ހަބަރު

ގުޅުންތައް ބަދަހިކުރާނީ އިގްތިސާދީ އެޖެންޑާއަށް ތާއީދު ކުރާ ގައުމުތަކާ އެކު: ދުންޔާ

Jun 19, 2016
  • އިންޑިއާއަށް އިސްކަން ދިނުމުގެ ޕޮލިސީ ދަމަހައްޓާނަން
  • އީރާނާ ގުޅުން ކަނޑާލުމުގައި ސައުދީގެ ނުފޫޒެއް ނެތް
  • ހުޅަނގާ އެކު ބާއްވާ ގުޅުންތަކަށް އިހުތިރާމް ކުރާނަން

ރާއްޖެއިން ބޮޑަށް ގުޅުންތައް ބަދަހި ކުރާނީ މި ސަރުކާރުގެ އިގްތިސާދީ އެޖެންޑާއަށް ތާއީދުކޮށް އެއްބާރުލުން ދޭ ގައުމުތަކާ އެކުގައި ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

"އަވަސް" އިން ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އިއުލާންކުރައްވާފައިވާ އިގްތިސާދީ އެޖެންޑާ ތަންފީޒު ކުރުމަށް ވަރަށް ގިނަ ބޭރުގެ ފަރާތްތަކާއި ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި އެކަމުގައި ތަރައްގީވެފައިވާ ބޭރު ގައުމުތަކުގެ އެހީތެރިކަން ރާއްޖެއިން ހޯދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެ ގައުމަކާ އެކު ރާއްޖެއިން ބާއްވާ ގުޅުން މުހިންމު ނަމަވެސް ގުޅުންތައް ބަދަހި ކުރުމުގައި ރާއްޖެއިން އިސްކަން ދޭނީ އިގްތިސާދީ އެޖެންޑާއަށް އެހީތެރިވާ ގައުމުތަކާ އެކު ވަރުގަދަ ގުޅުންތަކެއް ބޭއްވުމަށެވެ.

"ޔޫކޭ، އިޔޫ އަދި އެމެރިކާ ފަދަ ގައުމުތަކާ އެކު ބާއްވާ ގުޅުންތަކަށް ވެސް ރާއްޖެއިން އިހުތިރާމްކޮށް އޭގެ އަގު ވަޒަން ކުރަން. އެހެން ނަމަވެސް ރާއްޖެއަށް މިވަގުތަށް ވަރަށް މުހިންމު މި ސަރުކާރުން އިއުލާންކޮށްފައި މިވާ ބޮޑު އިގްތިސާދީ އެޖެންޑާ ތަންފީޒު ކުރަން. މިކަމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވޭ. އެހެންވެ ރާއްޖެއިން ގުޅުންތައް ބަދަހި ކުރުމުގައި މި ބަލަނީ އެ އެޖެންޑާއަށް އެއްބާރުލުން ދީ ތާއީދު ކޮށް އަދި އެހީވާ ފަރާތްތަކާ އެކު ގުޅުންތައް ބަދަހި ކުރަން،" ދުންޔާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ދުންޔާ ވިދާޅުވީ އަވަށްޓެރި އިންޑިއާ އަށް އިސްކަން ދިނުން، "އިންޑިއާ ފަސްޓް ފޮރިން ޕޮލިސީ"ގެ ސިޔާސަތުތައް ރާއްޖެއިން ދަމަހައްޓާނެ ކަމަށެވެ. ސަބަބެއް ކަމަށް ދުންޔާ ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ދުވަސްވީ އެކުވެރިއަކަށް ވުމާއި ހުރިހާ ދާއިރާތަކަކުން އިންޑިއާޔާ އެކު ރާއްޖެެއިން ޒަމާނުއްސުރެ އޮންނަ ގުޅުންތަކެވެ. އިންޑިއާ އަކީ ރާއްޖެއަށް ސްޓްރެޓެޖިކަލީ ވެސް މުހިންމު ބައިވެރިއެއްކަން ފާހަަގަ ކުރައްވަމުން ދުންޔާ ވިދާޅުވީ، ސިއްހީ، މިލިޓަރީ، ވިޔަފާރި އަދި ތައުލީމީ ދާއިރާއިން އިންޑިއާޔާ އެކު އެކު ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ގުޅުން ބަދަހި ކުރާނެ އެވެ.

"މިއާ އެކު އެހެން ގައުމުތަކާ އެކުވެސް އަޅުގަނޑުމެން ގުޅުންތައް ބަދަހި ކުރަމުން ދާނެ. ސްރީލަންކާ، ޕާކިސްތާން، ޗައިނާ އަދި މެދުއިރުމަތީގެ ގައުމުތަކާ އެކު ރާއްޖެއިން މިހާރު ވެސް ވަރަށް ގާތްގުޅުންތަކެއް އެބަ ބާއްވަން. ހާއްސަކޮށް ސައުދީއަރަބިއްޔާ އިން ރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކަށް މި ދަނީ އެހީތައް ވަމުން،" ދުންޔާ ވިދާޅުވި އެވެ.

ރާއްޖެއިން އީރާނާ އެކު އޮންނަ ގުޅުންތައް ކަނޑާލުމަށް ނިންމި ނިންމުން ދިފާއު ކުރައްވާ ދުންޔާ ވިދާޅުވީ، ރާއްޖެއިން އެކަން ކުރީ އެއްވެސް ގައުމެއްގެ ނޫނީ ބައެއްގެ ނުފޫޒު އޮވެގެން ނޫން ކަމަށެވެ. އަދި ސައުދީ އަރަބިއްޔާގެ ނުފޫޒުގައި ރާއްޖެއިން އެޅި ފިޔަވަޅެއް ކަމަށް ވާހަކަ ދެކެވޭތީ އެކަމާ ގުޅޭ ގޮތުން ދުންޔާ ވިދާޅުވީ ރާއްޖެއިން އީރާނާ ގުޅުން ކަނޑާލީ މިފަހަކަށް އައިސް އީރާނުގެ އަމަލުތައް ބަހައްޓަމުން ދާ ގޮތުން އެ ސަރަހައްދުގެ އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެ ގައުމުން ވަދެ، އެކަމުގެ ސަބަބުން ހަމަނުޖެހުންތައް އުފެދެމުން ދާތީ އެއީ ރާއްޖެއަށް ގަބޫލު ކުރެވޭ ސިޔާސަތަކަށް ނުވާތީ ކަމަށެވެ. ދުންޔާ ވިދާޅުވި ގޮތުގައި މިދިޔަ އެޕްރީލްމަގު ތުރުކީގައި ބޭއްވި އިސްލާމިކް ސަމިޓްގައި ވެސް އީރާނުގެ ކަންކަން އިސްލާހު ކުރުމަށް ވަނީ ގޮވާލައިފަ އެވެ.

"މެދުއިރުމަތީގެ ސުލްހަޔަކީ ރައްކާތެރިކަމަކީ ވެސް ރާއްޖޭގެ ސުލްހަޔާއި އަމަންއަމާންކަމާ ތަފާތުގޮތްގޮތުން ގުޅިފައިވާ ކަމެއް. އެހެންވެ ރާއްޖެއަށް އީރާނާ ގުޅުން ކަނޑާލަން ޖެހުނީ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ހާރިޖީ ގުޅުންތަކުގެ ދާއިރާއިން މިވީ ދުވަސްތަކުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ރާއްޖެއަށް ހޯދުނު ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑު ކާމިޔާބަކީ، ރާއްޖެ ކުޑަ ގައުމަކަށް ވީ ނަމަވެސް، ބައިނަލްއަގުވާމީ ގޮތުން ރާއްޖެއަކީ ބަސްވިކޭ ގައުމަކަށް ހެދުމަށް ކުރެވުނު މަސައްކަތެވެ. އަދި އެކި ގައުމުތަކާ އެކު ރާއްޖެއިން ބާއްވާ ގުޅުންތަކުގެ ތެރެއިން ތަރައްގީގެ އެކި މަޝްރޫއުތައް ރާއްޖެއަށް ކުރިއަށް ގެންދެވުނު ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރަށް ރައީސް އަބްދުﷲ ޔާމީން ބޭރުގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ގިނަ ކަންކަން ހާސިލް ކުރެވުނުކަން ވެސް އެކަމަނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން، މެލޭޝިޔާ އިން ރާއްޖެއަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުން ފަދަ ކަންކަން ހިމެނޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރަށް އެއޯސިސް ޖަމްއިއްޔާގެ ޗެއާގެ މަގާމު ރާއްޖެއަށް ލިބުމާއި ކޮޕް 21 ގައި ރާއްޖެއިން އަދާކުރި މުހިންމި ދައުރު އަދި ޔޫއެން ހިއުމަންރައިޓްސް ކައުންސިލްގައި ރާއްޖޭގެ ދައުރު ދުންޔާ ފާހަގަ ކުރެއްވި އެވެ.