ޔޫރޯ 2016

މޮޅުކޮށް ނުދެވި، ރޮނާލްޑޯ އާއި ޕޯޗްގަލްވެސް ޕްރެޝަރަށް

ޓީމު މޮޅު ކޮށްދޭން، އެތައް ފުރުސަތު ލިބި ނާކާމިޔާބުވުމުން އޮސްޓްރިއާ އާ އެއްވަރުވެ ދުނިޔޭގެ ތަރި ރޮނާލްޑޯ އާއީ ޕޯޗްގަލް ވެސް ޕްރެޝަރަށް ވެއްޓިއްޖެ އެވެ. މިރޭގެ މެޗްގެ 79 ވަނަ މިނެޓްގައި އޮސްޓްރިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ހިންޓްރެގާ ރޮނާލްޑޯއަށް ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ ވެސް ރޮނާލްޑޯ ޖެހީ ގޯލް ދަނޑިއަށެވެ.

މިމެޗާއެކު ޕޯޗްގަލް ޓީމަށް 128 މެޗް ކުޅެ ދީގެން، އެންމެ ގިނަ މެޗް ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ ހެދި ނަމަވެސް، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ރޮނާލްޑޯ މިރޭގެ މެޗްގައި އެދެވޭ ކުޅުމެއް ނުދެއްކި ދަނޑުމަތީގައި ހުންނަން ޖެހުނީ ހުރިހާ ވަގުތެއްގައި ވެސް ޕްރެޝަރުގަ އެވެ.

މިމެޗް އެއްވަރުވުމުން ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން ޕޯޗްގަލް ކުޅެން ޖެހޭނީ ގުރޫޕްގެ ފަހު މެޗްގައި ހަންގޭރީއާ ދެކޮޅަށެވެ.

ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ހަންގޭރީގެ އިތުރުން ޕޯލްގަލްއަށާއި އައިސްލެންޑަށްވެސް އެބައޮތެވެ. އައިސްލެންޑާ ޕޯޗްގަލްއަށްވެސް ދެ ޕޮއިންޓް ލިބިފައިވާއިރު ގުރޫޕްގެ ދެ ވަނަ އިގައި އޮތީ އައިސްލެންޑެވެ. އެހެންވެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން ޕޯޗްގަލްއަށް އޮތް ޕްރެޝަރު ބޮޑެވެ.

މި ގްރޫޕްގައި ޕޯޗްގަލް ސީޑް ކުރާއިރު ގްރޫޕްގެ މެޗްތަކުގައި މިހާތަނަށް ނަތީޖާތައް ނުކުތް ގޮތުން ހުރިހާ ޓީމްތަކެއް ވެސް އޮތީ ޕްރެޝަރުގަ އެވެ.