ހޮލީވުޑް

މީ ބިފޯ ޔޫ: އެމީލިއާ ކްލާކްގެ އާ ފިލްމު

Jun 19, 2016
1

މިއީ ރޮމޭންޓިކް ޑްރާމާއެކެވެ. ފިލްމުގެ ބަތަލާ އަކީ "ގޭމް އޮފް ތްރޯންސް" އިން ދިވެހިންގެ ތެރެއަށް މަޝްހޫރުވެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އިނގިރޭސި އެކްޓްރެސް، އެމީލިއާ ކްލާކެވެ.

މި ފިލްމުގެ ޝޯތައް ދަނީ މިހާރު މާލޭގެ ޝްވެކް ސިނަމާގައި ވެސް ދައްކަމުންނެވެ.

މިއީ އިނގިރޭސި ވިލާތުގެ ނިކަން މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ ޖޯޖޯ މޮއޭސްގެ ވާހަކައެއްގެ އަސްލަށް އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މޮއޭސްގެ މި ވާހަކަ 2012 ވަނަ އަހަރު ނެރުނީ ވެސް މި ނަމުގަ އެވެ.

ރޮމޭންޓިކް ޑޭޓަކަށް ދާން ވިސްނަނީ ކަމުގައި ވަނީ ނަމަ ލޯބިވެރިޔާ ގޮވައިގެން މި ފިލްމަށް ދިއުން އައުލާކަން ބޮޑުވެގެންވެ އެވެ. ޖޯޖޯ މޮއޭސް އަކީ ރޮމޭންޓިކް ނޮވެލް އޮފް ދަ އިއާގެ އެވޯޑް ދެ އަހަރުމަތިން ކާމިޔާބުކޮށްފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

"މީ ބިފޯ ޔޫ" ގެ ޑައިރެކްޓަރަކީ ތިއޭ ޝޭރޮކް އެވެ. ޝޭރޮކް އަކީ ފިލްމީ ދުނިޔެ އަށް އާ ނަމެކެވެ. މިއީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ. މީގެ ކުރިން އޭނާ މުޅިން ވެސް މަސައްކަތްކޮށްފައި ވަނީ ލަންޑަންގެ ތިއޭޓާ ޕްލޭތަކުގަ އެވެ. އޭނާ އަކީ މަޝްހޫރު ތިއޭޓާ ޑައިރެކްޓަރެކެވެ.

ފިލްމުގެ ތަރިންނަށް ބަލާއިރު އެމީލިއާއާ އެކު ދެން ފެނިގެންދަނީ ސޭމް ކްލެފިން އެވެ. އޭނާގެ ކުރީގެ ފިލްމުތަކަށް ބަލާއިރު "ދަ ހަންގާ ގޭމްސް" އާއި "ޕައިރޭޓްސް އޮފް ދަ ކެރިބިއަން: އޮން ސްޓްރޭންޖާ ޓައިޑްސް" އަދި "ސްނޯވައިޓް އެންޑް ދަ ހަންޓްސްމަން" ފާހަގަކޮށްލެވެ އެވެ.

މި ފިލްމުގައި އޭނާ ކުޅެފައި ވަނީ ނުކުޅެދޭ މީހެއްގެ ރޯލެވެ.

"މީ ބިފޯ ޔޫ" އަކީ 20 މިލިއަން ޑޮލަރުގެ ފިލްމެކެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ މިހާރު 72 މިލިއަން ޑޮލަރު ލިބިފަ އެވެ. ފާޑުކިޔުންތެރިންގެ މެދުގައި ވެސް ފިލްމުގެ މަގްބޫލުކަން ވަކި ކުޑައެއް ނޫނެވެ.