ޔޫރޯ 2016

ޔޫރޯ 2016: ފަހު ވަގުތު ލަނޑު ޖެހުމުގައި ރެކޯޑް މުބާރާތެއް!

ޔޫރޯގައި މިއަދާއި ހަމަޔަށް 35 ގޯލް ޖަހާފައިވާއިރު އޭގެ ތެރެއިން 13 ގޯލް ޖަހާފައިވަނީ މެޗްގެ އެންމެ ފަހު 15 މިނެޓްގަ އެވެ. މި 13 ގޯލަކީވެސް މެޗްގެ ނަތިޖާ އަނބުރައިލި 13 ގޯލެވެ. އޭގެ އެއް މިސާލަކަށް ރޭ އިޓާލީ ދެ ވަނަ ބުރަށް ގެންގޮސްދިން ލަނޑު ހިމެނެ އެވެ. ސްވިޑެން ކޮޅަށް އިޓަލީގެ އެޑިއާ މާޓިންސް ލަނޑު ޖެހީ މެޗްގެ 88 ވަނަ މިނެޓްގަ އެވެ.

ޖޫން 10 ވަނަ ދުވަހު ފެށުނު މުބާރާތުގެ ފުރަތަމަ މެޗުންވެސް ތަފާސް ހިސާބުތައް ފެންނަން އޮތީ އެގޮތަށެވެ. ފުރަތަމަ މެޗްގައި މުބާރާތް ބާއްވާ ގައުމު ފްރާންސް ރޮމޭނިއާ ދެކޮޅަށް ކުޅުނު މެޗް އެއްވަރުވާން ދަނިކޮށް ޑިމިޓްރީ ޕެޔަޓް ފްރާންސް މޮޅުކޮށްދިނީ މެޗްގެ 89 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ކުޅުނު ފުރަތަމަ މެޗުންވެސް މޮޅުވީ 87 ވަނަ މިނެޓްގައި ޖެރާޑް ޕީކޭ ކާމިޔާބު ކުރި ލަނޑުންނެވެ.

ސްޕެއިންގެ ކޯޗް ވިސެންޓޭ ޑެލްބޮސްކޭ ބުނީ އެއީ މުބާރާތްތަކުގައި އާންމުކޮށް ހިނގާ ކަމެއް ނޫން ކަމަށާއި އަދި އެއީ އަދަޔާ ހިލާފު ކަމެއް ވެސް ނޫން ކަމަށެވެ.

"ކުޑަކޮށް ހައިރާން ވޭ. އެކަމަކު މެޗްގެ ކުރީ ކޮޅު ގޯލް ޖަހާފަދައިން މެޗްގެ ފަހުކޮޅުވެސް ގޯލް ޖަހާނެ،" ޑެލްބޮސްކޭ ބުންޏެވެ.

މީގެ އިތުރުން މެޗްގެ 90 މިނެޓް ހަމަވެ އިތުރަށް ދައްކާ އިންޖަރީ ޓައިމް ނުވަތަ އިތުރު ވަގުތުގެ މިނެޓްގައިވެސް ލަނޑު ޖެހުމުގެ ރެކޯޑެއް އަދި މިހާތަނަށް މުބާރާތުގައި އެބައޮތެވެ.

މިހާތަނަށް އިތުރު ވަގުތުގައި ޖަހާފައިވާ ލަނޑުތައް

* ރަޝިޔާގެ ވެޒަލީ ބެރެޒުޓްސްކީ – އިންގެލެންޑާ ދެކޮޅަށް 90+2 ވަނަ މިނެޓްގައި

* ޖަރުމަންގެ ބަސްޓީއަން ސްވައިންސްޓައިގާ – ޔޫކްރޭންއާ ދެކޮޅަށް 90+2 ވަނަ މިނެޓްގައި

* އިޓަލީގެ ގްރެޒިއާނޯ ޕެލޭ – ބެލްޖިއަމްއާ ދެކޮޅަށް 90+2 ވަނަ މިނެޓްގައި

* ފްރާންސްގެ ޑިމިޓްރީ ޕެޔަޓް – އަލްބޭނިއާ ދެކޮޅަށް 90+6 ވަނަ މިނެޓްގައި

* އިންގްލެންޑްގެ ޑެނިއަލް ސްޓަރިޖް – ވޭލްސްއާ ދެކޮޅަށް 90+1 ވަނަ މިނެޓްގައި

* އުތުރު އަޔަލެންޑްގެ ނަޔަލް މެކްގިން – ޔޫކްރޭންއާ ދެކޮޅަށް 90+6 ވަނަ މިނެޓްގައި

މީ އާދަޔާ ހިލާފް ކަމަކަށް ވިޔަސް ނުވަތަ ނުވިޔަސް، 87 ވަނަ މިނެޓްގެ ފަހުން ޔޫރޯގައި ނުވަ ލަނޑު ޖަހައިފިއެވެ. އޭގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ފރާންސްގެ ޕެޔަޓެވެ. އެނގޭ ކަމަކީ މިއީ ޔޫރޯގެ ތާރީހްގައި ރެކޯޑެއްގެ ގޮތުގައި ލިޔެވޭނެ ކަމެއް ކެމެކެވެ.