ރައްޔިތުންގެ މަޖިލިސް

ގްރީން ޓެކްހުން ގެސްޓްހައުސް ވިޔަފާރި ހުއްޓޭނެ: އިދިކޮޅު މެންބަރުން

މިއަދު މަޖިލީހަށް ބަލައިގަތް ޓޫރިޒަމް ގާނޫނަށް އިސްލާހުތައް ގެނައުމުގެ ބިލުގައި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން އަތުން ގްރީން ޓެކްސްގެ ގޮތުގައި ބޮލަކަށް ހަ ޑޮލަރުގެ ޓެކްހެ ނަގަން ކަނޑައަޅާފައި އޮތް އޮތުމަށް މަޖިލީހުގެ އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެ އިސްލާހާ ގުޅިގެން ކަންބޮޑުވުންތައް ފާޅުކޮށްފި އެވެ އެވެ.

މި ބިލް މިއަދު މަޖިލީހަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވުމާއެކު ބަހުސްގެ މަރުހަލާގައި ފުރުސަތު ހޯއްދަވައިގެން އެންމެ ފުރަތަމަ ބިލާ ދެކޮޅަށް ވާހަކަފުޅު ދެއްވީ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ. އޭނާ ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލަކީ އެއްގޮތަކަށް ވެސް ބަަލައިގަންނަން ފެންނަ ބިލެއް ނޫން ކަމަށާއި އެ ބިލް ފާސް ކުރަން ހެޔޮ ނުވާނެ ކަމަށެވެ.

ޝަރީފަށް ތާއީދު ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިއީ ގާނޫނުގައި ކަރަޕްޝަން ހުއްދަވީ ކަމަށް ކަނޑެޅިގެންދާނެއް ގާނޫނެއް ކަމަށް ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ ގްރީން ޓެކްސް ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނަގައި އެއީ ހަ ޑޮލަރުގެ ޓެކްސްއެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ގެސްޓް ހައުސްތަކުގެ ވިޔަފާރި އެއްކޮށް ހަލާކުވެގެން ދާނެ ކަމަށެވެ.

ބިލަށް އެންމެ ބޮޑަށް ފާޑު ވިދާޅުވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނެވެ. އޭނާ ވިދާޅުވީ ސަރުކާރުން ހުށަހެޅީ ސުމެއްގެ އިސްލާހެއް ކަމަށާއި ގްރީން ޓެކްސް ގެ ނަމުގައި ދައުލަތަށް ފައިސާ ނަގާއިރު، އެ ފައިސާގެ ބޭނުން ކުރެވޭތަން ނުފެންނަ ކަމަށެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ވިދާޅުވީ އެއީ ގެސްޓް ހައުސް ހިންގާ ފަރާތްތައް އެކީ އިނދަޖެހިގެންދާނެ ބިލެއް ކަމަށެވެ.