އުމަރު ނަސީރު

ހޯމް މިނިސްޓަރު ކަމުން އުމަރު އިސްތިއުފާ ދެއްވައިފި

ހޯމް މިނިސްޓަރު ކަމިން އުމަރު ނަސީރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާ އެކަން އިއުލާން ކުރައްވައިފި އެވެ. މާގަމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާ އުމަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަާއި ރައީސް އަބްދުﷲ ޔާމީނަށާއި އެހެން ހުރިހާ ބޭފުޅުންނަށް ދެއްވި އެއްބާރު ލުމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އުމަރުގެ އިސްތިއުފާއާ ގުޅިގެން އަދި އެމަނިކުފާނާ ގުޅޭ ގޮތެއް ނުވެއެވެ. އުމަރު އިސްތިއުފާ ދެއްވި އިރު މީގެ ދުވަސް ކުރިން ވަނީ ގާނޫނުން ހޯމް މިިނިސްޓަރަށް ދީފައިވާ އޮންނަ ބާރެއްގެ ގޮތުގައި އޮތް މޮނިކޮން އޯޑަރު ހިންގުމުގެ ބާރު އޭނާގެ އަތްޕުޅުން ނަންގަވައި އުމަރުވެސް ހިމެނި ވަޑައިގަންނަވާ ކޮމެޓީއަކާ ހަވާލުކޮށްފައެވެ.

އުމަރު ނަސީރު މަގާމުން އިސްތިއުފާ ދެއްވުމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް ކަމުގެ މަގާމުން ވެސް ހުސްވީ އެވެ. އަދި ފިނިފެންމާ މައްސަލާގައި އުފެއްދުމަށްފަހު މިހާތަނަށް އަދި ރޫޅައިލިކަން ހާމަކޮށްފައި ނުވޭ ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ ކޯޗެއާގެ މަގާމުން ވެސް ހުސްވީ އެވެ.

ރައީސް ޔާމީންގެ ކެބިނެޓުން އުމަރު އިސްތިއުފާ ދެއްވި އިރު އޭނާ ކުރިން ވިދާޅުވެފައި ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވާނަމަ ދެއްވާނީ ރައީސް ޔާމީނަށް ދަންނަވާފައި ވަރަށް ރީތިކޮށް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރާ ވަކިވި ނަމަވެސް ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވާ ރައީސް ޔާމީނަށް ތާއީދު ކުރެއްވުމުގައި ހުންނަވާނެ ކަމަށެވެ. އަދި އޭގެ ފަހަށް އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވާނެ ކަމަށެވެ.

"ރައީސް ކަމަށް ކުރިމަތިލެއްވުމަކީ އަޅުގަނޑު ޝައުގުވެރިވާ ކަމެއް ކަމަށް އަޅުގަނޑު މި ބުނަނީ. އެއީ އެކަމަކު 2023. އަޅުގަނޑު ކޭމްޕޭނު ކުރަން ވީމާ، 2023 އަށް އަޅުގަނޑު ތައްޔާރުވާންވީމަ އޭރަކު ހުންނަވާ ރައިސުލްޖުމްހޫރިއްޔާއަށް ދަންނަވާފައި ވަކިވެގެން ގޮސް އަޅުގަނޑު ތައްޔާރީތައް ފަށާނީ، އަޅުގަނޑު ސަރުކާރުގެ ވަޒީރަކަށްހުރެ ކެމްޕޭނެއް ނުފަށާނަން. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" އުމަރު ވިދާޅުވެފައިވެ އެވެ.

އިސްތިއުފާ ދެއްވި ސަބަބެއް އުމަރު އިއުލާންކުރައްވާފައިނުވާއިރު މީގެކުރިން އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވެފައިވަނީ، ރައިސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއްގެ މެޔަށް ވަޅި ހެރުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ހިޔާލު ތަފާތުވެއްޖެ ނަމަވެސް އެ ވާހަކަ ދަންނަވާފައި ސުލްހަވެރި ގޮތުގައި ސަރުކާރުން ނިކުންނަވާނީ ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

"މިތާ ތެރޭ [ސަރުކާރުގައި] ހުރެގެން އަޅުގަނޑު ގޯސް ކަމެއް ނުކުރާނަން، މިތާ ތެރޭ [ސަރުކާރުގައި] ހުންނައިރު އަޅުގަނޑު ހުންނާނީ ފާމްކޮށް،" އުމަރު އޭނާގެ ސްޓޭންޑް ހާމަ ކުރައްވަމުން ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ނިކުމެގެން ދާން ޖެހުނަސް ރައީސްއާ އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރުމަކީ، 100 ޕަސެންޓް ނުވާނެ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ. ޖަލުގައި އޮންނަން ޖެހުނަސް ގައުމުގައި ހައްގުގައި އެއީ ކުރެވެން ނެތް ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓާ އުމަރު ނަސީރު އިސްތިއުފާ ރައީސް އަބްދުﷲ ޔާމީން މިރޭ ގަބޫލު ކުރައްވާފައިވާ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ އަވަސްއަށް ވަނީ ވިދާޅުވެފަ އެވެ.