ނަވާރަ ސަތޭކަ ނުވަދިހަ ހަވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޖަރުމަނު ގެންދިޔައީ ބަދަލު ކުޅުންތެރިޔާ އޮލިވާ ބިއަހޯފް ޖަހައިދިން ގޯލުންނެވެ. އޭގެ ހަތަރު އަހަރު ފަހުން ފްރާންސް ތަށި ހޯދީ އިޓަލީ ކޮޅަށް ބަދަލު ކުޅުންތެރިން ގޮތުގައި ނުކުތް ސިިލްވަން ވިލްޓޯޑް އެއްވަރުކޮށްދިން ފަހުން ޑޭވިޑް ޓްރެޒެކޭ ޖަހައިދިން ރިހި ގޯލުންނެވެ. އެންމެ ފަހުން ސްޕޭން ތަށި ހޯދީ ވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުމެ ފެނާންޑޯ ޓޮރޭޒް އާއި ޑޭވިޑް ސިލްވާ ޖެހި ގޯލުތަކާއެކުގަ އެވެ.
ފްރާންސްގައި މިހާރު ކުރިއަށްދާ ޔޫރޯގެ ފައިނަލް މެޗު އޮތީ މާ ދުރުގަ އެވެ. އެކަމަކު ބަދަލު ކުޅުންތެރިންގެ ފަހު ވަގުތުކޮޅުގައި ޖަހަމުންދާ ގޯލުތަކުން ކުރީގެ ހަނދާންތައްދަނީ އާވަމުންނެވެ.
ފުޓްބޯޅަ އަކީ ދުނިޔޭގެ އެއްވަނަ ކުޅިވަރަށް ހަދައިދެނީ ފޯވަޑުންގެ ގޯލުތަކުންނެވެ. ގިނަ ފަހަރަށް ވިދާލަނީ ވެސް ފޯވަޑުންނެވެ. އަގު ބޮޑުކޮށް ގަނެ ވިއްކަނީ ވެސް ފޯވަޑުންނެވެ. މިހެންވެ ޓީމެއް ސެޓް ކުރާއިރު އެހެން ކުޅުންތެރިންނަށް ނުލިބޭ އެތަކެއް ހާއްސަ ކަމެއް ފޯވަޑުންނަށް ލިބިދެ އެވެ. ފޯވަޑުން ޓީމުގައި ގިނައިން ހިމަނަނީ ވެސް އެމީހުންގެ މުހިންމުކަމުންނެވެ.
މިފަދަ އެންމެ ހިތްގައިމު މަންޒަރެއް ފަހުގެ ތާރީހެއްގައި ފެނުނީ އިޓަލީގެ ފަރާތުންނެވެ. ދެހާސް ހަވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޯޗު މާސެލޯ ލިއްޕީ އައީ ކުރިއަށް ކުޅޭ ހަ ކުޅުންތެރިއަކު ގޮވައިގެންނެވެ. އެއީ ފްރޭންޗެސްކޯ ޓޮޓީ އާއި ލޫކާ ޓޯނީ އާއި ފިލިޕޯ އިންޒާގީ އާއި އަލްބާޓޯ ޖިލާޑީނިއޯ އާއި ވިންސެންޒޯ އިއަކުއިންޓާ އާއި އަލްސެންދްރޯ ޑެލްޕިއެރޯ އެވެ. އިޓަލީ ކަހަލަ ވަރުގަދަ ޑިފެންސެއް އޮތް ޓީމަކަށް މިއީ ކީއްކުރާހާ ފޯވަޑުންނެއްތޯ މުބާރާތުގެ ކުރިން ސުވާލު ކުރުމުން ޖަވާބުގައި އޭނާ ބުނީ އެސުވާލުގެ ޖަވާބު ކޮންމެ މެޗަކަށް ފަހު ވެސް ލިބޭނެ ކަމަށެވެ. އެފަހަރު ފައިނަލުގައި ފްރާންސްގެ ބަލިކޮށް އިޓަލީ ތަށި ހިފައިގެން ގައުމަށް ދިޔައިރު މިއިން ކޮންމެ ފޯވަޑުން ލަނޑު ޖެހި އެވެ.
މި ފަހަރުގެ ޔޫރޯގައި އެންމެ ގިނަ ފޯވަޑުން ހިމަނާފައިވަނީ އިންގްލޭންޑުންނެވެ. ފަސް ފޯވަޑުން ހިމެނޭ ޓީމުން މިހާތަނަށް ވިދާލާފައިވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުތް ދެ ފޯވަޑުންނެވެ. އެއީ ޖިމީ ވާޑީ އާއި ޑެނިއަލް ސްޓަރިޖެވެ. ފުލްކޮށް ކުޅެން ނެރުނަސް ހެރީކޭން އަދި ގޯލެއް ނުޖަހަ އެވެ.
ދެ ލަނޑުން ޓީމުތައް މޮޅުވަމުންދިޔައިރު ފަހު ގޯލު ފެނިގެންދިޔައީ ވެސް ބަދަލު ކުޅުންތެރިންގެ ފަރާތުންނެވެ. ޔުކްރޭން އަތުން ޖަރުމަނު މޮޅުވި މެޗުގެ ފަހު ލަނޑު ބަސްޓިއަން ސްވައިންސްޓައިގާ ޖެހީ މެޗުގެ ނިމެން ކައިރިވީއިރު ވެސް ބެންްޗުގައި އިނދެފައި ނުކުމެ އެވެ. ހަންގޭރީގެ ޒޯލްޓާން ސްޓެއިބާ އާއި ނޮދަން އަޔަލޭންޑްގެ ނިއާލް މެކްގިން ވެސް ލަނޑު ޖެހީ ބެންޗުން ކުޅެން ނުކުމެ އެވެ.
ޗެކް ރިޕަބްލިކްގެ ކޯޗު ޕަވެލް ވާބާ އަކީ ވެސް ބެންޗުގެ ބޭނުން ހެޔޮގޮތުގައި ހިފި ކޯޗެކެވެ. ކްރޮއޭޝިޔާ ދެ ލަނޑު ޖަހާފައި އޮއްވާ އެ މެޗު 2-2 އިން އެއްވަރުކޮށްދިނީ ފަހު ހާފުގައި އޭނާ ކުޅެން ނެރުނު ދެ ކުޅުންތެރިން ކަމަށްވާ މިލާން ސްކޯޑާ އާއި ތޯމަސް ނެސިޑެވެ. ސްލޮވާކިޔާގެ އޮންދްރޭ ޑޫޑާ އާއި ވޭލްސްގެ ހާލް ރޮބްސަން ކާނޫ އަކީ ވެސް މި ލިސްޓުން ފާހަގަ ކުރެވޭ ކުޅުންތެރިންނެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ނިމިގެންދިޔައީ ވެސް ބަދަލު ކުޅުންތެރިއެއްގެ ޑްރާމާއަކުންނެވެ. އޮސްޓްރިއާ ކަޓުވާލާފައި މުބާރާތުގައި ވާދަކުރާ އެންމެ އާބާދީ މަދު ގައުމު އައިސްލޭންޑް ދެ ވަނަ ބުރަށް ދިޔައީ އެންމެ ފަހު މިނިޓްގައި އާނޯ ޓްރައުސްޓްސޮން ޖެހި ގޯލުންނެވެ.