ހަބަރު

ދިފާއީ ވަކީލަށް ފުރުސަތު ނުދީ އިބްތިހާލްގެ މަންމަގެ ބަންދަށް 15 ދުވަސް ޖަހައިފި

ވ. ރަކީދޫގައި އަނިޔާ ކުރުމުގެ ސަބަބުން އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ މަންމަގެ ވަކީލް ބަންދު މުއްދަތު މަޖިލީހަށް ނުވައްދައި، އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްދީފި އެވެ.

އިބްތިހާލްގެ މަންމަ އާފިޔާގެ ބަންދަށް ކޯޓުން އިތުރުކުރީ އޭނާގެ ބަންދަށް ވ. ތިނަދޫ ކޯޓުން ކުރިން ދިން 15 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުންނެވެ.

އާފިޔާގެ މުއްދަތުގެ މަޖިލިސް މިރޭ ބޭއްވި އިރު ކޯޓްގައި އޭނާ ތަމްސީލް ކުރުމަށް ވަޑައިގެންނެވި ވަކީލު ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެ މަޖިލީހަށް ނުވައްދާ ވަނީ ބޭރުކޮށްލާފައެވެ. އޭނާ އަށް މަޖިލީހަށް ވަދެވޭ ގޮތް ނުވީ ޑެޕިއުޓީ ޕީޖީކަން ކުރައްވާފައިވާ ބޭފުޅަކަށް ތިން އަހަރުވަންދެން ކްރިމިނަލް ކޯޓްގެ މަޖިލިސްތަކަށް ނުވަދެވޭ ގޮތަށް އެކޯޓުން ހަދާފައިވާ ގަވާއިދެއްގެ ސަބަބުންނެވެ.

ކްރިމިނަލް ކޯޓްގެ މަޖިލިސްތަކަށް ޝަމީމް ނުވެއްދި ނަމަވެސް ހައިކޯޓަށާއި ޖުވެނައިލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓްތަކުގެ މައްސަލަތަކުގެ މަޖިލީހަށް އޭނާއަށް ވަދެވެ އެވެ.

ޝަމީމް ވިދާޅުވީ ކޯޓުން އެކަންކުރަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި އެ ގަވާއިދު ބާތިލްކުރަން މާދަމާ ހައި ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

އަނިޔާ ކުރުމުގެ ސަބަބުން އިބްތިހާލް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ މައްސަލަ ފުލުހުން ބަލަމުންދާއިރު އެކަމުގައި ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލު އޮތްތޯ ބެލުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ ތަހުގީގެއް ހިންގަމުންނެވެ.

އިބްތިހާލް މަރުވީ އޭނާއަށް އަނިޔާކުރާ މައްސަލަ ބޮޑުވެ، އޭނާ ރަނގަޅަށް ބެލުމަށް ޖެންޑާ އިން އޭނާގެ މަންމައަށް ކުރިން ވެސް އަންގާފައި ވަނިކޮށެވެ. އެރަށު މީހުން ބުނާގޮތުން ޖެންޑާއިން އެގޮތަށް އެންގި ނަމަވެސް އޭގެފަހުން އިބްތިހާލްގެ މަންމަ އޭނާއަށް އަނިޔާ ކުރެއެވެ.