ބައެއް ޓެކްސްތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ބިލްތައް އިތުރަށް ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ސަބް ކޮމިޓީއަކަށް ފޮނުވުމަށް ފާސްކޮށްފި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމަށް މިއަދު ހުށަހަޅާފައި އޮތީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކްސް ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމެވެ.
ޓީޖީއެސްޓީ ބޮޑުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ޕީއެންސީގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށަހެޅުއްވީ ރިސޯޓުތަކުގައި މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ފިހާރަތަކުގެ އިތުރުން ކެފޭ ފަދަ ތަންތަން ޖީއެސްޓީ އިން އުނިކުރުމަށެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ.
ޕީއެންސީގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ ޓީޖީއެސްޓީ ބޮޑުކުރަން ބިލްގައި ސަރުކާރުން ހިމަނާފައިވާ ތާރީހް ފަސްކުރަން އިސްލާހު ހުށަހަޅުއްވާފަ އެވެ. އެގޮތުން ތޯރިގު ހުށަހެޅުއްވީ އަންނަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހުގެ ފަހުން ސަރުކާރުން ބޭނުންވާ އަދަދުގައި ޓީޖީއެސްޓީ ނެގުމަށެވެ. މިހުށަހެޅުމަށް ޕީއެންސީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދާއި އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އިތުރުން އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ތާއީދުކުރެއްވި އެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މިހާރު 16 ޕަސެންޓްގައި ނަގަމުންދާ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރުމަށެވެ.
އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރާއިރު ގެސްޓް ހައުސްތަކާއި އުތުރާއި ދެކުނުގެ ޓޫރިޒަމް ޒޯން އިސްތިސްނާ ކުރުމަށެވެ. އެ އިސްލާހަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ދީދީ ތާއީދުކުރެއްވި އެވެ.
ސަރުކާރުން ހުށަހެޅި ޓެކްސް ބިލްތައް އިތުރަށް ދިރާސާ ކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފޮނުވީ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ސަބް ކޮމިޓީއަކަށެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.