ލައިފްސްޓައިލް

ލޯބީގެ އަސަރު ހަށިގަނޑަށް ކުރަނީ ކިހިނެތް؟

އިނގިރޭސި ވިލާތުގެ މަޝްހޫރު ރޮކް ބޭންޑް، ރޮކްސީ މިއުޒިކް އިން ބުނަނީ "ލޯތްބަކީ މަސްތުކޮށްލާ ބޭހެކޭ" މިހެންނެވެ. ދިވެހި ލެޖެންޑަރީ ލަވަކިޔުންތެރިޔާ ޖޭމު ދޮންކަމަނަ ބުނަނީ "ލޯތްބަކީ މުޅި ޒިންދަގީ ބަރުބާދުކޮށްލާ ވޭނެކޭ"، މިހެންނެވެ.

އެހެންވީމަ ސައިންސް ބުނަނީ ކީކޭތޯ ބަލާލަމާ ހިނގާށެވެ. މި ވާހަކަ ދައްކަން މިއަށް ވުރެ ވަކި މުނާސަބު ދުވަހެއް ދެން އަންނާނެ ހެއްޔެވެ؟

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ސިކުނޑީގެ ވަކި ސަރަހައްދަކަށް އެއިން ކުރާ އަސަރު ބޮޑުވުމަކީ މަސްތުވާތަކެއްޗަށް އެ ބަޔަކު ދެވިހިފާ މައިގަނޑު ސަބަބެވެ. އިޝްގުގައި ޖެހި ލޯބީގެ ކޯރަކަށް ހިތް ބަންޑުންވުމުން ވެސް ސިކުނޑީގައި ލޯބީގެ ރަތް ބޮކި ދިއްލެނީ މި ދެންނެވި ހިސާބުގަ އެވެ.

ރަލާއި، ކޮކެއިން ފަދަ މަސްތުވާތަކެތި ބޭނުންކުރާ މީހާގެ ސިކުނޑި އަށް ކުރާ އަސަރު، އިޝްގީ ލޯބީގައި ޖެހޭ މީހާގެ ސިކުނޑި އަށް ވުރެ ކުރެ އެވެ. ހިތްނުފުރެނީ އެހެންވެ އެވެ. ލޯބީގައި ދީވާނާވެގެން ދަނީ މި ސަބަބާ ހެދި އެވެ.

ލޯތްބަކީ ހަމަ އަސްލަށް ވެސް "މަސްތުކުރުވާ ޒާތުގެ ބޭހެކެވެ". ނުވަތަ "މުޅި ޒިންދަގީ ބަރުބާދުކޮށްލާ ވާނެކެވެ."

މަސްތުވާއެއްޗަކަށް ދެވި ހިފާފައި ހުންނަ މީހާ އަށް އެ އެއްޗެއްގެ ދޮރު ބަންދުވުމުން ދެން ކަންތައް ވެގެންދާ ގޮތް ނުދެކެނީ ކޮން ދިވެއްސެއް ހެއްޔެވެ؟ ލޯބީގެ އުނގަށް ބަންޑުންވާ މީހާ އާއި ލޯބީގެ އުނގުން ނަގައި އެއްލައިލާ މީހާ ވެސް އުޅެނީ ހަމަ މި ހާލެއްގަ އެވެ.

އިޝްގުގައި ޖެހި މީހަކު ދެކެ ލޯބިވެވުނީމަ އުތުރިއަރައިގެން ބަންޑުންވާ މި އިހްސާސްތަކުގެ އަސްލު ގުޅިފައި ވަނީ ސިކުނޑިގައި ދައުރުވާ ކެމިކަލްސްގެ މާއްދާތަކެއް ކަމުގައިވާ ނިއުރޯޓްރާންސްމިޓާއާ އެވެ. މިފަދަ ނިއުރޯޓްރާންސްމިޓާތަކަށް ބަލާއިރު ޑޮފެމީން އަކީ އުފާވެރިކަން ބަންޑުންކުރުމުގައި އެންމެ މުހިންމު ރޯލެއް ކުޅޭ ނިއުރޯޓްރާންސްމިޓާ ހޯމޯން އެވެ.

ދެ މީހަކު ލޯބިން ގައިގޯޅިވެލާ ހިނދު އުތުރިއަރައިގަންނަ އެ އިހްސާސްތަކުގެ އަސްލު ވެސް ގުޅިފައި ވަނީ ޑޮރެމީންއާ އެވެ. އޭގެ އިތުރުން އޮކްސީޓޮކްސިންއޭ ކިޔުނު ހޯމޯންއެއް ވެސް ލޯބިކުރުވުމުގައި މުހިންމު ރޯލެއް އަދާކުރެ އެވެ.

ކޮކެއިން ހަށިގަނޑަށް ނެގުމަކީ ވެސް އުފާވެރިކަމާ ގުޅިފައިވާ މައި ހޯމޯން، ޑޮފެމީން ނިކަން ގަދަ އަށް ކައްކާލާ ކަމެކެވެ. އެހެންވީމަ މަސްތުވާތަކެތިން ލިއްބައިދޭ "އަރާމާއި" ލޯބީގެ އަސަރުން ވެސް އަރާމު ލިއްބައި ދެނީ ސިކުނޑީގެ އެއް ތަނަކުން އުފައްދާ ހޯމޯންސްތަކަކާ ހެދިކަން އެބަ އެނގެ އެވެ.

ދެން މި އޮތީ ލޯބީގެ ތިން މަރުހަލާ އެވެ. ތަޖުރިބާކާރުން ބުނަނީ ފުރަތަމަ މަރުހަލާ އަކީ އެދުންވެރިކަންލައިގަންނަ ހިސާބު ކަމަށެވެ. މިއީ ފިރިހެނުންގެ ސެކްސް ހޯމޯންސް އާއި އަންހެނުންގެ ސެކްސް ހޯމޯންސް ކެކިއަރައިގަންނަ ހިސާބެވެ.

އަންހެނަކު ފިރިހެނަކާ ދިމާލަށް ނުވަތަ ފިރިހެނަކު އަންހެނަކާ ދިމާލަށް ލޯބީގެ ބާރުގައި އެންމެ ފުރަތަމަ ދަމައިގަންނަނީ މި ދެ ޖިންސުގެ ދެ ހޯމޯންސްތަކަށް އަންނަ ބަދަލުތަކަކާ ގުޅިގެން އުފައްދާ ޝައުގުވެރިކަމެއްގެ ތެރެއިންނެވެ.

މި ޝައުގުވެރިކަމުގެ ތެރެއިން ލޯބި އިތުރަށް ފައްކާކުރަނީ އެޑްރެނަލިން އާއި ޑޮފެމީން ސެރޯޓޮނިން ހޯމޯންސްތަކެވެ.

ހިތުގައި އަޅައިގެން އުޅޭ އަންހެން ކުއްޖާ ނުވަތަ ފިރިހެން ކުއްޖާގެ މޫނު، މޫނު ބަލާ ލޯގަނޑު ތެރެއިންނާއި ކާން އިންނަ ބަތްތަށީގެ ތެރެއިން ވެސް ފެންނަހެން ހީވާ ފަހަރު ދަނީ ސެރޯޓޮނިން ހޯމޯންސްގެ ސަބަބުންނެވެ.

މި މަރުހަލާ ކާމިޔާބުކުރުމަށް ފަހު ދެން އަންނަނީ ސްޓޭޖު ތިނެކެވެ. އެއީ ގުޅުން އުފެދި ގުޅިލާމެހިގެން ދިއުމެވެ. މި މަރުހަލާގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދެ ހޯމޯނަކީ އޮކްސީޓޮކްސިން އާއި ވެސޯޕްރެސިން އެވެ. މިއީ ލޯބިން ގުޅޭ ދެ ހިތެއް ވަކިވިޔަ ނުދީ ހިފެހެއްޓުމަށް ބޭނުންވާ އެންމެ މުހިންމު ދެ ހޯމޯނެވެ.

މި މަރުހަލާ އަށް ފަހު އެހެން ސީޒަނެއް ވެސް އާދެއެއް ނޫން ހެއްޔެވެ؟ އެއީ ބިޓު ކަޓައިގެން އަންނަ މޫސުމެވެ.