މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު އުމްރާއަށްދާ ދެވަނަ ގުރޫޕް ފުރައިފި އެވެ. މި ގުރޫޕްގައި ހިމެނެނީ 100 މީހުންނެވެ.
މި 100 އުމްރާވެރިން މިރޭ މައްކާއަށް ދިޔުމަށް ފުރާފައިވަނީ މެގަ މޯލްޑިވްސްގެ ފްލައިޓެއްގަ އެވެ. އުމްރާވެރިންނާއެކު ހައްޖު ކޯޕަރޭޝަންގެ އަށް އޮފިޝަލަކު ބައިވެރިވެ އެވެ.
މި ގުރޫޕްގެ މީހުންނަށް ވެސް މައްކާ އާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުމުގެ ކުރުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުންދޭނެ އެވެ. އެގޮތުން މައްކާގެ މިނާމ އާއި އަރަފާތަށް ޒިޔާރަތްކުރެވޭނެ އެވެ. އަދި މަދީނާގެ އުހުދު ފަރުބަދައަށް ވެސް އުމްރާވެރިންނަށް ޒިޔާރަތްކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އުމްރާ އަދާކުރުމަށްފަހު މި ގުރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އެވެ.
ހައްޖު ކޯޕަރޭޝަނުން މި އަހަރު ފަސް އުމްރާ ދަތުރުކުރަން ނިންމާފައިވާއިރު ރޯދަ މަހުގެ އުމްރާ ދަތުރަށް އެ ކޯޕަރޭޝަނުން ހާއްސަ ޑިސްކައުންޓްތަކެއް ވެސް ތައާރަފުކުރި އެވެ.