ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޭނާ ހިލޭޖެހުންތައް ޖަހަމުންދަނީ އަމިއްލަ ސްޓައިލަކަށް ކަމަށާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފްރީކިކް ޖަހާގޮތް ކޮޕީ ނުކުރާ ކަމަށް ވޭލްސްގެ ގެރެތް ބޭލް ބުނެފި އެވެ.
އޭނާ މިހެން ބުނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ހިލޭޖެހުންތަކުން ގޯލު ޖަހައިފައިވަނިކޮށެވެ. ބޭލް ބުނީ މި ފަހަރުގެ މުބާރާތުގައި އޭނާ ހިލޭޖެހުންތައް ޖަހަމުންދަނީ ކުރިއާ ހިލާފަށް ކުޑަ ބަދަލަކާއެކުގައި ކަމަށާއި ނަމަވެސް އެއީ ރޮނާލްޑޯ ގާތުން ދަސްކުރި ކަމެއްނޫން ކަމަށެވެ.
"(ރޮނާލްޑޯގެ ސްޓައިލްއެއް) ނޫން. ނޫން. އެއީ އަހަރެންގެ އަމިއްލަ ސްޓައިލެއް. އަހަރުމެން ދެމީހުން އެކުގައި ފަރިތަކުރަން. (ރެއާލްގައި) ހިލޭޖެހުން ބިނާވެފައި އޮންނަނީ ޖެހުން ލިބޭ ފަޅިއެއްގެ ގޮތުން. އަހަރެން ވާނީ ކުޑަކޮށް ތަފާތުކޮށްލާފައި ފްރީކިކް ޖަހާގޮތް. އެއީ އަހަންނަށް ގަބޫލުކުރެވެނީ ކުރީގެ ގޮތް ބަދަލުކޮށްލީމަ މާރަނގަޅުހެން. އަހަރެން ކޮންމެ ޕްރެކްޓިހަކަށް ފަހު 15 މިނިޓްވަންދެން ޕްރެކްޓިސްކުރަން،" ރޮނާލްޑޯއާއެކު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބޭލް ބުންޏެވެ.
މުބާރާތުގައި ސްލޮވާކިޔާ އާއި އިނގިރޭސިން ކޮޅަށް ބޭލް ހިލޭޖެހުންތަކުން ގޯލު ޖެހިއިރު މިއިން ކޮންމެ ފަހަރަކު ވެސް އޭނާ ބޯޅަ ފޮނުވާލާފައިވަނީ ކުރިމަތީގައިތިބި ވަރަށް ބާރަށް ކުޅުންތެރިންގެ ބޯމަތިން ކީޕަރުގެ ކުރިމައްޗަށް ބޯޅަ ފެނުޖެހޭހެން ސީދަލަށެވެ.
"ކުރިން އަހަރެން ޖަހަނީ ވަރަށްބޮޑަށް އަނބުރާލާފައި. އެކަމަކު އަހަންނަށް ވިސްނެނީ ކާވްކޮށްފައި ފޮނުވާލުމަކީ މާމުސްކުޅިގޮތެއްހެން. އެހެންވެ އަހަރެން ބަދަލުކޮށްލީ. މިގޮތް މާރަނގަޅުހެން އަހަންނަށްހީވަނީ. އަހަރެން ދޮގުހަދާކަށްނެތިން. މިގޮތަށް ޖެހީމާ 50 ޔާޑް ދުރުން ވެސް ބޯޅަ ދާނެ ހުރަސް ދަނޑިމަތިން. ލަލީގާ އާއި ޕްރެމިއާ ލީގުގެ ބޯޅައާ މިބޯޅަ ތަފާތު. މި ބޯޅައިގައި ޖަހާލުމުން އެނބުރެމުންދާނީ މާރީއްޗަށް. ކީޕަރުންނަށްވުރެ ބޮޑަަށް އަހަރުމެންނަށް ރަނގަޅު ބޯޅައެއްމިއީ،" ބޭލް ބުންޏެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މަގާމުގައި ހުރި ބޭލް ބުނީ ދުރުން ބާރަށް ފޮނުވާލުމުން ކީޕަރުންނަށް އުނދަގޫވާނެ ކަމަށާއި އިނގިރޭސި މެޗުގައި ހިލޭޖެހުން ލިބުމުން އެގޮތަށް ފޮނުވާލައިފިނަމަ ކީޕަރު ޖޯހާޓަށް އުނދަގޫވާނެކަން އޭނާ އަށް އެނގޭ ކަމަށެވެ. މި ބޯޅަ ގޯލަށް ވަނީ ހާޓްގެ އަތުގައި ޖެހިފަ އެވެ. އަދި ހާޓަށް ފާޑުކިއުން ވެސް އަމާޒުވި އެވެ.
ޖެހިޖެހިގެން ދެ މެޗުގައި ހިލޭޖެހުންތަކުން ގޯލް ޖެހުމުން ބޭލް ވަނީ ރެއާލް މެޑްރިޑުގެ މިހާރުގެ ކޯޗު އަދި ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާނާއި ކުރީގެ ކެޕްޓަން އަދި ޔުއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ އާއި ޖާމަނީގެ ކުރީގެ ކުޅުންތެރިޔާ ތޯމަސް ހަސްލާގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. އަދި މިރޭ ހިލެ ޖެހުމަކުން ގޯލެއް ޖަހައިފިނަމަ މި ކުޅުންތެރިން ފަހަނައަޅައިގޮސް އޭނާ އަށް މިރެކޯޑް އެއްކޮށްލިބޭނެ އެވެ.