޕްއާ ކައިވެނިކޮށްގެން އުޅުނު 15 މަސްދުވަހުގެ ތެރޭގައި އޭނާ އަށް ގެވެށި އަނިޔާކޮށްފައިވާ ކަމަށް ބުނެފަ އެވެ. މިކަމުގެ ސަބަބުން އޭނާގެ ކެރިއަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށްވާއިރު، އަގު ބޮޑުކޮށް ކްރައިސިސް މެނޭޖްމަންޓް އެކްސްޕާޓަކު ހަމަޖައްސައި ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާގެ ކެރިއަރާއި އިއްޒަތް ސަލްމާތްކުރަން ޑެޕް ބޭނުންވެ އެވެ.

އަލަން މަޔޭ ނަމަކަށް ކިޔާ މީހަކު ޑެޕް މިހާރު އޭނާގެ މޫނުމަތި ރީތިކުރުމަށް ހަމަޖައްސާފައިވާއިރު، އޭނާގެ އެދުމުގެ މަތިން ޓީވީ އިންޓަވިއުތަކެއް ދިނުމަށް މިހާރު ވަނީ ނިންމާފަ އެވެ. އެގޮތުން އެމްބާ އާއި ޑެޕްގެ މިކޯޅުމުގެ ސަބަބުން އޭނާގެ ކެރިއަރަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަން އެނގިހުރި މީޑިއާ އަށް ފިލައިގެން މިދަނޑިވަޅު ނޫޅެ ޑެޕް ބޭނުންވަނީ އޭނާގެ ބަސްވެސް ޕަބްލިކަށް އިއްވާށެވެ.

އެގޮތުން ޑެޕް އެލަންއާ ބައްދަލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ޑެންމާކްގަ އެވެ. އެބައްދަލުވުމުގައި ވަނީ ޑެޕްގެ އިމޭޖް ޕަބްލިކްގައި ރީތިކޮށް ބަހައްޓާނެ ހުރިހާ ގޮތަކާއި ބެހޭގޮތުން ވާހަކަދައްކާފަ އެވެ. މިހާރު ޑެޕްގެ ކްރައިސިސް މެނޭޖްމަންޓް ޑްރައިވް ވަނީ ލޮސް އެންޖަލިސްްގައި ލޯންޗްކޮށްފަ އެވެ.

ޑެޕް އެމްބާ އަށް ހަމަލަދީގެން ލިބިފައިވާ އަނިޔާތައް ކަމަށް ބުނެ އޭނާ ވަނީ ފޮޓޯ ތަކެއް ވެސް އާންމުކޮށްފަ އެވެ. އަދި އޭނާ ވަނީ މި މައްސަލަ ކޯޓަށް ވައްދައިގެން އެމްބާ ވަނީ އެންމެފަހުން ޖޮނީ ޑެޕަށް އޭނާއާ ގާތަށް ނާދެވޭ ވަރުގެ ހުކުމެއް ވެސް ކާމިޔާބުކޮށްފަ އެވެ.

"ފައިރޭޓްސް އޮފް ދަ ކެރީބިއަން" ފިލްމު ސިލްސިލާ އިން ދުނިޔެ އަށް މަޝްހޫރުވެގެން ދިޔަ 52 އަހަރުގެ ޑެޕް އެންމެއަވަހަށް ބެލުންތެރިންނަށް ދެން ފެންނާނީ "އެލިސް ތުރޫ ދަ ލުކިން ގްލާސް" އިންނެވެ.