ހަބަރު

ނަޝީދުގެ ފަރާތުން އެދުނު އަމުރާ މެދު ގޮތެއް ނިންމުން މާދަމާ މެންދުރު ފަހަށް ތާވަލްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ހިންގާ ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލުން ހުއްޓުވަން ނަޝީދުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުން މާދަމާ މެންދުރު 14:00 އަށް ސިވިލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލުން ހުއްޓުވަން ނަޝީދުގެ ފަރާތުން ކޯޓުގައި އެދުނީ ކުރިން އެ ކޯޓުގައި އެކުލަވާލާފައި އޮތް ބެންޗު އެކުލަވާލީ ރަނގަޅަށް ނޫން ކަމަށް ބުނެ ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ. އެ މައްސަލައިގައި ނަޝީދުގެ ފަރާތުން ދައުވާކުރަނީ އެ ބެންޗު އެކުލަވާލި ޖުޑިޝަލް ސާވިސް ކޮމިޝަންގެ މައްޗަށެވެ.

ހުޅުމާލޭ ކޯޓުގެ ބެންޗު ބާތިލްކުރަން ނަޝީދުގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް އެ ކޯޓުން މިދިޔަ ހަފުތާގައި ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށެވެ. އެހެންވެ ނަޝީދުގެ ފަރާތުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބަލަން 2012 ގައި ހުޅުމާލޭ ކޯޓުގައި ބެންޗެއް އެކުލަވާލީ ޖޭއެސްސީންނެވެ. އެ ބެންޗު ބާތިލްކުރަން ނަޝީދުގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު މާލޭގެ ދެ ކޯޓަކަށް ބަދަލުވުމާ އެކު އެ ބެންޗު މިހާރު ވަނީ އުވިފަ އެވެ.