ސީރިޔާ

ސީރިޔާ ހަނގުރާމާގައި ހަ ލައްކައަށްވުރެ ގިނަ ކުޑަކުދިން ޔަތީމުވެއްޖެ

ފަސް އަހަރަށް ވުރު ދިގުލީ ސީރިޔާގެ ހަނގުރާމައިގައި ހަ ލައްކައަށް ވުރެ ގިނަ ކުޑަކުދިން ޔަތީމުވެފައިވާ ކަމަށް ތުރުކީގެ ހިޔުމަން ރައިޓްސް އެންޑް ފްރީޑަމްސް ފައުންޑޭޝަން (އީހާހާ) އިން ބުނެފިއެވެ.

އީހާހާއަކީ ތުރުކީއާއި އެހެނިހެން ގައުމުތަކުގައި ހަރަކާތްތެރިވާ ސީރީޔާގެ ރެފިއުޖީންގެ ކަންކަން ބަލަހައްޓާ އޯގަނައިޒޭޝަނެކެވެ.

ސީރިޔާގެ ޔަތީމުންގެ ކަންކަން ބެލެހެއްޓުމުގެ އިސްކޮށް ހަވާލުވެ އޮތް އީހާހާގެ އަދީމް ކެލޭސީ ވިދާޅުވީ ސީރިޔާގެ ހަނަގުރާމައިގައި މިހާތަނަށް 600،000 ކުޑަކުދިން ޔަތީމުވެފައިވާކަން ޔަގީން ކަމާއެކު ދެންނެވިދާނެ ކަމަށާއި އެ އަދަދު މިއަށްވުރެ މައްޗަށް ހިނގައިދާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެކުދިންގެ ތެރެއިން 50000 ކުޑަ ކުދިންނަށް ތުރުކީއިން ދާއިމީ ހިޔާވަހިކަން ހޯދައިދިފައިވާ ކަމަށެވެ. އަދި އިތުރު 80000 ކުޑަ ކުދިން ތިބީ ތުރުކީއާ ސީރިޔާ ގުޅަވައިދޭ ރެފިއުޖީ ކޭމްތަކުގައި ކަމަށެވެ.

އަދި އިތުރު 5225 ކުޑަކުދިންނަށް ސީރިޔާގެ އެހެން ސަރހައްދެއްގައި ހުރި ރެފިއުޖީ ކެމްޕެއްގައި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ވެސް އަދީމް ވިދާޅުވިއެވެ.

ސީރިޔާގެ ހިޔުމަން ރައިޓްސް ނެޓްވޯކްއިން ބުނެފައިވަނީ ސީރިޔާގެ ހަނަގުރާމައިގައި 14629 ކުޑަކުދިން މަރުވެފައިވާ ކަމަށެވެ.