އުމަރު ނަސީރު

އިދިކޮޅު އިއްތިހާދުން އުމަރަށް މަރުހަބާ ކިޔައިފި

ހޯމް މިނިސްޓަރު ކަމުން އުމަރު ނަސީރު އިސްތިއުފާ ދެއްވުމާގުޅިގެން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން މަރުހަބާ ކިޔައިފި އެވެ. އުމަރު އިސްތިއުފާ ދެއްވާފައިމިވަނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ދާދި ފަހުން އެކަމަށް ގޮވާލާފައިވެސް ވަނިކޮށެވެ.

އެ އިއްތިހާދުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމް ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ކުއްލި ގޮތަކަށް އެ މަގާމުން އިސްތިއުފާ ދެއްވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބިރުވެރިކަމާ ގޮންޖެހުންތަކުން ސަލާމަތްކުރުމަކީ ކޮންމެހެން ކުރާން ޖެހިފައިވާ ކަމެއް ކަން ހާމަވާ ކަމެއް ކަމަށެވެ.

"... ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި އެންމެ ބުރަ މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތައް މިއަދު އެކަހެރިކުރައްވައި ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރެއްވުމަށް އެކުރައްވާ މަސައްކަތް ހުއްޓުވަން ޖެހޭނެ އެވެ. އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑާއިގަންނަވާ ނުވ ވަޒީރުން މިއަދު ވަނީ އެކިކަންކަން މެދުވެރި ކުރައްވައި މަގާމުން ވަކިކުރައްވައި ނުވަތަ މަޖުބޫރުން އިސްތިއުފާ ދެއްވާފައެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައިވާއިރު އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ. ރައީސް އަބްދުﷲ ޔާމީން ވަނީ އުމަރުގެ އިސްތިއުފާ ގަބޫފުޅު ކުރައްވާފަ އެވެ.