އުތުރު ކޮރެއާ

އުތުރު ކޮރެއާއިން އާ މިސައިލެއް ޓެސްޓް ކުރަން ތައްޔާރުވެއްޖެ

Jun 22, 2016

މެދުރާސްތާގެ ބެލަސްޓިކް މިސައިލެއް ފޮނުވާލުމަށް އުތުރު ކޮރެއާއިން ތައްޔާރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އާ މިސައިލެއް ލޯންޗް ކުރުމަށް އުތުރުން ތައްޔާރުވުމުން އަވައްޓެރި ދެކުނު ކޮރެއާ އާއި ޖަޕާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޖަޕާނާއި ދެކުނު ކޮރެއާގެ މީޑއާގައި ބުނެފައިވާ ގޮތުގައި އުތުރުން "މުސްދާން" ގެ ނަމުގައި އާ މިސައިލެއް ލޯންޗް ކުރަނީ، މިއަހަރު މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން މި ސައިލެއް ލޯންޗް ކުރުމަށް މަސައްކަތް ކުރުމަށްފަހުގަ އެވެ. އެ ހަތަރު ފަހަރުވެސް، މިސައިލް ވަނީ ފެއިލްވެފައެވެ.

މިހާރު ލޯންޗް ކުރަން ތައްޔާރުވާ މިސައިލް 2500 އާއި 4000 ކިލޯމީޓަރަށް ވާސިލުވާނެ ކަމަށް ވެސް ދެކުނު ކޮރެއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ޔޮންހެޕް ނިއުސް އެޖެންސީން ބުނެފައިވަނީ މިސައިލް ޓެސްޓް ކުރަން ތައްޔާރުވާ ކަމުގެ ބައެއް ހެކިތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް ވެރިރަށް ސޯލްގެ ދިފާއީ އޮފިޝަލުން ވަނީ އެކަން ދޮގުކޮށް މަސްރަހު ގާތުން ބަލަމުން ދާކަމަށް ވިދާޅުވެފައެވެ.

ޖަޕާނުގެ ސަރުކާރުގެ ތަރުޖަމާން ޔޮޝީޑީ ސުގާ ވިދާޅުވީ އުތުރުން ލޯންޗު ކުރާ މިސައިލްގެ ކިބައިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށެވެ.

"އަހަރެމްން ވާނީ އަންގާފަ ދިފާއީ ބާރަށް، އަހަރެމެންގެ ރައްޔިތުންނާ ވަސީލަތްތައް ރައްކާތެރި ކުރަންފިޔަވަޅުތައް އަޅަން" ސުގާ ވިދާޅުވިއެވެ.