ދުނިޔެ

ސައިންސްވެރިން ބުނަނީ އޭލިއަނުންނާ ވާހަކަ ދެއްކުމުގެ ވަގުތު ޖެހިއްޖެ ކަމަށް!

މި ދުނިޔެއިން ބޭރުގައި ދިރުމެއްވާ ނަމަ އެ ދިރުމެއް ހޯދައި އޭލިއަންތަކާ ވާހަކަ ދެއްކުމުގެ ވަގުތު ޖެހިއްޖެ ކަމަށް އެމެރިކާގެ ސައިންސްވެރިން ކަނޑައަޅައިފި އެވެ.

މިގޮތަށް ކަނޑައަޅާފައި ވަނީ އެމެރިކަން އެސޯސިއޭޝަން ފޯ ދަ އެޑްވާންސްމެންޓް އޮފް ސައިންސްގެ ބައްދަލުވުމެއްގަ އެވެ. ޕްލެނެޓް އާތު ނޫން އެހެން ދުނިޔެއެއްގައި ދިރުމެއްވޭތޯ ބެލުމަށް މަސައްކަތްކުރާ ޓީމުން މިހާރު ހޭވައްޓާލާފައި ތައްޔާރުވަމުން ދަނީ އޭލިއަނުންނަށް ފޮނުވާނެ މެސެޖުތަކެއް އެކުލަވައިލުމަށެވެ.

އޭލިއަނުންނަށް ގޮވާލާނެ ގޮތަކާމެދު މަޝްވަރާތައް ކުރިއަށްދާއިރު މި މައްސަލާގައި ބައެއް ސައިންސްވެރިންގެ މެދުގައި ނިކަން ބޮޑަށް ހިޔާލުތަފާތުވެ ބިރުވެރިކަން ވެސް އުފެދިފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން ބައެއް ސައިންސްވެރިން ބުނަނީ ދެވޭ މެސެޖަކުން އޭލިއަނުންތަކުގެ ނުރައްކަލަށް މި ދުނިޔެ އާއި އިންސާނުން ހުށަހެޅިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެންވީމަ އޭލިއަނުން ހޯދަން މެސެޖުތަކެއް ފޮނުވުމަށް ވުރެ ރަނގަޅުވާނީ އެކަން ނުކުރިއްޔާ އެވެ.

ނަމަވެސް އުފާވެރި ޚަބަރަކީ މިހާތަނަށް ކޮށްފައިވާ އެއްވެސް ދިރާސާއަކުން އޭލިއަން ދިރުމެއް ހޯދިފައި ނުވާކަމެވެ. އަދި އެފަދަ ނުރައްކަލަކަށް ދުނިޔެ ވެސް ހުށަހެޅިފައި ނުވާ ކަމެވެ.

މި ދުނިޔެއިން ބޭރުގައި ދިރުމެއްވޭތޯ ބެލުމަށް އެމެރިކާގެ ސައިންސްވެރިން އޭލިއަނުންނަށް ފާރަލަމުން ގެންދާތާ މިހާރު 30 އެތައް އަހަރެކެވެ. ރޭޑިއޯ ޓެލެސްކޯޕްގެ އާލާތްތައް ބޭނުންކޮށްގެން އޭލިއަނުންގެ ސިގްނަލް ހޯދަން ކުރަމުންދާ މަސައްކަތުގެ ބޮކި މިހާތަނަށް ދިއްލިފައެއް ނުވެ އެވެ.

އެހެންވީމަ މި ހޯދުން ދިގުލައިގެން ދިއުމުން މި ކަމުގައި އިސްކޮށް ތިއްބެވި ސައިންސްވެރިން މިހާރު ވަނީ އޭލިއަންތަކަށް ސީދާ މެސެޖުތަކެއް ފޮނުވުމަށް ނިންމައިފަ އެވެ.

ކޮންމެއަކަސް އޭލިއަނުން ހޯދުމުގެ ވާހަކަ އާއި އޭލިއަނުން އުޅޭ ކަމަށް ސައިންސްވެރިން ބުނާ ވާހަކަ އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ހިޔާލުތަފާތުވެފައި އޮންނަ ވާހަކަ އެކެވެ. ނަމަވެސް ސައިންސްވެރިންގެ މި ޓީމު އޮތީ އޭލިއަނުންނާ ވާހަކަ ނުދައްކައި އެމީހުންގެ ކެމްޕޭން ހުއްޓާލުމުގެ ހިޔާލެއްގައެއް ނޫނެވެ.

އެހެންވީމަ ހޮލީވުޑުން އަނެއްކާވެސް އާ ފިލްމެއް އުފައްދަންވީ ނޫންހެއްޔެވެ؟ ކޮންމެއަކަސް އޭލިއަންގެ ޚަބަރެއް އަހަރެމެންނަށް އަސްލަށް ހޯދިފައި ނެތަސް ހޮލީވުޑުން އޭލިއަނުން ހޯދައިގެން އެމީހުން ލައްވައި ފިލްމުކުޅުވާތާ މިހާރު އެތައް ޒަމާނެކެވެ.