ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ވޭލްސް އަދި ދެ ވަނަ ޓީމުގެ ގޮތުގައި އިންގްލޭންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މުޅިން އަލަށް ޔޫރޯގައި ކުޅުނު ވޭލްސް އަށް ގްރޫޕުގެ އެއްވަނަ ލިބުނީ މިރޭ ރަޝިޔާ މައްޗަށް 3-0 އިން މޮޅުވެ ހަ ޕޮއިންޓް ހަމަ ކުރުމުންނެވެ. އިންގްލޭންޑަށް ދެ ވަނަ ލިބުނީ މިރޭ ސްލޮވާކިޔާއާ ވާދަކޮށް 0-0 އިން އެއްވަރުވުމުން ޖުމުލަ ފަސް ޕޮއިންޓާއެކުގަ އެވެ. މި ނަތީޖާގެ ސަބަބުން މި ގްރޫޕުން ތިން ވަނަ ލިބުނީ ހަތަރު ޕޮއިންޓާއެކު ސްލޮވާކިޔާ އަށެވެ. ނަމަވެސް ދެ ވަނަ ބުރަށް ދާނެކަން އެ ޓީމަށް ޔަގީންވާނީ މާދަމާނޫން އަނެއް ދުވަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމުންނެވެ. ޔޫރޯގެ ދެ ވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕެެއްގެ އެންމެ ގަދަ ދެ ޓީމާއި ތިން ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމެވެ.
ރަޝިޔާ ކޮޅަށް މިރޭ ވޭލްސްއިން ލަނޑު ޖެހީ އާރޮން ރަމްސޭ އާއި ނީލް ޓެއިލާ އަދި ގެރެތް ބޭލް އެވެ. މިއީ މި މުބާރާތުގައި ބޭލް ޖެހި ތިން ވަނަ ލަނޑެވެ. އޭނާ ވަނީ މުބާރާތުގައި އިންގްލޭންޑާއި ސްލޮވާކިޔާ ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ.