ހަބަރު

އަބުރާ ގުޅޭ އާ ބިލްގައި މީޑިއާތަކަށް އިސްތިސްނާތަކެއް، ބޮޑެތި ޖޫރިމަނާތަކެއް!

Jun 17, 2016

ރައްޔިތުން މަޖިލީހަށް އަލަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބިލްގައި މީޑިއާތަކަށް ބައެއް އިސްތިސްނާތައް ހިމަނައި ބޮޑެތި ޖޫރިމަނާތަކެއް ހިމަނައިފި އެވެ.

ބިލް ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު އީސާ އާދަމް މިއަދު ވިދާޅުވީ، ކުރީގެ ބިލާ ހިލާފަށް އާ ބިލްގައި އަބުރާ ބެހުމުގެ ދައިވާތައް ރައްދުވާ ފަރާތްތަކަށް ދިފާއު ވެވޭނެ ގިނަ ކަންތައްތަކެއް ހިމަނާފައިވާ އިރު މީޑިއާތަކަށް ވެސް އިސްތިސްނާތައް ހުންނާނެ ކަމަށެވެ. އެގޮތުން، މީހަކާ ނޫނީ ބަޔަކާ ހަވާލާދީ ލިޔާ އެއްޗަކުން މީޑިއާއެއް ނޫނީ ނޫސްވެރިންގެ މައްޗަށް އަބުރުގެ ދައުވާ ނުކުރެވޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

މީގެ ކުރިން ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން ހުށަހެޅުއްވި ބިލްގައި އެފަދަ އިސްތިސްނާއެއް މީޑިއާއަކަށް ނަމަވެސް ނޯވެ އެވެ. އާ ބިލްގައި އަބުރާ ބެހުމުގެ އަދަބެއްގެ ގޮތުގައި ޖޫރިމަނާ ކުރެވޭނީ ބައިލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމަޔަށެވެ. އަދި ޖޫރިމަނާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހުގެ މުއްދަތަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ބިލްގައި ވަނީ ހިމަނައިފައި ކަމަށް މެންބަރު ވިދާޅުވި އެވެ.

ޖޫރިމަނާ ކުރެވޭ ގޮތްތައް

  • ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ދޮގު ވާހަކަ ފެތުރުން: 50،000 ރުފިޔާ އިން 2 މިލިއަން ރުފިޔާއަށް
  • އަބުރާ ބެހުމުގެ ކުށުގެ އަދަބު: 50،000 ރުފިޔާ - 2 މިލިއަން ރުފިޔާއަށް
  • އާންމު ނިޒާމާ ހިލާފަށް ދޮގު ވާހަކަ ފެތުރުމުގެ ކުށުގެ އަދަބު: 50،000 ރުފިޔާ - އެއް މިލިއަން ރުފިޔާ

އާ ބިލްގައި އަބުރާ ބެހުމުގެ ކުށަކަށް ނުވާނެ ކަންކަމުގެ ގޮތުގައި ބުނެފައި ވަނީ އިލްމީ ގޮތުން ބަޔަކަށް އެއްޗެއް އުގަންނައި ދިނުމަށާއި ރިސާޗް ކުރުމާއި އިލްމީ އެކި ފޯރަމްތަކުގައި ދައްކާ ވާހަކަތަކާއި ރައްޔިތުންގެ މަޖިލީހުގަ އާއި ކޯޓްގެ ޝަރުއީ މަޖިލިސްތަކުގައި ދައްކާ ވާހަކަތަކެވެ.

މީގެ ކުރިން ވެސް ހަމަ މިފަދަ ބިލެއް ނިހާން ހުށަހެޅުއްވި ނަމަވެސް ތަފާތު ބައެއްގެ ޝަކުވާއާ އެކު އެ ބިލް ނިހާން ވަނީ އަނބުރާ ގެންދަވައިފަ އެވެ. ނިހާން ވިދާޅުވެފައި ވަނީ އާ ބިލަކީ ވަރަށް ބޮޑަށް ލުއިކޮށްފައިވާ ބިލެއް ކަމަށެވެ.