ވަޒީފާ ދޭ ފަރާތުގެ އިހްމާލުން މަސައްކަތުގެ މާހައުލުގައި މުވައްޒަފަކު މަރުވެއްޖެނަމަ އާއިލާއަށް ބަދަލުގެ ގޮތުގައި 1.4 މިލިއަން ރުފިޔާ އަށް ވުރެ ކުޑަ ނޫން ބަދަލެއް ދޭންޖެހޭ ގޮތަށް މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގަވައިދު އެކުލަވާލާ އަމަލުކުރަން ފަށައިފި އެވެ.
ލޭބަ ރިލޭޝަންސް އޮތޯރިޓީން އެކުލަވާލާފައިވާ މި ގަވައިދަށް އަމަލުކުރަން މިމަހުގެ 14 ވަނަ ދުވަހު އެވެ.
މި ގަވައިދުގައި ވަނީ މަސައްކަތު މާހައުލުގައި މީހަކަށް ލިބޭ އަނިޔާއެއްގެ ސަބުން ނުކުޅެދުންތެރިކަމެއް ލިބިއްޖެނަމަ ނުވަތަ މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ ބަދަލު ނަގައިދެވޭނެ ގޮތްތަކެއް އަދި އެކަމުގައި ބަލާނެ ހަމަތަކެއް ހިމަނާފަ އެވެ.
ގަވައިދުގައިވާ ގޮތުން މަސައްކަތު މާހައުލުގައި މީހަކަށް ލިބޭ އަނިޔާއެއްގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލި ނުވަތަ ވަގުތީގޮތުން ވިޔަސް އަދި ދައިމީ ގޮތުން ވިޔަސް ނުކުޅެދުންތެރި ކަމެެއް ލިބިއްޖެނަމަ އެކަމުގެ ހަރަދުތަކާއި ބަދަލު އާއިލާ ދޭންޖެހެ އެވެ.
މަސައްކަތު މާހައުލުގައި މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ ބަދަލުގެ ގޮތުގައި ނަގައިދެވޭނެ އެންމެ ބޮޑުއަދަކީ 15.4 މިލިއަން ރުފިޔާ ކަމަށް ގަވައިދުގައި ކަނޑައަޅާފައިވެ އެވެ. އަދި ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެއްޖެނަމަ ގެއްލުމުގެ ބަދަލު 10 އަހަރު ދުވަހަށް ނަގައި ދެވޭނެ ކަމަށާއި އެގޮތަށް ބަދަލުގެ ގޮތުގައި ނަގައިދެވޭނެ އެންމެ މަތީ އަދަދަކީ 19 މިލިއަން ރުފިޔާ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ. އަދި ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެއްޖެނަމަ ބަދަލުގެ ގޮތުގައި 10 އަހަރުގެ މުއްދަތަކަށް ނަގައިދެވޭނެ އެންމެ ކުޑަ އަދަދަކީ 1.2 މިލިއަން ރުފިޔާ ކަމަށްވެސް ގަވައިދުގައިވެ އެވެ.
ބަދަލުދޭ މިންވަރު ކަނޑައެޅުމުގައި މަސައްކަތްތެރިޔާގެ އުމުރާއި އުޖޫރައާއި އަދި މަސައްކަތް ހަވާލުކުރިފަރާތުގެ އިހުމާލު އޮތްވަރު ބެލުމަށް ގަވައިދު ލާޒިމުކުރެ އެވެ.