ބޮލީވުޑް

100 މަންޒަރު އުނިކޮށް "އުޅްތާ ޕަންޖާބު" ޕާކިސްތާނުގައި އަޅުވަނީ

Jun 22, 2016

އިންޑިއާގެ ސެންސަރު ބޯޑުގައި ތާށިވެފައި އޮތުމަށްފަހު ހުކުރު ދުވަހު ރިލީޒްކޮށްފައިވާ ޝާހިދު ކަޕޫރާއި އާލިއާ ބަޓް އަދި ކަރީނާ ކަޕޫރާއި ދިލްޖިތް ދޮސަންޖް ލީޑްރޯލުން ފެނިގެންދާ "އުޅްތާ ޕަންޖާބު" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މިފިލްމު އަވަށްޓެރި ޕާކިސްތާނުގެ ރިލީޒްކުރުމަށް އެދިފައިވުމާއެކު އެގައުމުގެ ސެންސަރު ބޯޑުން ވަނީ ފިލްމުގައި ހިމެނޭ ހަޑިހުތުރު ބަހުން ވާހަކަދައްކާފައިވާ މަންޒަރުތަކާއި ޕާކިސްތާނަށް ރައްދުވާގޮތަށް ހިމެނޭ ޖުމްލަ 100 މަންޒަރެއް ފިލްމުން އުނިކުރުމުން އެގައުމުގައި މިފިލްމު ދެއްކުމުގެ ހުއްދަ ލިބޭނެ ކަމަށް ބުނެފަ އެވެ.

ޕާކިސްތާނުގެ ސެންސަރު ބޯޑުގެ މެމްބަރެއް ކަމަށްވާ މުބާޝިރް ހަސަން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އެގައުމުގެ ސެންސަރު ބޮޑުގައި ހިމެނޭ ދިހަ މެމްބަރުވެސް ވަނީ "އުޅްތާ ޕަންޖާބު" ގައި ވާ މިފަދަ 100 މަންޒަރެއް އުނިކުރުމުން އެފިލްމު އެގައުމުގައި ދެއްކޭނެ ކަަމަށް ބުނެފަ އެވެ.

މުބާޝިރް އިތުރަށް ވަނީ އިންޑިއާގެ ޕަންޖާބު ސްޓޭޓްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައިޖެހި މުޅި މުޖްތަމައު ހަލާކުވެފައިވާ މިންވަރު ދައްކުވައިދޭ މިފިލްމުގައ ހުތުރު ބަސް ބޭނުންނުކުރާ އެންމެ ޑައިލޮގެއްވެސް ނުހިމެނޭ ކަމަށް ބުނެފަ އެވެ.

"މި 100 މަންޒަރު އެއްކޮށް ފިލްމުން އުނިނުކޮށް އަޑުކަނޑާލެވިދާނެ ނޫނީ ބީޕް އަޑެއްވެސް އެމަންޒަރަށް ލެވިދާނެ. ޕާކިސްތާނުގައި މިފިލްމު ޑސްޓްރިބުއުޓްކުރާ ފަރާތަށް ވަނީ މިހާރު މިބަދަލުތައް ގެންނަށް އަންގާފައި. އަލުން މިބަދަލުތައް ގެނެސް ސެންސަރު ބޯޑުން ފިލްމު ބެލުމަށްފަހު ޕާކިސްތާނުގައި އެޅުވުމުގެ ހުއްދަ ދޭނީ" މުބާޝިރް ބުނެފައިވެ އެވެ.

އަބީޝެކް ޗައުބޭ ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ހުތުރު ބަސްތަކާއި ޕަންޖާބުގެ ނަން ހަޑިވާގޮތަށް މަންޒަރުތައް ހިމެނޭ ކަމަށް ބުނެ ފިލްމުގެ 89 މަންޒަރެއް އެޑިޓްކޮށްގެން ނޫނީ ފިލްމު ފާސްކޮށް ނުދޭން ނިންމި އެވެ. ނަމަވެސް ފިލްމު އުފެއްދި ފަރާތުން މިކަމާ ހިތްހަމަނުޖެހި މިމައްސަލަ މުމްބައި ހައިކޯޓަށް ވައްދައި ކޯޓުން ވަނީ ފިލްމުން އުނިކުރަން ޖެހޭނީ އެންމެ މަންޒަރެއް ކަމަށް ނިންމާފަ އެވެ. ސެންސަރު ބޮޑާއި ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްގެން މި ފިލްމަކަށް ސެންސަރު ބޮޑުން ފާސްކޮށްފައިވާ ސެޓްފިކެޓް ވަނީ އެންމެފަހުން ދީފަ އެވެ.

ޕާކިސްތާނުގެ ސެންސަރު ބޯޑުގެ ފަސް މެމްބަރަކު އެންމެ ފުރަތަމަ ވަނީ މިފިލްމު އެގައުމުގައި ރިލީޒްކުރުމަށް ވަނީ ދެކޮޅު ހަދާފަ އެވެ. ނަމަވެސް ފަހުން މިފިލްމު އެގައުމުގައި ޑިސްޓްރިބިއުޓްކުރާ ފަރާތާ ވާހަކަދެއްކުމަށްފަހު ވަނީ ބައެއް ކަންތައްތަކަށް ދެފަރާތުން އެއްބަސްވެގެން ފިލްމު ރިލީޒްކުރަން ހުއްދަ ދޭގޮތަށް ނިންމާފަ އެވެ. އެގޮތުން ފިލްމުގައި ހިމެނޭ ބޭއަދަބީ ބަސްތަކުގެ އަޑު ކަނޑާލުމުގެ އިތުރުން ޕާކިސްތާނަށް ރައްދުވާގޮތަށް ހުރި މަންޒަރުތައް ކަނޑަން ވަނީ ނިންމާފަ އެވެ.

"ޕާކިސްތާނުގައި އެޅުވުމުގެ ހުއްދަ ނުދޭނީ އިސްލާމްދީނާ ދެކޮޅު، ޕާކިސްތާނާ ދެކޮޅު ނުވަތަ އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ފިލްމުތައް. މިފިލްމު އެއިން އެއްވެސް ކެޓްގަރީއަކަށް ނުފެތޭ. ނަމަވެސް ފިލްމުގައި ބިސްމިލާހި އަށް 786 ބުނެފައިވާ މަންޒަރާއި މަރިޔަމް ފަދަ ބަސްތައް ކަނޑަން ވާނީ އަންގާފައި" މުބާޝިރް ބުނެފައިވެ އެވެ.

ސެންސަރު ބޮޑުން އެދިފައިވާ ބަދަލުތައް ގެނެސް މިފިލްމު ޕާކިސްތާނުގެ މިހަފްތާ ބަންދުގައި އެޅުވޭވަރު ވާނެ ކަމަށް ފިލްމު އެގައުމުގައި ޑިސްޓްރިބިއުޓްކުރާ ފަރާތުން ބުނެ އެވެ.