ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ރަޝިޔާ ސަޕޯޓަރުން ހިންގަމުންދާ ތަޅާފޮޅުންތަކާހުރެ ހައްޔަރުކޮށް ގައުމަށް ފޮނުވާލި ރަޝިޔާގެ ސަޕޯޓަރުންގެ ލީޑަރު އެލްގެޒެންޑާ ޝިޕްރީގިން އެނބުރި ފްރާންސަށް ހިނގައްޖެެ އެވެ.
މި ކަމާގުޅިގެން ފްރާންސްގެ ސަލާމަތީ ކަންތައްތަކާމެދު ބައެއް ގައުމުތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ޑިޕޯޓްކޮށްލި ރަޝިޔާ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ޝިޕްރީގިން އެނބުރި ރަޝިޔާ އަށް ދިޔަކަން އެނގުނީ ރޭ ވޭލްސް އަތުން 3-0އިން ބަލިވެ ރަޝިޔާ ކެޓި މެޗުގައި އޭނާ ދަނޑުގައި ހުރުމުންނެވެ. މިކަން ކަށަވަރުވީ ދަނޑު ބޭރުގައ ނަގާފައވާ ފޮޓޯތަކެއް ޓުވީޓާގައި އާއްމުކުރުމާއި ދަނޑުތެރޭގައި ހުރެ ރަޝިޔާގެ ރޭޑިއޯއަކަށް އޭނާ ފޯނުން ވާހަކަ ދެއްކުމުންނެވެ.
ނަމަވެސް ފްރާންސްގެ އިންޓީރިއާ މިނިސްޓްރީގެ ސްޕޯކްސް ޕާސަން ބުނީ ޝިޕްރީގިން މިހާރު ވަނީ އަނެއްކާ ވެސް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާގެ މައްސަލަަ ބަލަމުން އަންނަ ކަމަށެވެ. އަދި ގާނޫނޫ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
ރަޝިޔާގެ ރޭޑިއޯ އަށް ވާހަކަ ދައްކަމުން ޝިޕްރީގިން ބުނި ޑީޕޯޓްކޮށްލި މީހުންގެ ތެރޭގައި އޭނާ ނުހިމެނޭ ކަމަށާއި ޕާސްޕޯޓްގައި ފްރާންސަށް އެތެރެވާން ބޭނުންވާ ހުރިހާ ތައްގަދެއް ވެސް އެގައުމުގެ އިމިގްރޭޝަނުން ޖަހާދީފައިވާ ކަމަށެވެ.
"ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނީ އަހަރެންނަކީ ޑީޕޯޓްކޮށްފައިވާ މީހެއްނޫނޭ. އެހަރެންގެ ވިސާ ކެންސަލްކޮށްފައިނުވޭ. އެހެންވީމާ ގާނޫނީ ގޮތުން އަހަންނަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރެއް،" އޭނާ ބުންޏެވެ.
ސްލޮވާކިޔާއާ ދެކޮޅަށް ރަޝިޔާ ކުޅުނުމެޗުގައި ދަނޑުން ވަނީ ރަޝިޔާގެ 43 މީހުން ހައްޔަރުކޮށްފަ އެވެ. އަދި ބައެއް މީހުން ޑީޕޯޓްކޮށް އަނެއް ބަޔަކު ވަނީ ޖަލަށް ވެސް ލައިފަ އެވެ.
ރަޝިޔާގެ ސަޕޯޓަރުން ހިންގަމުންދާ ހަމަނުޖެހުންތަކާހުރެ އެ ގައުމު މުބާރާތުން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ޔޫއޭފާއިން ވަނީ ދީފަ އެވެ.