ބިދޭސީން

ގަވާއިދާ ހިލާފަށް ބިދޭސީން ގެންނަ މީހުނަށް ހުކުރުން ފެށިގެން ފިޔަވަޅު އަޅަނީ

ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖެ ގެންނަ އެޖެންސީތަކާއި އަމިއްލަ ފަރާތަކަށް އަންނަ ހުކުރު ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް އިކްނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕޮލިސީ ކޮންސަލްޓަންޓް ސައީދާ އުމަރު ވިދާޅުވީ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ އާބެހޭ ގަވާއިދު މިދިޔަ މާޗުމަހުގެ 24 ވަނަ ދުވަހު ގެޒެޓްކޮށް އެޖެންސީތަކަށް އަންގާފައިވާނެ ކަމަށާއި އެ ގަވާއިދާ އެއްގޮތަށް ހިންގުމުގެ ކަންކަން ފުރިހަމަ ކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށެވެ.

އެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭގެ ފަހުން ގަވާއިދާ ހިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭ ތަންތަނާއި ދޭތެރޭ ފިޔަވަޅު އަޅައި 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެޖެންސީއަށް ދީފައި ހުރި ހުއްދަތައް ބާތިލް ކުރާނެ އެވެ. ޖޫރިމަނާ ކުރާ މިންވަރެއް ކަނޑައަޅާނީ ގަވާއިދާ ހިލާފްވާ މިންވަރެއްގެ މައްޗަށް ބަލައިގެނެވެ.

"ގަވާއިދުގައި ބުނާ މިންގަނޑުތަކަށް އެޖެންސީގެ ކޮންޑިޝަންސްތައް ޔަގީން ކުރުމާއި، އޮފީސްތައް ސެޓަޕް ކުރުމުގައި ވެސް ވަކިކަހަލަ މިންގަނޑުތަކެއް ކަނޑައަޅާފައި އެބަހުރި، އެހެން ވީމަ މި މިންގަނޑުތަކާއި އެއްގޮތަށް އޮފީސްތަކުގެ ކަންތައްތައް ހަމަޖެއްސުމާއި އަދި އެޖެންސީ ހިންގުމުގައި ވެސް ބަލަންޖެހޭ ކަންތައްތަކެއް އެބަހުރޭ. އެހެންވީމަ އެމިންގަނޑުތަކާއި އެއްގޮތަށް އޮޕަރޭޝަންސްތައް ކުރިއަށް ގެންދިއުމަކީ އެފަރާތްތަކުން ޔަގީން ކުރަންޖެހޭ ކަމެއް،" ސައީދާ ވިދާޅުވި އެވެ.

ސައީދާ ވިދާޅުވީ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ގޮތުގައި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން 300 އެޖެންސީ ހިންގަމުން އަންނަ ކަމަށާއި މި އަހަރުގެ ފެބްރުއަރީން ފެށިގެން އެތަންތަން އިންސްޕެކްޓްކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 107 ތަނެއް އިންސްޕެކްޓް ކޮށްފައިވާނެ ކަމަށެވެ. އޭގެތެރެއިން މިނިސްޓްރީއަށް ދީފައި އިން އެޑްރެސްގައި ހިންގަމުންދަނީ އެންމެ 15 އެޖެންސީ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބޮޑަށް ބެލެވެނީ ބާކީ ތިބި އެޖެންސީތައް މިހާރު ހިންގަމުން ނުދާ ކަމަށެވެ. މިގޮތަށް ގަވާއިދާ ހިލާފްވާ ފަރާތްތަކާއިމެދު ކަނޑައަޅާފައިވާ ފިޔަވަޅުތައް އަޅާނެ ކަމަށެް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޅުވާލައިގެން ބިދޭސީން ރާއްޖެ ގެންނަކަމުގެ ޝަކުވާއަކީ ވަރަށް ގިނަ ކަމަށާއި ރެކްރޫޓްމެންޓް ދާއިރާގައި މިހާރުވެސް މައްސަލަ ގިނަ ކަމަށެެވެ. އެކަންކަން ހައްލުކުރަން އާ ގަވާއިދު ހިދުމަތްދޭ ފަރާތްތައް ރެގިއުލޭޓްކޮށް މި ހިދުމަތްތައް ޓްރާންސްޕޭރެންޓް ގޮތެއްގައި ދޭނެ ކަމަށެވެ.

"ބައިނަލް އަގްވާމީ ބައެއް ކަހަލަ ރިޕޯޓުތަކުގައި ވެސް އެބަހުރި ފާހަގަކޮށްފައި ރާއްޖޭގެ ރެކްރޫޓްމެންޓް ދާއިރާގައި ހުރި ބައެއް ކަހަލަ ކަންތައްތަކަކީ އިންސާނީ ވަގުފާރިއަށް ދޮރުހުޅުވިފައި ހުރި ކަންކަން ކަމަށް. އެހެންވީމަ ރެކްރޫޓްމެންޓް ދާއިރާގެ މިކަންކަމަކީ ވެސް ހަރުދަނާ ކުރަން ޖެހިފައި ހުރި ކަންކަން ކަމަށް އެކަހަލަ ރިޕޯޓްތަކުގައި އެބަހުރި ރެކޮމެންޑޭޝަންސް ދެއްވާފައި،" ސައީދާ ވިދާޅުވި އެވެ.