ހަބަރު

2014 އިގެ ބަޖެޓުން ހަރަދު ކުރީ ގާނޫނާ އެއްގޮތަށް: އެންވަޔަރަންމަންޓް

އެންވަޔަރަންމަންޓް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އޭގެ މާނަ އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މާނަކުރުމުންދާ ކަމަށް ބުނެ އެ މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު އާންމުކުރި އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2014 ވަނަ އަހަރުގެ މާލީ ބަޔާންތަކުގައި ޖަހާފައިވާ ގިނަ އަދަދުތައް ދިމާ ނުވާ ކަމަށެވެ. އަދި މާލީ ބަޔާންތައް ހަދާފައިވަނީ ކޭޝް އެކައުންޓިންގެ އުސޫލުތަކާ ހިލާފަށް ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ. ހަމައެއާއެކު 2014 ވަނަ އަހަރުގެ ފައިނަލް ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކާއި ޕަބްލިކް އެކައުންޓިން ސިސްޓަމުގެ ބަޖެޓު ރިޕޯޓުގެ އަދަދުތައް ދިމާނުވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ މިނިސްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުން ކުރަމުންގެންދާ ޕަބްލިކް އެކައުންޓިން ސިސްޓަމާއި އެ މިނިސްޓްރީގެ ހިސާބުތައް ރިކޮންސައިލް ކުރުމުގައި ދިމާވި މައްސަލައެެއް ކަމަށެވެ. އެ މިނިސްޓްރީން ތަންފީޒުކުރާ މަޝްރޫއުތަކަށް ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއާއި ދައުލަތުގެ ބަޖެޓުން އެ މިނިސްޓްރީއަށް 2014 ވަނަ އަހަރަށް ދެއްވާފައިވާ ފައިސާ، މި މިނިސްޓްރީން ހަރަދުކޮށްފައިވަނީ ޒިންމާދާރުކަމާއެކު ސަރުކާރުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެ ހިސާބުތަކުގެ ތަފްސީލު އެ މިނިސްޓްރީއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހިސާބުތަކުން އެނގެން ހުންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން ކަމަށާއި މި މަސައްކަތް ނިންމާ 2015 ވަނަ އަހަރުގެ މި މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއެކު 2014 ވަނަ އަހަރުގެ ހިސާބުތައް ރަނގަޅުކޮށް 2014 ވަނަ އަހަރުގެ ރިޕޯޓު އަލުން "ރިއިންސްޓޭޓް" ކުރުމަށް އޮޑިޓާ ޖެނަރަލް އޮފީހާ މަޝްވަރާކޮށް، އެއްބަސްވެފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ގޮތުގައި މައިގަނޑު ގޮތެއްގައި އެ މިނިސްޓްރީގެ 2014 ވަނައަހަރުގެ ބަޖެޓުން ހަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ މިނސްޓްރީއަށް ފާސްކޮށްދެއްވި ބަޖެޓުގެ މަގުސަދުތައް ހާސިލްވާ ގޮތަށް މިނިސްޓްރީގެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.