ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް މިރޭ ރަޝިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓީމުގެ ރޫހު ރަނގަޅު ކުރުމަށް ކެއީ ބާގާ އާއި ޗިޕްސް ކަމަށް ގެރެތް ބޭލް ބުނެފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ބުނީ އިނގިރޭސިން އަތުން ފަހު ވަގުތު 2-1އިން ބަލިވި މެޗަށް ފަހު ޓީމުގެ އެންމެން ކާންދިޔައީ ހޮޓަލުން ބޭރަށް ކަމަށެވެ.
"އާދަވެގެން އަހަރުމެން ކަނީ ވަރަށް ހަރުކަށި މެނޫ އަކަށް ހޮޓަލުގައި. ވަރަށް ރަނގަޅަށް ހޮޓަލުގައި ވެސް އަހަރުމެން ކަން. (އެކަމަކު) މެޗަށް ފަހު އަހަރުމެން ނިންމީ އެންމެން އެކީގައި ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ކާންދާން ބޭރަށް. އަހަރުމެން ނެތީ ވަރަށް ރަނގަޅު މެނޫ އެއް. އެއީ ބާގާ އާއި ޗިޕްސް. މީގެ ސަބަބުން އެންމެންނަށް ވެސް ތަފާތު އިހުސާސްވި. މިއީ މާހައުލު ބަދަލުކޮށްލުމަށާއި އެންމެން އެކީގައި މެޗަށް ތައްޔާރުވާން ކުރި ކަމެއް. މީގެ ސަބަބުން ތައްޔާރުވާން އެހީއަކަށްވި،" ބޭލް ބުންޏެވެ.
އޭނާ ބުނީ އިނގިރޭސީން އަތުން ފަހު ވަގުތު ބަލިވުމުން މުޅި ޓީމު ވެސް ދެރަވި ކަމަށާއި ނަމަވެސް ވަގުތުން އެންމެން އެކީގައި ވާހަކަ ދެއްކި ކަމަށެވެ. އަދި ޓީމު އޮތީ ރަޝިޔާ އަތުން މޮޅުވެގެން ދެ ވަނަ ބުރަށް ދިއުމަށް ވަރަށް ފޯރީގައި ކަމަށެވެ.
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ބުނީ ޓީމުގައި އޭނާގެ ޒިންމާ ބޮޑުކުރާނެ ކަމަށާއި ގިނައިން ޕާސްކޮށްގެން ކުޅުނު ވަރަކަށް އޭނާ އަށް އެކަން ކުރަން ފަސޭހަވާނެ ކަމަށެވެ. އަދި ކުޅުންތެރިން އެކަމާމެދު މަޝްވަރާވެސް ކޮށްފައިވާނެ ކަމަށާއި ކުރީ ދެ މެޗަށްވުރެ މި މެޗުގައި އޭނާގެ ކުޅުމާއި މުޅި ޓީމުގެ ކުޅުން ވެސް ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ސްލޮވާކިޔާ 2-1އިން ބަލިކޮށް، އިނގިރޭސީން އަތުން 2-1އިން ބަލިވުމުން ވޭލްސް އަށް ދެ ވަނަ ބުރަށް ދެވޭނީ އެއް ޕޮއިންޓާއެކު އޮތް ރަޝިޔާ ބަލިކޮށްގެންނެވެ.
މި މެޗަށް ނުކުންނައިރު ބޭލް އެންމެ ބޮޑަށް ހަނދާން އާކޮށްފައިވަނީ މި ދެ ގައުމު 2003 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގެ ޕްލޭއޯފްގައި ވާދަކުރި މެޗެވެ. ފުރަތަމަ މެޗުގައި 0-0އިން އެއްވަރުވެފައިވަނިކޮށް ވޭލްސްގެ މިލޭނިއަމް ސްޓޭޑިއަމްގައި ކުޅުނު މެޗުން 1-0 އިން އެ ގައުމު ބަލިވެ މުބާރާތަށް ނުހޮވުނީ އެވެ. ބޭލް ބުނީ މި މެޗު ބަލަން ބައްޕައާއެކު ދަނޑުގައި އޭނާ އިނިން ކަމަށާއި އެ ދުވަސް މަތިން މިހާރު ހަނދާންވާ ކަމަށެވެ.
ޔޫރޯގައި އަލަށް ކުޅެމުން އަންނަ ވޭލްސް ދެ ވަނަ ބުރަށް ދަތުރުކޮށްފިނަމަ އެކަން ވެެގެންދާނީ ބޮޑު މުބާރާތެއްގެ ދެ ވަނަ ބުރަށް ކޮލިފައިވާ ދެ ވަނަ ފަހަރަށެވެ.